މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމަށް މަޝްވަރާ ކުރުން

ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް އެފްއެސްއެމުން ދަނީ ހަމަޖައްސަމުން

މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމަށް މަޝްވަރާ ކުރުން

ރައްޔިތުންނަށް ފަސޭހައިން ތެޔޮލިބޭނޭ ހުރިހާ އިންތިޒާމްތަކެއް އެފްއެސްއެމުން އަންނަނީ ހަމަޖައްސަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެއެކި ކަންކޮޅުތަކުގައި އެފްއެސްއެމުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މ. މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމުގެ މަޝްވަރާ ބައްދަލުވުމެއް މުލަކު ކައުންސިލްއާއި އެކު އެފްއެސްއެމުން މިއަދުވަނީ ބާއްވާފައެވެ. މި ބައްދަލުވުމަކީ ވަރަށް އަވަހަށް ނަތީޖާ ފެނިގެންދާނެ ކާމިޔަބު ބައްދަލުވުމެކެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށް ގެނެވޭ ހެޔޮ ބަދަލުގެ ތެރެއިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ އަޅާ ކެނޑުމެއް ނެތި ހަމަޔަށް ލިބޭނެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސަމުން ގެންދާތާ ވެސް ދުވަސް ކޮޅެއް ވެއްޖެއެވެ. އެގޮތަށް ހަމަޖެހިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ. ކުރިން މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ފައިސާ ލިބެނީ ތެލަށް ކަނޑާފައެވެ. ތެލަށް ނުކަނޑާ މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ލިބިގެންދާ ގޮތަށް މިފްކޯއަށް މަސްގަތުމުގެ އޮޕަރޭޝަނަށް ހެޔޮ ބަދަލެއް މިހާރު އޮތީ ގެނެސްފައެވެ. 

މިފްކޯއާއި އެފްއެސްއެމްއާއި ގުޅިގެން ގެނެވުނު ހެޔޮ ބަދަލުން މަސްވެރިންނަށް ވަރަށް މަންފާ ކުރެއެވެ. ޒަމާނުއްސުރެ ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ލިބެނީ ތެޔޮ ބިލަށް ކެނޑުމަށް ފަހު ބަކީ އޮންނަ އެއްޗެކެވެ. މިފްކޯއާއި އެފްއެސްއެމްއާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުން މިހާރު ދެއެވެ.

"ފަހި ހަކަތަ" ޕްރޮގްރާމް ފެށުމުގެތެރެއިން (ފައިލް ފޮޓޯ)

މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދެމުންދަނީ "ފަހި ހަކަތަ" ނަމުގައެވެ."ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެ ރަޖިސްޓްރީވާ ކޮންމެ މަސްވެރި އުނޅަދަކަށް ވެސް ސަބްސިޑަރީ ރޭޓެއްގައި އެފްއެސްއެމުން ތެޔޮ ފޯރު ކޮށްއެވެ. "ފަހި ހަކަތަ" ކްރެޑިޓް ފެސިލިޓީ ބިނާވެގެން ދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ. މަސްވެރިންގެ ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވެ ހިނގައި ގަތުމުން މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައި އިންނަނީ ސީދާ އެފްއެސްއެމްއަށެވެ.