ދެ މިނިސްޓަރުންގެ އިތުބާރުނެތްކަމަށް ހުށަހެޅީ ފަސާދަ އުފައްދަން

ނަގަން މިއުޅޭ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަޔަކީ ސައިބޯނި ބޮތްކެއް ފަދަ އެއްޗެއް

ދެ މިނިސްޓަރުންގެ އިތުބާރުނެތްކަމަށް ހުށަހެޅީ ފަސާދަ އުފައްދަން

އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް އޮތީ ހުށަހަޅައިފައެވެ. މިކަން ކުރުމުގެ ފަހަތުގައި އޮތީ މުޅިން އެހެން ނިޔަތެކެވެ. ސަރުކާރަށް ފިއްތުމެއް ކުރިމަތި ކުރުވުން ކަމަށް ބެލެވެއެވެ.

ދެ ވަޒީރެއްގެ އިތުބާރުނެތް ކަމަށް ހުށަހެލި ހުށަހެޅުމުގައިވާ ސޮއިކުރެއްވެވި ދެ މެންބަރަކު ވިދާޅުވާ ގޮތުން އެ ބޭފުޅުން އެ ހުށަހެޅުން ހުށަހެޅީ އިތުބާރު ނެތްކަމަށް ފާސްވާނެ ކަމަކަށް ނޫނެވެ. މަޖިލީހުގެ ތެޅުމުގައި އެ ދެ ވަޒީރުންގެ އިއްޒަތުއްނަފްސް ކަތިލައްވާ ވަގަށް ގޮވާލުމުގެ ނިޔަތުގައިކަމަށް އެ މެންބަރުން ވިދާޅުވިއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ގައުމު ހަލަބޮލިކޮށް ފަސާދަ އުފައްދަން މަޖިލީހުގެ ރިޔާސަތުން މިދަނޑިވަޅު އެއްބާރުލުން ދެއްވާނެ ކަމަށް ޔަގީންވާތީ ކޮށްލި ކަމެއްކަމަށް ނަންނުޖެހުހުން ޝަރުތުކޮށް އެ ދެމެންބަރުން ވިދާޅުވިއެވެ.   

މަޖިލިހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ބޭނުންވާ އަދަދަށް ވާދަވެރިންނަށް މެމްބަރުން ހަމަވެއެވެ. އެހެންވެ، އެފަދަ މައްސަލަތައް ހުށަހެޅިދާނެއެވެ. ފާސްވާ އަދަދަށް ވޯޓު ނުލިބުނަސް ހެޔޮތާއެވެ. މިއީ މި ވަގުތަށް މަޖިލީހުގައި ގަދަ ހިފުމަކަށް ދާނެ މައްސަލައެއް ނޫނެވެ. ވަޒީރުންގެ ދިފާއުގައި މާ ބޮޑު މަސައްކަތެއް ކުރަން ސަރުކާރަށް ޖެހޭފަދަ ހަލަތެއްވެސް ނޫނެވެ.

މަޖިލީހުގައި މެންބަރުން މިހާރު ބެހިފައި އޮތް ގޮތުން، އެމްޑީޕީން ވަކިވި މެންބަރުންނާއި އެ ޕާޓީއާ އަލަށް ގުޅިވަޑައިގަތް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ހިމަނައިގެން އެ ޕާޓީގައި މިހާރު ތިބީ 56 މެންބަރުންނެވެ. އެކަމަކު، އެ ލިސްޓުން މަޖިލިހުގެ ރިޔާސަތުގައި އިންނަވަނީ މަޖިލިހުގެ ރައީސް ނަޝީދުގެ ނަން އުނިކުރުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 55 އެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ އެމްޑީޕީގެ ކުރީގެ މެންބަރުންގެ އަދަދަކީ 13 އެވެ.  މަޖިލީހުގައި ދެން ތިއްބަވާ ޕީޕީއެމް/ޕީއެންސީ އެއްކޮށްލައިގެން މިހާރު ވަނީ 8 މެންބަރުންނެވެ. އިދިކޮޅުން ސަރުކާރާ އަރާ ހަމަކުރަން އަދި 27 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އެހެންކަމުން ނަގަން މިއުޅޭ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަޔަކީ ސައިބޯނި ބޮތްކެއް ފަދަ އެއްޗެކެވެ.

ސިޔާސީގޮތުން ވަޅިންނުޖެހުނިއްޔާ މުއްގަނޑުންވެސް ޖެހޭތޯ ވާދަވެރިން އުޅޭނެއެވެ. ވާދަވެރިން ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅައިގެން ރައްޔިތުންނަށް ދައްކާދޭން އެއުޅެނީ ވަޒީރުންގެ އިތުބާރު ނެތްކަމެއް ނޫނެވެ. ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅައިގެން އެއުޅެނީ އެ ވަޒީރުންގެ އިތުބާރު އޮތްކަން ސާބިތުކޮށް ދޭށެވެ. އޭރުންވެސް ވާދަވެރިންގައި ހަކަތައެއް ނެތްކަން ދޭހަވޫން ނޫންކަމެއް ނުވާނެއެވެ.