ޝޯޓްކަޓުން މުއްސަނދިވާ ވާހަކަ މުއިއްޒު ދެއްކުން ރީއްޗެއްނޫން

ޝޯޓްކަޓުން މުއްސަނދިވާ ވާހަކަ މުއިއްޒު ދެއްކުން ރީއްޗެއްނޫން

ގެސްޓް ހައުސް ވިޔަފާރިކޮށްގެން އާއްމު ރައްޔިތުން އާމްދަނީ ހޯދާތީ ތިޔަހުރެ އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. ބޮޑެތި ރަތްލާޖެހި ވަގުން ކުރާނެ ގޮތަކަށް ވައްކަން ކުރަން ދީގެންހުރެ ހުއްދަ މަސައްކަތެއްކޮށްގެން ބަޔަކު ފައިސާ ހޯދާތީ ދަތްކުނޑި ވިކޭނެ ކަމެއްނެތެވެ. 

ރިސޯޓު އޯނަރުން ދައުލަތުގެ މިލްކިއްޔަތު ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން ހޯދަނިއްޔޭ ކިޔައިގެން ވެސް ނުކިޔަނީ ކޮން އެއްޗެއް ހެއްޔެވެ. އެކި ނަންނަމުގައި ޓެކްސްތައް ބޮޑުކޮށް ނުވިތާކަށް އަންނަ ކޮންމެ ގެސްޓެއްގެ ބޮލުން ޑޮލަރު ނަގަން ފެށީ އިހަށް ދުވަހެވެ. 

ރާއްޖެގައި ބޭހުގެ ވިޔަފާރި ކުރާ މީހުންނަކީ ވަގުންނަށް ހަދާ ބޭސް ފިހާރަތައް ބަނގުރޫޓްގެ މަގަށް ދުއްވާލައިފީމު ނޫން ހެއްޔެވެ. އެންމެފަހުން އައިނުހަދާ ދޭންވެސް އެއޮތީ ފަށާފައެވެ. ބަޔަކު ހުއްދަ މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދަންޏާ އެކަމެއްގެ ތެރެއަށް ސަރުކާރު އެބަވަދެއެވެ. 

ސިއްހަތޭ ދަށްގޮހެރޭ ކިޔައިގެން ސިގިރޭޓްގެ ޓެކްސް ބޮޑުކޮށް ގޮތް ނެގޭ އެކިފަހަރު އެކިއެތި އަނބުރައިގެން ބޯން ޖައްސައިފިއެވެ. ވާނުވާނެނގި ގިނަ ފައިސާ ހޯދަން އުޅެން ހަދައިގެން ދުންފަތުން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން މަދުކޮށްފިއެވެ. ސިނގިރޭޓް ސުމަގުލް ކުރުން އާއްމުކޮށް ކުށުގެ ވެއްޓަށް ބަޔަކު ވައްދައިފިއެވެ. 

މީހަކަށް އާމްދަނިއެއް ލިބޭކަމެއްވިއްޔާ ހުއްޓުވާ ކިއްލިތަޅައިގެން ވިއްކާ ހިސާބަށް ސަރުކާރުން އާއްމު ވިޔަފާރިތަކަށް ވަދެއްޖެއެވެ. ރަށްރަށުގައި ޓޫރިޒަމް ވިޔަފާރި ކޮށްގެން ބަޔަކު އާމްދަނީ ހޯދާތީ މުއިއްޒަށް އެކަމެއް ހަޖަމެއް ނުވެއެވެ. ރަށްފުށު މީހާ ގޯތި ކުއްޔަށްދީގެންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެގެން ލާރިކޮޅުކޮޅު ހޯދާތީ ރަށްފުށު ޓޫރިޒަމް ނޭވާ ހޮޅިއަށް އަޅުވާލަން މަސައްކަތް ފެށީއެވެ. 

ހިޔާނާތާއި ކޮރަޕްޝަނުން ތަތްތެޅިގެން ހުރެ ޝޯޓްކަޓުން އެހެން މީހުން މުއްސަނދިވާ ވާހަކަ ދެއްކީމާ މީހުން ކުރަނީ މަލާމާތެވެ. ޖަހަނީ ޖޯކެވެ. އަރަނީ ރަތަށެވެ. މުއިއްޒުގެ ޖައްބާރުކަން ބޮޑުވެ ތިބީންނަށް މުސީބަތަކަށް މުއިއްޒު ވެއްޖެއެވެ. ގޯތިބޭ ދިޔަމަގުން ދުއްވާލަން މީހުން ނުނިކުމެއްޖެއްޔާ ގައިނަސީބެވެ.