ހަސަދަ ވެރިންނަކަށް ޓީމު ފެނަކަ ރޫޅައެއް ނުލެވޭނެ
މުއައްޒަފުންނަށް ލިބޭ ބެނެފިޓަށް ނުރަނގަޅު އަސަރެއް ކުރާވަރުގެ ބަދަލެއް ފެނަކައިން ނުގެންނާނެ.
އަޖައިބުވެ އަންތަރީސް ވާހާވެއެވެ. ހެޔޮ އެއްގޮތެއް ނޯވެއެވެ. ޔާމީނުގެ މަސްލަހަތު ނަގަހައްޓަން އިދިކޮޅުން ކިޔާފައި ނުކިޔާނެ އެއްޗެއް ނޯވެއެވެ. އެއްކޮޅުން ކަރުންނާރު ނަގާފައި ދައްކަނީ ހަރަދު ބޮޑު ވާހަކައެވެ. ހަރަދު ކުޑަ ކުރަން ފިޔަވަޅު ނާޅާ ވާހަކައެވެ. ރަނގަޅަށް ރޭވިގެން ހަރަދު ކުޑަކުރަން ފިޔަވަޅެއް އެޅިޔަސް ހީވާނީ އުޑު ބޮލަށް ވެއްޓެން އުޅޭހެންނެވެ. ދެކޮޅު ނުޖެހިގެން އެވެނިކަމެއް މިވެނިހެން ކޮށްފިއޭ ކިޔައިގެން ނުކިޔާ އެއްޗެއް ނޯވެއެވެ.
ފެނަކައިގެ އިދާރީ މުއައްޒަފުން އޮފީހުގެ މަސައްކަތްތައް ހެދުނު 8.00 އިން މެންދުރު ފަހު 3.00 އަށް ކޮށް ނިންމުމަށް އެންގުމަކީ ބޮޑު ވިހަޔަކަށް ހަދާލަން ހާދަ އުންކަރެއް އެބަދެއެވެ. މުއައްޒަފުންނަށް އިތުރުގަޑީ ފައިސާ ނުދޭން ނިންމި ނިންމުމަކަށް ސިފަކޮށް ފެނަކައިގެ މެނޭޖުމަންޓާ މުއައްޒަފުން ޖެއްސުމަށް އެތިބީ ފޫގަޅާފައެވެ.
ހަގީގަތެއް ނެތް ހިސާބު އަދަދު ތަކަކަށް ރިއާޔަތް ކުރަމުން ރައްޔިތުންގެ ކަން ބޮޑުވުން އިތުރުކޮށް ފަސާދަ ކުރުންނޫން ކަމެއް ޔާމީނު އައުވާނުންނަކަށް ކުރާކަށް ނޭގެއެވެ. ފިތުނަ އުފައްދައިގެން ފެނަކައިގެ އިސްވެރިންނާއި މުއައްޒަފުން ޖެއްސޭނެ ކަމަށް ހީކޮށް ޔާމީނުގެ އައުވާނުން ތިޔަ ޖަހާ ސަކަރާތް ނުދައްނަ މީހަކު ނެތެވެ.
ކޮންމެ އަހަރެއްގެ އެންމެ ފަހު މަހަކީ ހުރިހާ ޒަމާނެއްގައި ވެސް ހަރަދުތައް ކުޑަކޮށް އެ އަހަރަކަށް ކަނޑައެޅިފައި އޮންނަ ބަޖެޓަށް ހަރަދުތައް ފައްތަން ހުރިހާ މުއައްސަސާ އަކުން ވެސް ތަފާތު ފިޔަވަޅުތައް އަޅާ މަހެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެ ތަންތާ ވަޒީފާ އަދާކުރާ މުއައްޒަފުންނަށެވެ. މުއައްޒަފުންނަށް ލިބޭ އިނާޔަތަކަށް ކުޑަވެސް އަސަރެއް ކުރާޒާތުގެ ފިޔަވަޅެއް އެއްވެސް މެޏޭޖުމަންޓަކުން އަޅާނީ މުއައްޒަފުންގެ އެއްބާރުލުން ހޯދައިގެންނެވެ.
ފެނަކައަކީ އެކަށީގެންވާ ވަރަށް ގާބިލު މުއައްޒަފުން ތިބި ކުންފުންޏެކެވެ. ވަގުތު އިސްރާފުނުކޮށް މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމޭވަރުގެ ގާބިލުކަން ފެނަކައިގައި އެބަހުއްޓެވެ. ފެނަކަގެ އިދާރީ ހިންގުމަށް ގަނެވޭ އިސްލާހި ބަދަލަކުން މުއައްޒަފުންނަށް ލިބޭ ބެނެފިޓަށް ނުރަނގަޅު އަސަރެއް ކުރާވަރުގެ ކުއްލި ބަދަލެއް ފެނަކަ މެނޭޖުމަންޓަކުން ނުގެންނާނެއެވެ.
އުސޫލާ ހިލާފަށް އެހުމުން ވައްކަން ކޮށްގެންނާއި ހިސާބު ކިތާބު ވަގަށް ނަގައިގެން ފެނަކައިގެ އިމޭޖު ބަދަލު ކުރަން ޔާމީނުގެ އައުވާނުން އުޅެނީ ކީއްވެގެން ކަން ދިވެހި ރައްޔިތުންނަކަށް ނުއޮޅޭނެއެވެ. ފަތުއަޑު ކިޔާފައި ރަށްރަށަށް ފެނަކައިން ގެންނަމުންދާ ހެޔޮ ބަދަލުތައް ފެނި ހަސަދަވެރި ވިޔަސް ފެނަކައިގެ މަސައްކަތްތަކަށް ހިޔަނިވެސް އަޅުވާ ނުލެވޭނެއެވެ. ރައްޔިތުން ފެނަކައަށް ކުރާ އިތުބާރަށް ލޮޅުމެއް އަރުވައެއް ނުލެވޭނެއެވެ. ފެނަކަ ޓީމަށް ވަގަށް ގޮވަމުން ހީވާގި މުރާލި ފެނަކަ ޓީމުގެ ބަދަހިކަމުގައި ރެނދެއް ވެސް ނޭޅުވޭނެއެވެ.