ދެކުނުގެ އިގްތިސާދީ ހަރަކާތަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވޭނެ: ޝާހިދު

ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ދުވަހުގެ ހަފްލާ

ދެކުނުގެ އިގްތިސާދީ ހަރަކާތަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވޭނެ: ޝާހިދު

އައްޑޫ ސިޓީ ހިތަދޫގައި ޕޯޓް ހިންގާތާ 17 އަހަރު ފުރުނީއެވެ. ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ހަފްލާ އެމްޕީއެލް އިން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރީ މުހިންމު ސަބަބު ތަކަކަށްޓަކައެވެ. މަދު ވަސީލަތް ތަކާއެކު ކާމިޔާބު މަސައްކަތް ތަކެއް މުއައްޒަފުން 17 އަހަރު ކުރި ކުރުން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރުމަކީ އެންމެ މުހިންމު އެއް ބޭނުމެވެ.

ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފަހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޝާހިދު އެކަން ފާހަގަ ކުރައްވާ ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގްތިސާދީ ހަރަކާތް ތަކަށް އިތުރު ކުރިއެރުން ތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހުގެ އިގްތިސާދީ އެޖެންޑާގައި ސަރުކާރުން ހިތަދޫ ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލި އަޅުއްވާލެއްވީ އުންމީދުން ފުރިގެންވާ ޔަގީންކަމާ އެކުގައެވެ. ހިތަދޫ ޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގެ އުފާވެރި ހަބަރު އެމްޑީ ޝާހިދުގެ ވާހަކަފުޅުގައި ދެއްވިއެވެ.

ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފުރިހަމަ ވުމުން ލިބިގެންދާނެ ފަސޭހަ ތަކުގެ މައްޗަށް ތަފްސީލުކޮށް ޝާހިދު ޖަލްސާގައި ބައްލަވާ ލެއްވިއެވެ.

ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވިގެން ދާނެ ކަމާއި ޑޮމެސްޓިކް އުޅަނދު ތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ލިބިގެން ދާނެކަން ކަށަވަރުކޮށް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެކަން ޝާހިދު ވަނީ ފާހަގަ ކުރެއްވިއެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާ ތަކުގެ ވެރިން ބައިވެރިވެވަޑައިގެން ރަސްމިއްޔާތު އޮތީ އައްޑޫ ހައި ސްކޫލްގައެވެ.

ހިތަދޫ ޕޯޓަށް ދިގު މުއްދަ ތަކަށް ހިދުމަތް ކޮށްދެއްވުމަށް ފަހު ރިޓަޔަރ ކުރެއްވި 2 މުވައްޒަފަކަށް ހަނދާނީ ފިލާ އެރުވުނު މި ހަފްލާގައި ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ.