ވަޒީފާގެ ހައްގުގައި ބިދޭސީންނަށް އިހުތިޖާޖް ކުރެވޭނެ!
ދިވެހިރާއްޖޭގައި ބިދޭސީން މުޒާހަރާކުރުމާއި އެއްވެ އުޅުން މަނާކުރާ ގާނޫނެއް ނެތެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި، ވިސާގެ ގަވާއިދުތަކާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ކޮންމެ ގޮތަކަށް މާނަ ކުރިޔަސް ބިދޭސީން އާންމު ތަންތަނަށް އެއްވެ އިހުތިޖާޖު ކުރުން މަނާކުރާނެ ފުރުސަތެއް ރާއްޖޭގެ އެއްވެސް ގާނޫނަކުން ނުދެއވެ.
ބިދޭސީން އިހުތިޖާޖު ކުރުން މަނާވާ ގޮތާއި އެކަމުގެ ގާނޫނީ ހުއްޖަތްކަމަށް ބުނާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު (ގާނޫނު ނަންބަރު: 1/2007) ގާނޫނުން ބިދޭސީން އިހުތިޖާޖުކުރުން މަނައެއް ނުކުރެއެވެ. ބިދޭސީން މުޒާހަރާކުރުން މަނާކުރާ އެންމެ މައިގަނޑު ގާނޫނީ އަސާސަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު ކަމަށް ބުނެ ދައްކާ ހުއްޖަތަކީ ވިސާގެ ޝަރުތެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ބިދޭސީއަކަށް ރާއްޖެއަށް ވަދެވޭނީ އަދި ހުރެވޭނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ދޫކުރެވޭ ހުއްދައެއްގެ ދަށުން ކަމަށްވުމަކީ ހައްގަށް ވަކާލާތު ނުކުރެވެންވީ ސަބަބެއް ނޫނެވެ. ބިދޭސީންނަށް ވިސާ ދޫކުރަނީ ވަކިކަމެއް ކުރަން ކަމުގައި ވުމަކީ ވިސާ ދޫކުރި ކަންނޫން އެހެން އެއްވެސް ކަމެއް ނުކުރެވެންވީ ސަބަބެއް ނޫނެވެ.
ވަޒީފާ އަދާކުރުމަށް ވިސާ ހޯދައިގެން ރާއްޖޭގައި އުޅޭ ބިދޭސީއަކަށް ވަޒީފާ އަދާކުރުން ނޫންކަމެއް ނުކުރެވޭ ކަމަށް ވާނަމަ ވަޒީފާގެ ބޭރުން ކުރަންޖެހޭ ކަމަކަށްވާތީ ފަސްއިރު ނަމާދަށް މިސްކިތައްވެސް އެރިގެން ނުވާނެތާއެވެ. އީދުކުޅިވަރު ކުޅުމަށާއި އީދުނަމާދުގެ ބޮޑުޖަމާއަތް ފަދަ ގިނަ މީހުން އެއްވާ އެއްވުންތަކުގައި ބައިވެރިވެވިގެން ނުވާނެތާއެވެ.
މަސްވެރިކަން ކުރުމަށް ނުވަތަ ވަކި ފަރާތެއްގެ މުއައްޒަފެއްގެ ގޮތުގައި ވިސާ ލިބިގެން އުޅޭ ބިދޭސީ މީހާގެ ވަޒީފާއަކީ ވަކިދޯންޏެއްގައި މަހަށް ފުރުމާއި ވަޒީފާ އަދާކުރުމުގެ ގޮތުން މަހަށްދާ ދޯނީގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމެވެ. ވިސާގެ މަގުސަދަށްޓަކައިވެސް ބިދޭސީ މީހާއަށް ވަޒީފާ އަދާކުރާ ދޯނިން ހިންގާ ކޮންމެ ހަރަކާތެއްގައި ބައިވެރިވުން ލާޒިމެވެ.
އެހެން ނޫނަސް އަދާކުރާ ވަޒީފާގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކުރުމަކީ ވިސާގެ މަގްސަދާއި ޝަރުތާ ހިލާފުވުމެއް ނޫނެވެ. ބިދޭސީ މަސައްކަތްތެރިން އެ މީހުން އަދާކުރާ ވަޒީފާއާއި ގުޅިގެން ކަށަވަރު ހައްގެއް ހޯދަން ދައުވާ ކުރުމާއި ވަކާލާތުކުރުމާއި މުޒާހަރާ ކުރުމަކީ، އެ މީހުންނަށް ދީފައިވާ "ވޯކް ވިސާ" (މަސައްކަތް ކުރުމުގެ ހުއްދަ) ގެ ޝަރުތުތަކާ ހިލާފު އަމަލެއްވެސް ނޫނެވެ. ހައްގު ހޯދަން އިހުތިޖާޖު ކުރުމަކީ ކޮންމެ މީހަކަށްވެސް އޮތް ހައްގެކެވެ.



