ސުގަރޑެޑީ ރައީސްގެ ކަރުސަތުނާމާއިން ކޯވަރެއް
އަނބިމީހާއަށް ވެރިކަން ކޮށްދޭން ހަދައިގެން ބޮލާފޮށާ އެޅުން ނޫންކަމެއް ނުވޭ
އެެހެން ވެރިން އަތްނުލާ ތަންތާ އަތްލައިގެން އަތް ފިއްސާ ވެރިއެއްގެ ވާހަކަ އެހީމުހެއްޔެވެ. ވެރިކަމުގެ ހައިބަތު ދައްކައިގެން އައްޔާސީކަން ކޮނޑަށް ލައިގެން އުޅޭވެރިއަކަށް ރައްޔިތުންގެ ހައްގުގައި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ޝަހުވާނީ އެދުމުން މުޅި ސިކުނޑި ފޯވެފައި ހުންނަ ވެރިމީހާއަށް މީހުން ފެންނާނީ ބުޅަލަށް ރޯމަސް ފެންނަހެނެވެ.
ގިނަ ފަހަރަށް އެކަހަލަ ސިނގު ވެރިންނަކީ އަނބި ދަށުވެފައިވެސް ތިބޭ ބައެކެވެ. އަނބިމީހާއަށް ވެރިކަން ކޮށްދޭން ހަދައިގެން ބޮލާފޮށާ އެޅުން ނޫންކަމެއް ނުވާ ބައެކެވެ. ދަރީގެ އަބުރާ ވޭޕާ ގުޡޅުވައިގެން އާއްމު ވަކިވަކި ފަރުދުންގޮވައިގެން ޝަރީއަތަށް ދިޔަ ޝާހީއާއިލާއެއް ރާއްޖޭގެ ތާރީހު ނުދެކެއެވެ. އަނބިމީހާގެ ނުފޫޒުގައި ވެރިޔާ ވޭޕުދަށުވެ ދުންފަތް ދަތިކޮށް ދުންފަތް ސުމަގުލަށް ހުޅުވާލާ އެތައް ބަޔަކު ދުންފަތާ ހެދި ޖަލަށްލިއެވެ. ބޮޑުކުރި ދުންފަތު ޓެކްސް ޑަބްލިޔު އެޗް އޯއިން ބުނެގެން ކުޑަކުރި އެހެން ގައުމެއް ދުނިޔޭގެ ތާރީހުގައި ނެތެވެ. މިހުންނަނިއްޔަކީ ހަމަބުއްދީގައި ހުރެ ވެރިން ކޮށްއުޅޭ ޒާތުކަންކަމެއް ނޫނެވެ.
އަނބި މީހާދެކެވެސް ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެހެނެއްކަމަކު އައްޔާޝީކަމުން ހިމޭނުން ހުންނަނީއެއްްްވެސް ނޫނެވެ. ސިއްރު ސިއްރުން ކޮންމެވެސް ގޮތަކަށް އައްޔާސީ ގުޅުންތަކެއް ހިންގަމުން ގެންދާކަމަށް ދޭތެރެ ދޭތެރެއިން ތިލަވެއެވެ.
ސިޓީ ކައުންސިލުއްސުރެ އުޅެވުނު ގާތް ގޮތަކުން ބޮޑުރައްޓެހި މީހާގެ އަނބިގޮއްޔެވެސް ގެންގުޅެންޖެހުނީ ގަނޑުވަރުގައެވެ. ގާއިމު މަގާމަކަށެވެ. ކަމަކު ދާކަށް ނެތެވެ. ބުޅާ ގޯނިން ބޭރުވެ ގަނޑުވަރުން ނެރެލަންޖެހުނެވެ. މަހާރެހެންދީގެ މޭގަނޑު ނެގިނެގިފައި ޖެހުމެއް އެވަރަކުންވެސް ނުހުއްޓުނެވެ. އެންމެ ފަހުން ދޮންކަޅު އަންގާނުލާ ގާތްވާން ސިހުރު ހެދިކަމަށް ހަނދާ ޖަލަށްލީ ރަހުމެއް ކުުލުނެއް ނެތިއެވެ. އެހެނެކޭ ކިޔާފައި ލިބުނު އަނިޔާއަށް ޗުއްޕުވެސް ބުނެލަން ނުކެރޭވަރަށް އެ ކަނބުލޮ ބެހެއްޓީ ހަނެވެ.
މިކޮއި ބައްޕަ އަންނާނޭ އަންނައިރުން ގެންނާނޭ ކިޔަކިޔާ އިން ޅަނދޮޅު ޅަނބާޅަ އެކަނިވެރި މަޔަކަށް ހިތްދޫވެގެން އުޅެގަތް ގޮތަކުން ވެސް ބަރަހަނާ ވިއްޔަކީ އަމަށަކު ވަރަކަށް ނޫނެވެ. ދަރިފުޅަށް ގެއްލިފައިވާ ބައްޕައެއްގެ ލޯބި ގައުމުގެ ސެހެންޝާހުގެ ފަރާތްޕުޅުން ލިބެން ފެށީމާ ދަނޑިވަޅުގެ ބޭނުން ނުހިފާނެ ކަމެއް ނެތްތާއެވެ.
ސްގަރޑެޑީއެއްގެ ފަރާތުން ލިބޭނެ ހުރިހާ އެއްޗެއް ލިބޭގޮތްވުމުން އަމަށަކުވަރެއް ނެތެވެ. ދަންވަރުގުޅާ ހިތުހުރި ކަމެއް ކޮށްދީ ބުނިއެއްޗެއްދީ ހަދަންފެށުމުން އެ ޒުވާން ޖާދޫގެ ސަރުބަތު ބޯންދިނީ ހިފެހެއްޓުމެއް ނެތި ސިކުނޑީގެ އެންމެ ހިމަނާރުތަކަށް ވެސް އަސަރު ކުރާވަރަށެވެ. ދެނަކާދެނެއް ނެތެވެ. ކަވައިގެންފައިވާ މެންދުރުކާލެއްހެން އުޅެގަތީ ރަސްގެ ދަރުބާރެއް ސޯފާއެއް މޭޒެއް ބެލުމެއްނެތިއެވެ. ޒުވާން އެކަނިވެރިމަޔަކަށް ހިތްދޫވެ ހަވާލުވެހުރި ޒިންމާއާއި މަސްއޫލިއްޔަތަށްވުރެ ޝަހުވާނިއްޔަތު ކޮނޑަށް ލައިގެން އުޅެން ފެށުމުން ނުވެނުދާނެ ހުރިހާ އެއްޗެއް ވާންފެށިއެވެ.
ކައިވެނީގެ ހުވަފެން ދައްކައިގެން ކިތަންމެ ލޯބިން ޅަދަރި މަޔަކު ގެންގުޅުނަސް ޒީލަ ގަދަ މަހާރެހެންދިއަށް ހިލަންވެދާނެތީވެސް ހުންނަނީ ބިރުން ރޫއަޅައަޅައެވެ. ދަތުރުމަތިން މޭޒުމަތިން ސޯފާމަތިން ކުޅިޖަހާ ކުޅިހަމަ ކުރަމުން ދަނިކޮށް ކަމަކުދާކަށް ނެތެވެ. މަހާރެހެންދިއަށް ހިލަންވެ ހަށިފޮޅާލުންވީ އުޑުބޮލަށް ވެއްޓޭވަރުގެ ކަމަކަށެވެ.
ނަގާހޮޅި ލަމުން އަންނަ ރާުޅުގައި ކަނޑުވެ ގެނބި ގެއްލުމުގެ ކުރިން ދަނޑިވަޅުބަލާ ސްގަރޑެޑީ ރައީސްގެ ކަރުސަތުނާމާ ހާމަކޮށްލުމަށް ވުރެ ރައްކާތެރި އެހެން ގޮތެއް ނެތްކަމަށް އެކަނބުލޮއަށް ވިސްނުނެވެ. ސްގަރޑެދީ ރައީސްގެ ކަރުސަތުނާމާ ހާމަކޮށްލުމުން ހިތައްވީ ތަދުން ހަނުހުއްޓާ ހާމުންޑި ކުކުޅެއްހެން މަހާރެހެންދި ބޮލަށް އަރައިގަތުމުން މަތިމައްޗަށް ހުވާކޮށްގެންވެސް ސްގަރޑެޑީ ނުހެދޭކަން މަހާރެހެންދިއަށް ކަށަވަރުކޮށްދޭން ޖެހުނީއެވެ.
ދަންވަރު ގުޅީ ކިއްވެތޯ އެހި ނޫސްވެރިޔާއާއި ގެގް އޯޑަރު ނެރުނުވާހަކަ ލިޔުނު ނޫސްވެރިޔާ ލީ ޖަލަށެވެ. ސްގަރޑެޑީ ރައީސްގެ ކަރުސަތުނާމާ ނެރުނު ނޫހުގެވެރިން އަނގަހައްދު ޖަހުވަން ގޮސްއުޅެނީ ފަނޑިޔާރުގޭގައެވެ. އެންމެފަހުން އެ ލޯތްބެއްގައި ދީވާނާވި ސްގަރ ޑެޑީގެ ކަނބުލޮވެސް އަނގަ ހައްދަށް މަހާރެހެންދީގެ އާރާބާރުގައި ދޮންކުރަނީއެވެ.




