މުއިއްޒު ބޭނުމީ ބުޅަލުގެ ނަމުގައި ދައުލަތްދަވާލުމާއި ބުޅާކޮމިއުނިޓީ ވޯޓް.

މުއިއްޒު ބޭނުމީ ބުޅަލުގެ ނަމުގައި ދައުލަތްދަވާލުމާއި ބުޅާކޮމިއުނިޓީ ވޯޓް.

އާނއެކެވެ. މީދެން ތަންކޮޅެއް ބޮޑުވަރެވެ. ބުޅާފެސިލިޓީ ހިންގެން އޮތީ އެތަނަށް ބޭނުންވާ އާލާތާއި ބޭހާއި ކާނާއާއި ދާއިމީ ގޮތެއްގައި ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދައިގެންނެވެ. ވެރިންނަށް ބައިއަޅައިގެން ބަޔަކަށް ދައުލަތުން ހުޅުވާދޭ ވަރުގަދަ ވިޔަފާރިއަކަށް ބުޅާ ފެސިލިޓީ ބަދަލުނުކޮށެއް މާލެ ސަރަހައްދުން ބުޅާ ނައްތާލެވޭ ކަމަކަށް ނުވާނެއެވެ.   

ބުޅާ ފެސިލިޓީގައި ރަނގަޅު މޮޅު ކާނާއާއި، ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުންނާއި ތިބެންޖެހެއެވެ. ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދާދޭން ޖެހެއެވެ. ކަރަންޓީނު ކުރާނެތަނާއި، ކްލިނިކާއި ލެބޯޓްރީއާއި ފާމަސީ ހުންނަން ޖެހެއެވެ. ބުޅާ ސާޖަރީއަށް ބޭނުންވާ އެންމެ ޒަމާނީ ސާމާނާއި އޮޕަރޭޝަން ތިއޭޓަރާއި ޕްރޮސީޖަރ ރޫމްތައް މަތީފެންވަރުގައި ގާއިމު ކުރެވިފައި ނެތިއެއް ނުވާނެއެވެ.

ބުޅާތައް އުފާ ވެރިކަމާއި އެކީ ކުޅޭނެ ކޯޓްތަކާއި ދަނޑުތައް ހުންނަންޖެހޭހެން ޖިމްތަކާއި ސިނަމާތަކާއި ކްލާސް ރޫމްތަކާއި އަޅުކަންކުރާނެ ތަންތަންވެސް ނުހުރެއެއް ނުވާނެތާއެވެ. މާލެ ސިޓީ ކައުންސިލުން ބިނާކުރި ކެޓް ޝެލްޓަރގައި އެފެންވަރެއް ނެތެވެ. އެހާ އަސާސީ ފެންވަރެއްގައި ރަސް ބުޅަލަށް ހިދުމަތްދޭން ހެޔޮނުވާނެއެވެ. 

މަހަކު ބުޅަލެއްގެ މައްޗަށް ސަރުކާރުން ހަރަދުކުރަން -/5416 ރުފިޔާ އަކީ ކޮން އެއްޗެއް ހެއްޔެވެ. 65 އަހަރުވުމުން އުމުރުން ދުވަސްވީ ކޮންމެ އިންސާނަކަށް 5000 ރުފިޔާ ދައުލަތުން ހަރަދު ކުރާއިރު ބުޅަލަކަށް ހަރަދު ކުރަންވާނީ އެންމެ 5400 ރުފިޔާ ހެއްޔެވެ. ދައުލަތުން އެހާ ކުޑަ މިންވަރެއް ބުޅަލަށް ހަރަދު ކުރަން ލަދުގަންނާނެއެވެ. 

ބުޅާ ފެސިލިޓީއަށް މިލިއަނުން ރުފިޔާ ދައުލަތުން ހަރަދުކުރަން މެންބަރ އައްދުރުމެން ތާއިދު ނުކުރިޔަސް ވެރިންނަށް ބައިއަޅައިގެން ދައުލަތުން ފަށާ ފުޅާ ވިޔަފާރިއެއް ހުއްޓާލެވޭނީ ކިހިނެއް ހެއްޔެވެ. އިންސާނުން މަގުމައްޗަށް ކޮށާއަޅާލާއިރު ކަމަކަށް ނުވިޔަސް ވަގު ބުޅަލެއް ނައްތާލުމަކީ ހާދަހާވާ ބޮޑުކަމެކެވެ. ޗައިނާއާއި ވިއެޓްނާމާއި ކެމްބޯޑިއާ ފަދަ ގައުމުތަކަށް ބުޅާ ބޭރުކޮށްގެން ބުޅާ ކޮމިއުނިޓީގެ ވޯޓާއި ބުޅަލުގެ ނަމުގައި ދަވާލާ ފައިސާގަނޑު ލިބޭނީ ކިހިނެއް ހެއްޔެވެ. މުއިއްޒު ބޭނުންވަނީ ބުޅަލުގެ ނަމުގައި ދައުލަތް ދަވައިގެން ފައިސާއާއި ބުޅާ ކޮމިއުނިޓީގެ ވޯޓެވެ.