ކުރީގެ ރައީސުންގެ ދެލިފޭލި އުފުލުމަކީ މުސީބާތެއް
ރައީސްކަން ކުރާ މީސްމިހުން ވެރިކަމުން ފޭބުމުން ޖަލަށް ދާން ޖެހޭ ސަގާފަތް
ރާއްޖެއަކީ ހާދަހާވާ ހައްގު ބޮޑު ތަނެކެވެ. ކޮންމެ މީހެއްގެ ހައްގު ބޮޑުވެގެން އަތްގުޅި ނުކައެވެ. ވަކި ކަހަލަ ކަމެއް ކުރާ ވަކިބައެއް ވީމާ ކޮންމެ ކަމެއް ކުރިޔަސް ހެޔޮތާއެވެ. ލިބޭ ހައްގާއެކު ޒިންމާތަކަކާއި ވާޖިބުތަކެއް އިންތިޒާމުތަކެއްގެ މަތިން އުފުލަން ޖެހޭކަން ދެނަ ހުރި އެކަކު ވެސް ހައްގުގެ ވާހަކަ ނުދައްކައެވެ.
މިހާރަކަށް އައިސް މާ ބާރަކަށް ދައްކާ އެއް ވާހަކަ އެކެވެ. ރާއްޖޭގައި ރައީސްކަން ކުރާ މީސްމިހުން ވެރިކަމުން ފޭބުމުން ނުވަތަ ބޭލުމުން ޖަލަށް ދާން ޖެހޭ ސަގާފަތެއް އަށަގަންނަ ވާހަކައެވެ. ރައީސްކަން ކުރިޔަސް އެހެން ކަމެއް ކުރިޔަސް ޖަލަށް ދާން ނުޖެހޭ ގޮތަށް އެކަމެއް ކުރާނަމަ އެކަމަކަށް ފަހު ޖަލަކަށް ދާކަށް ނުޖެހޭނެ ނޫން ހެއްޔެވެ.
ރައީސްކަން ކުރުމަކީ އެ މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް ޝަރީއަތްކޮށް ކުށް ސާބިތުވެއްޖެ ނަމަ އަދަބު ނުދިނުމަށް އޮތް ލައިސަންސެއް ނޫނެވެ. ވެރިކަމުގައި ހުރެ ގައުމު ދަވާލާ ތިޖޫރީ ހުރިތާ ވަޅުގަނޑު ވެސް ނުހުންނަވަރު ކޮށްލާފައި ފޭބުމުން ވެސް ރައީސްކަން ކުރީތީ ދެފުށުން ފިރުމަން ވީހެއްޔެވެ. ފުށްޖައްސައި އަތަރުލައި ދުންބުރުވަން ވީހެއްޔެވެ. ދައުލަތުން މުސާރައާއި އިނާޔަތާދީ ބާނދީން ލައިގެން ހަރު މުދަލެއްގެ ގޮތުގައި ބަލަހައްްޓަން ވީހެއްޔެވެ.
ކޮންމެ މީހަކަސް އެ މީހަކު ކުޅަކަމެއްގެ ރަހަ ދެކެން ޖެހޭނެއެވެ. ރައީސްކަން ކޮށްފައި ތިބޭ މީހުން އެ މީހުން ކުރިކަމަކާ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހޭ ކޮންމެ ބުރައެއްގެ ޒިންމާ އެ މީހަކު ނަގަން ޖެހޭނެއެވެ. ކުރާނެ ކަމެއްކޮށް ހަދާނެ އެއްޗެއް ހަދާފައި ދައުރު ނިންމާ ހީގަނެގެން ހުންނަ ފާޑުގެ ސަގާފަތެއް ގައުމުގައި އަށަގަތުމަކީ ވެރިކަމަށް އަރާ ކޮންމެ މީހަކު ދައުލަތް އިރާކުދިކޮށް ނޮޅާކާން ދޭ ތަޅުދަނޑިއަކަށް ނުވެ ނުދާނެއެވެ.
ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި ކުރީގެ ރައީސުންނަށް ކުރާ ހޭދަ މިހާރު ވެސް ދައުލަތް ހިންގާ މީހާއަށް ވުރެ ފުކެއް ކުޑައެއް ނޫނެވެ. މިދާވަރުން ކުރީގެ ރައީސްގެ އިނާޔަތް ދީގެން ކިތަކަށް މީހުން ކޮންމެ ޖީލެއްގައި ދައުލަތުން ބަލަހައްޓަން ތިބޭނެ ބާވައެވެ. ރައީސްކަން ކުރާ މީހަކު ރައީސްކަން ކުރަނީ އެމުއްދަތުގައި ދައުލަތުން މުސާރަޔާ އިނާޔަތް ނުލިބިއެއްނޫނެވެ. ކުށްވެރި ނުވެ ރީތި ގޮތުގައި ވެރިކަން ކޮށް ނިންމަލާ މީހަކަށް ޝަރަފާއި ރަމްޒީ އިހުތިރާމް އަދާ ކުރުމަކީ ގޯހެއް ނޫނެވެ. އެހެނަސް ދައުލަތަށް ބަލަދު އެރުމަކީ ބޮޑު ގޯހެކެވެ. އާނއެކެވެ. ކުރީގެ ރައީސުންގެ ދެލިފޭލި އުފުލުމަކީ ބޮޑު މުސީބާތެކެވެ.