އިސް މީހުނަށް ނުދައްކާ ބިރެއް މުއައްޒަފަކަށް ނުދައްކާނެ!
އިސްލާހީ ފިޔަވަޅެއް އަޅާ އިރަށް އެކަމެއް ސިޔާސީކޮށްގެން އުފައްދަނީ ފިތުނަ
ވަޒީފާގެ ބިރު މި ސަރުކާރުން ދައްކާ ކަމަށް ބުނެ މެންބަރު ފިރުޝާން ވާހަކަ ދެއްކާއިރު ހޮދު އޭނާވެސް އެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. ފިކުރެއްގެ ދިރުމަށް ތާއީދުކުރާ އާދައިގެ ދެރަވަރު މުއައްޒަފުންނަށް ބިރު ދެއްކުމަށްވުރެ އެފިކުރު އުފައްދާ ހިންގާ އިސްމީހުނަށް ފިޔަވަޅު އަޅަން ފުރުސަތު އޮވެ އެކަން ނުކުރާ ސަރުކާރަކުން އާދައިގެ މުއައްޒަފުންނަށް އެ ޒާތުގެ ބިރުދެއްކުމެއް ދައްކަފާނެ ކަމަށް ހަމަބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެއެވެ.
ފިކުރެއްގެ ދިރުމުގެ މައި މުގުލަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ފިކުރެއްގެ ދިރުމާ ދެކޮޅަށެވެ. ފިކުރެއްގެ ދިރުމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޖިލިސްގެ ރައީސް ކަމުން ރައީސް ނަޝީދު ބޭރުކޮށްލުމަކީ މި ސަރުކާރަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ފަސޭހަކަމާއެކު ބަދަލުކޮށްލެވެން އޮވެ އެކަންނުކޮށް އެ އޮތީ ތަފާތު ފިކުރަށް މި ސަރުކާރުން ޖާގަ ދޭތީއެވެ. ކުރެވެން ނެތިގެނެއް ނޫނެވެ.
ރައީސް އޮފީހުގެ މިނިސްޓަރުންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ސިޔާސީ މަގާމު ތަކަށް އައްޔަނުކޮށްފައި ތިބި އެތައް ބަޔަކު ރައީސް ސާލިހާ ދެކޮޅަށް ފާޅުގާ ފާޑުކިޔާ ފިކުރެއްގެ ދިރުމަށް ތާއީދުކޮށް އެ ފިކުރު ދިރުވަން ހޭކަނޑާލާފައި އެބައުޅެއެވެ. ރައީސް އައްޔަނު ކުރައްވާފައިވާ ސިޔާސީ މަގާމު ތަކުގައި ތިބެއެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންނާއި ބޯޑް މެންބަރުން ވެސް ރައީސްގެ ސިޔާސަތަށް ހާމަކަން މަތީ ފާޑުކިޔާ އިދިކޮޅަށްވުރެ އިދިކޮޅު ވެގެން އެތިބަގެން އުޅެނީއެވެ. އެކެއްގެ އެއް މަގާމުވެސް ނުގެއްލެއެވެ.
ކުންފުނިތަކާއި އޮފީސްތަކުގައި ހަމަޖެހިފައި އޮންނަ އުސޫލާ ހިލާފު ވެގެން އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ސިޔާސީ ފިކުރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ނަސޭހަތް ދިނުމާއި އިންޒާރު ކުރުމާއި ވަޒީފާއިން ވަކި ކުރުމަކީ އެތަނެއްގައި ހަމަޖެހިފައި އޮންނަ އުސޫލަކުން ކުރެވޭނެ ކަންކަމެވެ. މީހެއްގެ އުޅުން ގޯސްވެ އެތަނަކަށް ނުތަކޭމާ ހަމަޖެހިފައި އޮންނަ އުސޫލުން ފިޔަވަޅެއް އަޅާ އިރަށް އެކަމެއް ސިޔާސީކޮށްގެން ފިތުނަ އުފެއްދުމަކީ އައު ކަންކަމެއް ނޫނެވެ.
އުސޫލާ ހިލާފަށް މީހަކު މަގާމުން ވަކިކޮށް ފިޔަވަޅެއް އަޅައިފިނަމަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ގޮސް އިންސާފު ހޯދާށެވެ. އެވަރުން ނުވަންޏާ ކޯޓަށް ދާށެވެ. މަޖިލީހުގެ ތެޅުމުގައި ނެގިނެގިފައި ޖެހުނަސް އެ މުއައްޒިފަށް އިންސާފެއް ނުލިބޭނެއެވެ. ފިކުރެއްގެ ދިރުން ކުރިއަރުވަން ޗަރުކޭސް ކުޅޭ ތަނަކަށް މަޖިލީހުގެ ފްލޯ ހަދައިގެން އުޅުނަސް މަރުވެފާ އޮތް ފިކުރެއް ނުދިރޭނެއެވެ.