މުއިއްޒުގެ ޑައިޕަރ އަކަށް ޕީޕީއެމް
ސެންބެ ޕިއެންސީއަށް ބަދަލުވުމަކީ ޕީޕީއެމާ އޮތް ލިންކް ކަނޑާލުން
މަންޒަރު ބަދަލުވަމުން ދާގޮތް ވަރަށް ސާފެވެ. ޕީޕީއެމުން ޑރ. މުއިއްޒު އެންޑޯސްކުރީ ޕީޕީއެމްގެ ރައީސަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ އެއްވެސް ފުރުސަތެއް ގާނޫނީ ގޮތުން ނުލިބުމުންނެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އެހެން ބޭފުޅަކަށް ޓިކެޓް ދިނުމަށް ހިންގަން ޖެހޭ ތަރުތީބުތައް ހިންގައިގެން ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެވޭހާ ވަގުތު ނެތިގެންނެވެ. ޕީޕީއެމްގެ ރަނިންގ މޭޓަކާއެކު ޕީޕީއެމްގެ ބެކަޕް ޕާޓީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމުން އެންޑޯސްކޮށް އިންތިހާބު ކާމިޔާބު ކުރުވީ ޕީޕީއެމްގެ ވެރިކަމެއް ގާއިމު ކުރުމަށެވެ.
ޕީޕީއެމްގެ އުންމީދު ކިތަންމެ ފޮންޏަސް ހަގީގަތް ބަދަލުވަމުން ދަނީ ޕީޕީއެމަށް ވަރަށް ހިތިކޮށެވެ. ރާއްޖޭގައި އަލަށް އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރަކީ ޕީޕީއެމްގެ ބާރެއް އަދި ބައިވެރި ކުރުމެއް ނެތް ސަރުކާރެއްކަން މިހާރު ޔަގީން ވެއްޖެއެވެ. ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ޑރ. މުއިއްޒު ވާދަ ކުރެއްވީ ޕީޕީއެމްގެ ރަނިންގމޭޓަކާ އެކުގައެވެ. ވިއްކެވީ ޕީޕީއެމްގެ ރައީސް އަބްދުއްލާ ޔާމީނުގެ ފޮޓޯފުޅެވެ. ކެންޕޭނުގެ އިސްދައުރު އަދާކުރީ ރާއްޖޭގެ ކަންކޮޅުގައި ތިބި ޕީޕީއެމްގެ ލީޑަރޝިޕާއި ޕީޕީއެމްގެ ގްރާސްރޫޓެވެ. ކެންޕޭނުގެ މައި ޝިއާރަކީ ޕީޕީއެމްގެ ރައީސް ޔާމީނު މިނިވަން ކުރުމެވެ.
ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު މަންޒަރު ބަދަލުވާން ފަށައިފިއެވެ. ޑރ. މުއިއްޒުގެ ޕީޕީއެމް ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފް ނައިބު ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންތާ 72 ދެގަޑިއިރު ނުވަނީސް އެ މަނިކުފާނު ޕީޕީއެމް ދޫކޮށްލައްވާ ޕީއެންސީގެ މެންބަރަކަށް ވެވަޑައިގަތީއެވެ. އައު ސަރުކާރުގެ އިސް ސަފުން ޕީޕީއެމްގެ ނަން ފުހެލެއްވީއެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގައި ޕީޕީއެމްގެ ބާރެއް ނެތްކަން ވަރަށް ރަގަޅަށް ސާފުވީއެވެ. ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހަރުގަނޑެއްގެ ގޮތުގައި ޕީޕީއެމް ބޭނުން ކުރެއްވުމަށް ފަހު ބާރު ލިބި ވަޑައިގަތުމުން ޕީޕީއެމްގެ ބާރު ކަނޑުވާލީއެވެ. ކަޅުއޮށުގެ ބަނޑު ދަށުގައި ހުރެ ކޮރަކަލި ބޮޑުވެ ކަޅުއޮށް ކާލާހެން ޕީޕީއެމްގެ ހިޔަނިން ޕީއެންސީ ބާރަށް އައިސް ޕީޕީއެމްގެ ބާރު އެކީ އެކައްޗަކަށް ކަނޑުވާލީއެވެ.
އެއްސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވުމުގެ މަރުހަލާގެ ކަންކަން ހިންގުމުގެ އިސްވެރިއަކީ ޕީއެންސީގެ ރައީސް އަދުރޭ ކަމުގައި ހަމަޖެހިގެން ދިޔުމުން ވެސް އުފެދެނީ ޕީޕީއެމް ސަރުކާރެއް ނޫންކަމާއި ޕީއެންސީ ސަރުކާރެއްކަން އެނގެއެވެ. ސަރުކާރުގެ ނުފޫޒު ގަދަ ހުރިހާ މަގާމެއްގައި ވެސް ތިބޭނީ ޕީއެންސީ މެންބަރުން ކަމާމެދަކު މިހާރަކު ޝައްކެއްނެތެވެ. ދެން ފެނިގެން ދާނީ ފަތުއަޑު ކިޔާފާ ޕީއެންސީއަށް މީސް މީހުން ސޮއިކުރާ ތަނެވެ.
އިންތިހާބުވެ ވަޑައިގަތުމާއެކު ރައިސް ޔާމީނު ގެއަށް ގެނެސް ދެއްވުމަށް ޑރ. މުއިއްޒު އެދިވަޑައިގަތީ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްހަމަ ޖައްސާދެއްވުމަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނު އެހާ އަވަހަށް ގެއަށް ބަދަލު ކޮށްދެއްވަފާނޭ ކަމަކަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ހީފުޅެއް ނުކުރައްވައެވެ. އިންތިހާބީ ނައިބު ރައީސް ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކުރުވީ ގޭބަންދުގައި ހުންނެވި ޕީޕީއެމްގެ ރައީސް ޔާމީނުގެ ނުފޫޒެއް ސަރުކާރު އެކުލަވާލުމުގައި ފޯރަފާނޭ ކަމަށްޓަކާ ޕީޕީއެމާ އޮތް ލިންކް ކަނޑާލުމަށްޓަކައެވެ. އާހިރުގައި ޕީޕީއެމް އެހެދީ މުއިއްޒުގެ ޑައިޕަރ އަކަށެވެ.