ރާއްޖޭގެ ގަދަ 100ގެ ތެރޭގައި ސްޓެލްކޯ

ކޯޕަރޭޓް މޯލްޑިވްސްއިން ދޭ ގޯލްޑް 100 ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެ! މިއީ ސްޓެލްކޯއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް.

ރާއްޖޭގެ ގަދަ 100ގެ ތެރޭގައި ސްޓެލްކޯ

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވަމުންއަންނަ "ގޯލްޑް100 ގާލާ"އަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި ވިޔަފާރިތަކުގެ ތެރެއިން ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުމުގެ އިތުރުން އެވިޔަފާރިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންނާއި ސީ.އީ.އޯގެ އިތުރުން މުހިންމު ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ހަފުލާއެކެވެ. އެގޮތުން ކޯޕަރޭޓް މޯލްޑިވްސް އިން ޝާއިއުކުރާ ރާއްޖޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު 100 ވިޔަފާރި ކުންފުނިތަކުގެ ލިސްޓުގައިވެސް "ގޯލްޑް100" ލިބުނު ކާމިޔާބު ކުންފުނިތައް ހިމެނިގެން ދާނެއެވެ. ވުމާއެކު މިލިސްޓުގައި އެކުންފުއްޏެއްގެ ނަންހިމެނުމަކީ ކޮންމެ ކުންފުންޏަކުންވެސް ދެކޭނެ ހުވަފެނެއްކަން ޔަގީނެވެ.

މިގޮތުން "ގޯލްޑް100" ލިސްޓްގައި ނަންހިމަނާލައި "ގޯލްޑް100" ގެ އެވޯޑް ހޯދި އެއްކުންފުންޏަކީ ސްޓެލްކޯއެވެ. ރާއްޖޭގެ އެންމެ ކުރި އަރާފައިވާ 100 ކުންފުނީގެ ތެރޭގައި ހިމެނުން  ސްޓެލްކޯއިން ސިފަކޮއްފައިވަނީ ހަމައެކަނި އެވޯޑެއް ގޮތަކުނޫނެވެ. ސްޓެލްކޯއިން ދެކޭގޮތުގައި މިއީ މިއަށްވުރެ ވެސް ބޮޑު ކާމިޔާބީތަކައް އެކުންފުނިން ފަށައިފައިވާ ދުރުރާސްތާ ދަތުރަށް ލިބުނު އަލިގަދަ ދަންމަރެކެވެ.

ސްޓެލްކޯއަށް މިލިބިގެންދިޔަ ކާމިޔާބީގެ ސަބަބުން އެ ކުންފުނީގެ މައިގަނޑު އަސާސްތަކާއި ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދޭ އަހައްމިއްޔަތު ފެނިގެންދެއެވެ. އަދި ކުރިޔައް އޮތްތާގައިވެސް އެކުންފުނީގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެ ކުންފުނީގެ ކުރިއެރުމަށް އާ މަގުތައް ހޯދުމުގެ އަޒުމް އިތުރަށް ވަރުގަދަވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ކާމިޔާބު ކޮންމެ ކުންފުންޏެއްގެ ފަހަތުގައި ވެސް ހިއްސާވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާ އެއްބައިވަންތަ ޓީމެއް އޮވެއެވެ. ކުންފުންޏެއްގެ ހައިސިއްޔަތުން ސްޓެލްކޯއަށް ލިބުނު މި ކާމިޔާބީއަކީ ސީދާ އެ ކުންފުނީގެ މުވައްޒަފުންގެ އާދަޔާ ޚިލާފު ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ސްޓެލްކޯ މި ކަޑައްތުކުރާ ތަރައްގީގެ ދަތުރުގެ ހުންގާނުގައި ހިފަހައްޓައިގެން އާއުސްމިންތަކަކަށް ވާސިލްކޮށްދޭނެ މިސްރާބަކަށް ދަތުރުކުރާ ކައްޕިތާނަކީ އަޙްމަދު ޝަރީފު ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އެ ކުންފުނީގެ ކާމިޔާބީ ބައްޓަން ކުރުމުގައި،  އެ ކުންފުނީގެ އެމްޑީގެ ވިސްނުމާއި ލީޑަރޝިޕްގެ ދައުރު ވަރަށް ބޮޑެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އިރުޝާދުގެ ދަށުން ސްޓެލްކޯއިން ވަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ތަންފީޒުކުރުމަށް އަޒުމް ކަނޑައަޅައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.  ޝަރީފްގެ ސްޓްރެޓެޖިކް ނިންމުންތަކާއި ސާބިތުކަމާއި އަޒުމާއި އެކީ ސްޓެލްކޯގެ މުޅިޓީމަށް ހިއްވަރުދެއްވުމަކީ މިފަދަ ގާބިލް ޓީމެއް މި އެވޯޑް ހާސިލްކުރުމުގެ ސިއްރެވެ.