ސަރުކާރު ހަޔާތްކެނޑުމުން ފައިސާވެރިން ހަޔާތްކެނޑޭނެ!
ހެޕީމާކެޓުވަރު ކުންފުންޏަކުން ބޮންޑު ގަންނަ ސަރުކާރަކަށް ތެޅޭނީ ނަކަސް
ގައުމެއްގެ ރައީސް ކަން ލިބުމަކީ އެގައުމެއްގެ މިލްކުވެރިކަން ލިބުމެއް ނޫނެވެ. އެއްޗެއްގެ މިލްކުވެރިކަން ލިބުނަސް ހިތުހުރި ގޮތެއް ހަދަން ވެއްޖެނަމަ އެއެއްޗެއް ސަލާމަތަކުން ނޯވެއެވެ. ބާރު ވެރިކަމެއް ލިބުމުން ތަނެއް ދޮރެއްނުބަލާ އުޅެގަތުމުން ލިބޭނީ އަބު އުފުރާލި މިނިކާ ވަގަށް ލިބުނު ލަނޑެވެ. ކުރިން ވެރިކަން ކުރި ވެރީން ބައެއްކަންކަން ނުކޮށްތިބީ ނުކުރެވޭނެ ތީއެއް ނޫނެވެ. ކޮށްގެން ލިބޭނެ ގެއްލުމުގެ ބޮޑު ކަމުންނެވެ.
ހިނގަހިނގާ އޮތް ގައުމެއްގައި ކަންކަން ތަރުތީބުވެގެން އަންނަ ހަމަތަކަކާ އުސޫލުތަކެއް އޮވެއެވެ. ގަދަ ކަލޯ ހެދިގެން ކުއްލި ކުއްލިޔަށް ގެންނަ ބަދަލުން އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުމާ ހަލާކު ޖެހިދާނެއެވެ. ދުރު ވިސްނުމެއް އެކޮޅު މިކޮޅު ބެލުމެއް ނެތި ބާރު އޮތީތީ ޖަޒްބާތުގައި އެނބުރި ގަންނަ ގަތުމުން ގިނަ ފަހަރަށް ކެނޑެނީ ކެނބެވެ. ތިމަން މިހުރީ ރައްޔިތުން ފަޅީގައޭކިޔާ މުއިއްޒު ގުންފައި ޖަހާއިރު ބުރުވަނީ އަޅިކަން އެންމެނަށް އެނގެއެވެ.
އެއިރަކު އޮންނަ އުސޫލެއްގެ ތެރެއިން ބޮޑެތި އިންވެސްޓްކޮށްގެން ކުރަމުންދާ ވިޔަފާރި ފުނޑާލަން ވިޔަފާރިކުރާ އެއްވެސް މީހަކު ފުރުސަތެއް ނުދޭނެއެވެ. ވިޔަފާރިއަށް ގެއްލުމެއް ވެދާނެ ކޮންމެ ކަމަކުން ސަލާމަތްވާން ކުރެވެން އޮތް ކަމެއް ކުރާނެއެވެ. ވިޔާފާރި ތަކަށް ލުއިފަސޭހައެއް ކޮށްނުދޭތާއި ޒާތް ޒާތުގެ އުސޫލު ހަދައިގެން މަސައްކަތް ނުކޮށް ފައިސާ ޓެކެން އުޅޭ ޕާޓޭއެއް ފެންވަރަށް ރައީސްމީހާ ވެއްޓުނީމާ ޓައިކޫނުން ބަލަހައްޓައިގެނެއް ނުތިބޭނެއެވެ.
ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅު ޖީބަށް އަތްބާނާފައި ނަގާ ހިސާބަށް ވެރިއެއްގެ ހަޔާތް ކެނޑިއްޖެއްޔާ ފައިސާވެރިންވެސް ހަޔާތް ނުކެނޑިއެއް ނުތިބޭނެއެވެ. އެހާލަތުގައި ދިފާއުގައި ކުރެވުނު ކަމެއް ނުކޮށެއް ނުހުންނާނެއެވެ. އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލޭ ވަރަށް ސަރުކާރެއް ކުޅޭކުޅޭ ވާތަން ބަލާކަށް ރާއްޖޭގައި އިންވެސްޓްކޮށްގެން ހުރި އެކަކުވެސް ނުހުންނާނެއެވެ. ސަޕޯޓަރުން ހެއްވަން ޕޯޑިއަމްގައި ކަނޑާ ބައިސާއަށް ވިޔަފާރި ވެރިން ނުނަށާނެއެވެ.
ގަބޫލުކުރަން ބޭނުން ނުވިޔަސް ވީގޮތަކަށް މުއްސަދިވެ މަދު ބައެއްގެ މުށުތެރޭގައި ރާއްޖެ އޮތީ އިއްޔެއަކު މިއަދަކުނޫނެވެ. އެއްވެސް ސަރުކާރަކުން ވިޔަފާރި ވެރިންނަށް ޖެއްސުމެއް ނުކުރެއެވެ. އާއްމުން ތެރޭގައި ވިޔަފާރި ވެރިންނާމެދު ނުތަނަވަސް ކަމެއް އޮތަސް އެކަމެއްގެ ހައްސާސްކަމަށް ވިސްނައިގެން ހެޔޮ މަގަށް ކަންކަން ބަދަލުކުރެވޭތޯ ބަލައެވެ.
ޓެކްސްތަކާ ފީތައް ބޮޑުކޮށް އުނދަގޫ ވާނެ ހުރިހާ ގޮތަކަށް ކަންކަން ކޮށްފައި ކިޔާހާ ލަވަޔަކަށްނަށާ އެއްބާރުލުން ލިބޭނެކަމަށް މުއިއްޒު ހީނުކުރާށެވެ. ނުދޭނެއެވެ. އަމްދުން ގައުމުގައި ތިބި ފައިސާވެރިންގެ ތިޖޫރީތަކުގެ ތަޅުދަނޑި މަނިޓަރީ ގަވަރުނަރަކާ ހަވާލެއް ނުކުރާނެއެވެ. ކޮންމެ ވިޔަފާރިއަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔާ ހިދުމަތުގެ އަގާއި ޓެކްސްތަކަކީ ކަނޑައެޅިި ނިމިފައި ހުންނަ އެއްޗެކެވެ. ގަދަކަމުންވެސް ސަރުކާރަށް ހޯދޭނީ އެތަކެއްޗެވެ. ވިޔަފާރި ވެރިޔާ ފައިސާ ބަހައްޓާނެ ބޭންކެއް ފައިސާ މާރުކުރާނެ ވަރެއް އިންނާނެ މީހެއް ނިދާނެ އެދެއް ކަޑައަޅާނީކީ ސަރުކާރަކުން ނޫނެވެ.
ވެރިމީހާ ބޭނުންވުމުން ގުޅީ އީސާ ކަލޭފާނާއި ހިރިހަމައިދި ކަލޭފާނާއި ދިއްދޫ އިބްރާހީމް ކަލޭފާނުމެންގެ ޒަމާން ދުއްވާލެވުނަސް މިއީ އެދުވަހެއް ނޫނެވެ. މުއިއްޒު ބޭނުން ވިޔަސް މިހާރު މަހުޖަނެއްގެ ހިޔަންޏަށް ވެސް މުއިއއްްޒަށް ނާދެވޭނެއެވެ. ހެޕީ މާކެޓް ކަހަލަ ކުންފުންޏަކުން ބޮންޑު ގަނެގެން އުޅޭ ހީރަސް ކެނޑިފައިވާ ސަރުކާރަކަށް ތެޅޭނީ ހުސްވެސް ނަކަހެވެ. ހިއްވަރެއް ހުރިއްޔާ ޔުނިވާރސަލް ރިސޯޓްތަކާއި ޗަންޕާ ރިސޯޓްތަކުން ތިޔަބުނާ ގޮތަށް ބޭންކުތަކަށް ޑޮލަރު މާރުކޮށްލުވާލަ ބަލާށެވެ.
އެނބުރޭ ގޮނޑީގައި މިވަގުތު ތިބެވިގެން ލައްކައެކޭ ހީވެ ތިޔަހެން ސަރުކާރުން ކައްކަންއުޅޭ ފޮލައެއް ނުކެއްކޭނެއެވެ. މަހުޖަނުން ސަރުކާރުން އަތްދޫކޮށްލާ އެއްފަރާތަށް ޖެހެލާތާ އައްޑަން ނުވަނީސް ސަރުކާރު ވެއްޓި ފުނޑުފުޑު ވާނެއެވެ. ހޭބުއްދި ފިލާފައި ތިބޭ އަގުޅިނެއް ސޮހޮލުން ބަގީޗާއެއްކަމަށް އަލިފާނަށް ވެސް ފުންމާލަފާނެއެވެ.