ފިލްޒާގެ ޣައިރު ޤާނޫނީ ލަފައިން މަޖިލިސް މަރުތަޅު

ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެން ޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު ޖަލްސާ ބާއްވަންޖެހޭ

ފިލްޒާގެ ޣައިރު ޤާނޫނީ ލަފައިން މަޖިލިސް މަރުތަޅު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވެސް ބައްޔާލާ ހައްދަވާފައި ތިބޭ ބައެކެވެ. ހާލަތު ހުންނަ ގޮތުން މަޖިލީހަށް ހާޒިރު ނުވެވުމަކީ އައުކަމެއް ނޫނެވެ. އައުކަމަކަށް ވެގެން މިއުޅެނީ ވަކި ބޭނުމަކަށްޓަކާ ވަކި މީހަކު ހާޒިރުވެ ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ހާޒިރުނުވުމުން އެކަމެއް ނުކުރެވުމެވެ. 

ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށަހެޅިފައިވާ މައްސަލައެއްގައި އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ބާއްވާ ޖަލްސާގެ ރިޔާސަތުގައި އިންނަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަނެ އެކަމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެންޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ބާއްވާ ޖަލްސާ ބާއްވަން ގަވައިދު ލާޒިމު ކުރެއެވެ. އެދުވަހު ބާއްވަން ޖެހޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ގަވައިދުގައި ބުނާ ނައިބު ރައީސް ސިކްލީވްގައި ހުރުމުން ޖަލްސާއަކަށް ހާޒިރެއް ނުވެވުނެވެ.

ވަކި މީހަކު ރިޔާސަތުގައި އިނދެގެން ވަކި ދުވަހަކު ބާއްވަންޖެހޭ ޖަލްސާއެއް އެދުވަހު ނުބޭއްވުނީމާ އެނޫން ދުވަހެއްގައި އެ ޖަލްސާ ބޭއްވި ދާނެ ކަމަކަށް ގަވައިދެއް ގާނޫނެއް ނުބުނެއެވެ. އެކަމަކު ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭ ޖަލްސާ އަކަށް އެއިން މީހަކު ހާޒިރު ނުވެއްޖެ ނަމަ ހަދަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބުނެއެވެ.  

ގާނޫން އަސާސީގެ 82 ވަނަ މާއްދާގެ (ށ) އެކަމަށް ހައްލު ހޯދާ ދީފައިވެއެވެ. 82 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ " ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސެވެ. ރައީސާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީއެވެ". 

"ރައީސާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" ކަމަށް ބުނެފާ އޮތުމުން ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަންޖެހޭ ވަކި ޖަލްސާއެއް އިސްތިސްނާއެއް ނުވެއެވެ. ރައީސް ރިޔާސަތު ބަލަހައްޓަން ލާޒިމުކުރާ ޖަލްސާތަކާއި ނައިބުރައީސް ރިޔާސަތު ބަލަހައްޓަން ލާޒިމު ކުރާ ޖަލްސާތަކަށް ކޮންމެ ސަބަބަކާ ހުރެ އެ މީހަކު ހާޒިރު ނުވިޔަސް ވަކި އިރަކު ވަކިބޭނުމަކަށް ބާއްވަން ލާޒިމުކުރާ ޖަލްސާތައް މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައިގެން ކުރިއަށް ގެންދަން ޖެހެއެވެ. 

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަނެ އެކަމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެން ޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ޖަލްސާ ބާއްވަން ގަވައިދު ލާޒިމު ކުރާއިރު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައިގެން ކުރިއަށް ގެންދެވެން އޮވެމެ އެކަން ނުކުރުމަކީ އިދާރީ މޭޒުން ކުރި ގައިރު ދުސްތޫރީ ކުށެކެވެ. 

މައްސަލަ ބަލައިގަނެ އެކަމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަކޮށް ދެން ޖެހޭ ރަސްމީ ބަންދު ނޫން ފުރަތަމަ ދުވަހު ކުރަންޖެހޭ ކަމެއް އެދުވަހު ނުކޮށް އޭގެ ފަހުގެ ދުވަހެއްގައި ކުރުމަކީ އެކަމުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ކުރަން އޮތް ތާރީހުގައި ނުކުރެވުމުން ދެން އެކަން ކުރަން ޖެހޭނީ ގަވައިދުގައި ނެތްކަމެއް ކުރިމަތިވުމުން ކަންކުރަން ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށެވެ. މިފަހަރު ކައުންސިލަރ ޖެނެރަލް ފިލްޒާއަށް ދެއްވުނީ ގައިރު ގަނޫނީ ލަފައެކެވެ. އެކަމުން އެޅުނީ މަޖިލީހުގައި މަރުތަޅެވެ.