ސްޓެލްކޯގައި ހިދުމަތުގެ ހާއްސަ ޓީމެއް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ ހާއްސަ ޓީމެއް އެކުލަވާލުން

ސްޓެލްކޯގައި ހިދުމަތުގެ ހާއްސަ ޓީމެއް
ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމާ ގުޅިގެން ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ގިނަގުނަ ކަންތައްތަކެއް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމްގެ ސީދާ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް ވަނީ އެކުލަވާލާފައެވެ. އެކުލަވާލި އެ ޓީމުގެ މަސައްކަތްތައް ވަނީ ފަށާފައިއެވެ.

ހާއްސަ ޓީމުގެ މަސައްކަތް ފެށުމާއެކު ހިދުމަތުގެ ފެންވަރަށް ކުރިއަށްވުރެވެސް ހެޔޮ ބަދަލުތަކެއް އައިސް ސްޓެލްކޯއިން ދޭ ކަރަންޓްގެ ހިދުމަތް މިހޫނު މޫސުމުގައިވެސް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް އިތުރު ބާރެއް ލިބިގެން ދާނެކަމަށް ބެލެވެއެވެ.