މުސްތަފާ ސާބިތުކޮށްދިނީ އިބޫ ކޮރަޕްޝަނަށް ޖާގަ ނުދިންކަން!

މުސްތަފާ ސާބިތުކޮށްދިނީ އިބޫ ކޮރަޕްޝަނަށް ޖާގަ ނުދިންކަން!

ރައީސް ޔާމީނުގެ ވެރިކަމުގައި ގޮހޮރުކޮޅަށް ކައިގެން ރައީސް ޔާމީނަށް ހަރާންކޯރުވި ބަޔަކު އުޅުނުކަމީ މުޅި ދުނިޔެ ދަންނަ ހަގީގަތެކެވެ. އަދީބެއް ޒިޔަތެއް އެކަންޏެއް ނޫނެވެ. ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިބި ކިތަންމެ ބަޔަކުވެސް ހިޔާނާތުގެ ފައިސާ ކޭކަމަށް ކިޔާއުޅުނެވެ. 

ޔާމީނަށް ހަރާންކޯރުވި ކަމަށްވެގެން ޔާމީނުގެ ޕާޓީއަށް ނިސްބަތްވާ މެންބަރުންތަކެއް މަޖިލީހުން ބޭރުކޮށް ބާރާ ނުފޫޒުން  12 މެންބަރެއްގެ ގޮނޑި ގެއްލުވާލިއެވެ. ގޮނޑި ގެއްލުވާލި ބާރަ މެންބަރުން އަރައިގެން ރުޅީގައި ވާދަވެރި އެމްޑީޕީއާއި ގުޅިގެން ޔާމީނުގެ ވެރިކަން ނިންމަން ނިކުތެވެ. ކަށީގެ މަދަށް މަސައްކަތްވެސް ކުރިއެވެ. އެއްޔަކީ ފަހަރެއްގައިވެސް އެމްޑީޕީއާއި އެމްޑީޕީގެ ކެންޑިޑޭޓަށް އޮތް ތާއީދަކުން އުޅުނު ގޮތެއް ނޫނެވެ. ޔާމީނު ވެރިކަމުގައި ހުރެއްޖެނަމަ ކޮށްފާނެ ކަމަކަށް ބިރުން ހަށިރައްކަލަށް އުޅުނު ގޮތެކެވެ. 

ސަރުކާރު އޮންނަ ކޮޅުގައި ތިބެގެން ދައުލަތް ދަވާލުމަށް ނިޔަތް ގަނެގެން ވެރިކަން ހޯދަދޭން ކެންޕޭނުކޮށްދީ ހަދާބަޔަކުވެސް އުޅެއެވެ. ޔާމީނު ވެރިކަމުގައި ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ގޮތުގައިތިބެ އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތްކުރި ގިނަ މީހުންނަކީ އޭގެ މީހުންނެވެ. ތިމަރަފުށީ މުސްތަފާއެއް ދިއްދޫ ލަތީފެއް ކިޔާނެ ކަމެއް ނެތްތާއެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ކޯލިޝަންގެ ޓިކެޓް ނުލިބި އަމިއްލައަށް ނިކުމެ ވާދަކޮށްގެން ގޮނޑި ކާމިޔާބު ނުކުރެވުމަކީ ރައީސް ސޯލިހުގެ މައްސަލައެއް ނޫނެވެ. މަޖިލީހުގެ ގޮނޑި ނުލިބުމުން ހީލަތްތެރި ޑީލު ހަދައިގެން ދައުލަތުން އެތައް މިލިޔަން ޑޮލަރެއް ދަވާލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ބުއްދި ފަސްވާނެއެވެ. ރުޅިވެސް އަންނާނެއެވެ. އެހެން އެންމެންނަކީ ވަގުންނޭވެސް ކިޔޭނެއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރ މުސްތަފާ ވެސް އެއުޅުއްވަނީ އެކަހަލަ ނަފްސާނީ ބަލިމަޑު ކަމެއްގައި ނޫންކަމެއް ނޭގެއެވެ. ވެރިކަމަށް ގެނައުމަށް ކިތަންމެ ގަދައަށް ކެންޕޭނު ކޮށްދިން ނަމަވެސް ބޭނުން ވާހާކަމެއް ބޭނުންވާހާ ގޮތަކަށް ރައީސް ސޯލިހަކަށް ވެސް ކޮށެއް ނުދެއްވޭނެއެވެ. 

ތިމަރަފުށީ މުސްތަފާ ފަދަ ރައީސް ސޯލިހަށް މުހިންމު މީހަކަށް ބޭނުންވީހާ ކަމެއް ބޭނުންވީހާ ގޮތަކަށް ނުވުމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ކޮރަޕްޝަނާ ފަސާދައަށް ފުރުސަތު ނުދެއްވި ކަމުގެ ސާފު ހެއްކެކެވެ. ވަކި މީހަކަށް ވަކިގޮތަކަށް ކަމެއް ކޮށްދެއްވާނެ ނަމަ ރައީސް ސޯލިހު ތިމަރަފުށީ މުސްތަފާ ބޭނުންވީހާ ކަމެއް ބޭނުންވީހާ ގޮތަކަށް ކޮށްދެއްވީހެވެ. 

އިސްލާމް ދީން އެކަމަކަށް ބާރުއަޅާކަމަށް ބުނެ އަމިއްލަ އަމިއްލައަށް މީހުން މެރުމަށް ބާރުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާމީ ޝަރީއަތް ދަންނަކަމެއް ނޫނެވެ. މަޖިލިސް ގެއްލި ހަދަން އުޅުނު ކޮރަޕްޝަންގެ ޑީލްތައް ފަނުފުލުން ދިޔައިމާ ރުޅިގަދަވެ އަދުލުވެރި ހުކުމެއްނެތި އެއް މުސްލިމަކު އަނެއް މުސްލިމަކު ދަންޖައްސާ މަރަންޖެހޭ ކަމަށް ބުނުމުން ހިތާމަކޮށް ނަފްސްގެ ބަލިކަށިކަމަށް ހަމްދަރުދީވެވެއެވެ.