މަޖިލިސް އިންތިހާބަށްފަހު މުއިއްޒު ކުރުދޮއްޓަށް
ދައުލަތުގެ އާމްދަނީ އަކަށް މުއިއްޒު ބެލުމެއްނެތް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތީގައި އޮތުމުން ނުކޮށް ބައްޓާފައިހުރި ކަންކަން އެއްވާނަކަށް މުއިއްޒު ކުރަންފަށައިފިއެވެ. ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ވެގެން ކުރަން ނުކެރިފައި ހުރި ގިނަ ކަންތައް ތަކެއް ޖެހެލުމެއް ނެތި ކުރާނެކަމުގެ އަލާމާތް މިހާއަވަހަށް ފެންނަން ފެށީއެވެ. އަދި އެއުޅެނީ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މީހުން ހުވާ ނުކޮށެވެ.
ހިޔާވަހިކަން ހޯދުމުގެ ޕްރޮގްރާމްގެ ދަށުން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓްގަންނަން އެތައް ބަޔަކު އޮތީ ހުށަހަޅާފައެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތާ ހޭދަކޮށްގެން ބަޔަކު ޕޯޓަލަށް ހުށަހެޅީ އުންމީދާ ޔަގީން ކަމާއެކުގައެވެ. އެއްވެސް ބެލުމެއް ހިޔާލެއްނެތި އެތައްބައެއްގެ އުންމީދުގައި ކޮޅުފައިން ޖަހާ ޕޯޓަލު މެދުވެރިކޮށް ވިނަރެސް ފްލެޓް ގަންނަން ހުށަހެޅި ހުރިހާ ހުށައެޅުމެއް ބާތިލުކޮށްލީއެވެ.
ވިނަރެސް ފްލެޓް ނުވިއްކާ ގޮތަށް ނިންމީ މުއިއްޒު ބޭނުންވާ ބަޔަކަށް ވިނަރެސް ފްލެޓްތައް ބަހާލުމަށެވެ. ބޯހިޔާވަހި ކަމުގެ ހާލަތު ކިތަންމެ ގޯހަސް ވަރިހަމަތާއެވެ. މުއިއްޒު ސަރުކާރުގެ ކުރިން އޮތް އެއްވެސް ސަރުކާރަކުން ނިންމާފައި އޮތް ނިންމުމެއް އުވާނުލާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ދީފާވާއެއްޗެއް އަތުނުލާނެ ކަމުގެ އެއްވެސް ކަށަވަރުކަމެއް ނެތެވެ.
ޗައިނާއާި ތުރުކީގެ އަސްކަރީ އޮޕަރޭޝަނަށް ރާއްޖެ ހުޅުވާލެވިއްޖެއެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދެއް ސިޔާސީ ސަރަހައްދެއް ބަލާނެ ކަމެއްނެތެވެ. ކަނޑުއަޑީގެ ސާވޭ ހެދިޔަސް މައުދަން ނެގިޔަސް މަސް ހިފިޔަސް ހެވެވެ. ޗައިނާއާއި ތުރުކީ ކުރާނެ ކަމެއް ކުރާނެ ވަރަކަށް ކުރާނެ އިރަކުން ކުރާކަށް މަނަލެއްނޫނެވެ.
ބ. ހިބަޅިދޫ އަކީ ތަރއްގީ ކުރުމަށް ސަރުކާރުން ބަޔަކާ ހަވާލުކޮށްފައި އޮތް ރަށެވެ. ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އެއްވެސް ހުރުމަތެއް ނެތި ހިބަޅިދޫ އަތުލުމުގެ މަސައްކަތް މުއިއްޒު އެވަނީ ފަށާފައެވެ. ހިބަޅިދޫގައި ތިބި ބިޒްނަސް މޯލްޑިވްސްގެ މީހުން ހަމައެއް ލަމައެއްނެތި ގަދަކަމުން ބާލާ އެރަށް ހުސްކުރަނީއެވެ. ޝަރީއަތެއް ގާނޫނީ ހަމައެއް މުއިއްޒަކަށް ނެތެވެ.
މީހުނަށް ވަޒީފާ ދެނީވެސް މަދެއް ސުމާރެއް ކޮށްނޫނެވެ. އުޑެއް ބުޑެއް އެނގެއެއް ނޭގެއެއް ނުބަލައެވެ. ސިވިލް ސާވިސްއިން ވަކިވެފައިވާ އެތައް ބަޔަކު އަނބުރާ ވަޒީފާއަށް ނެރެނީޔޯލައެވެ. އައުވާނުނަށް ވަޒީފާ ހޯދަދޭން މިޖަހަނީ ވަކިން ކުޑަ މަޅިއެއް ނޫނެވެ.
މިމޭރުމުން އަމުނާލުމަށް ކޮންމެ ދުވަހަކު އެތައް ކަމެއް މުއިއްޒު ދާނީ ކުރަމުންނެވެ. ނަމުގާ ރައްޔިތުންގެ ލާބައަށެވެ. ފުރިގެން ބަންޑުން ވާނީ މުއިއްޒުގެ އަންބޮނޑިއެވެ. ފެނިގެންދާނީ މުއިއްޒުގެ ގޮށްމުށު ބާރެވެ.
އެންމެ އަވަހަށް ދެން ފެންނާނީ ގެދޮރުވެރި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާ ގެޒެޓް ކޮށްފައިވާ ފަރާތް ތަކައް ފްލެޓް ނުދޭން ނިންމާ ތަނެވެ. އިވޭނީ ބިންވެރިޔާގެ ޕްރޮގްރާމްގެ ގިނަ ގޯތިތަކެއް ދޭން ކަނޑައަޅަފާވާ މީހުންނަށް ދެވެން ނެތް ކަމަށް ކަނޑަ އަޅާއަޑެވެ. ފުށި ދިއްގަރުފަޅު ހިއްކާފައި ނޫނީ ގޯތި ނުދޭން ނިންމާ ނިންމުމުގެ އަޑެވެ.