ދުށްތަން: ވެލާނާ އެއަރޕޯޓަށް ކާކު ކުރީ ކީއް!

އެއަރޕޯޓް ލޯނުން ބައެއް ޔާމީނު ކާލައިގެން މަސައްކަތް ހުއްޓުނު!

ދުށްތަން: ވެލާނާ އެއަރޕޯޓަށް ކާކު ކުރީ ކީއް!

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް އެންމެ މިޒަމާނުގެ ފެންވަރަށް ގެނައުމަށް ކޮންވެރިކަމެއްގައި ކުރީ ކީއްކަން ދިވެހިންނަކަށް ނޯޅެއެވެ. ޖީއެމްއާރު އަތުން ގަދަކަމުން އެއަރޕޯޓް އަތުލާ ދައުލަތަށް އެތައް ބޮޑުގެއްލުމެއް ދިނީ ޔާމީނުގެ ގޮނޑިކޮއްކޮ ރައީސް ވަހީދެވެ. އުފެދުމުގައިވެސް ބާތިލު އެގްރިމެންޓެއް ކަމަށްބުނެ ޖީއެމްއާރު އެގްރިމަންޓް ބާތިލުކޮށް 271 މިލިޔަން ޑޮލަރ ގެއްލުމުގެ ބަދަލުގެ ގޮތުގައި ރާއްޖޭން ދޭން ޖެއްސިއިރު ވެރިކަމުގައި ވަހީދު ހުއްޓަސް އެބުރަ ދައުލަތަށް ޖެއްސީ ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. 

ޖީއެމްއާރުން އެއަރޕޯޓް ވަކިކޮށްލުމަށްފަހު މަޖުބޫރުވެގެން ވެލާނާ އިންޓަނެޝަން އެއަރޕޯޓް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ފެށީ ރައީސް ޔާމީނެވެ. ރައީސް ޔާމީނު ވެރިކަމުގައި ޗައިނާގެ އެގްޒިމް ބޭންކުން ދެ ފަހަރެއްގެ މަތީން 500 މިލިޔަން ޑޮލަރު ލޯނެއް ދީގެން އައު ރަންވޭއެއް އަޅާދިނީ ޗައިނާ މީހުން ލައްވާ ޗައިނާ ސަރުކާރުންނެވެ. އެކަން ނިމިދިޔައީ އެ ފައިސާއިން ރޯގިލަ ކަންފުޅެއްވެސް ޔާމީނަށް ނުވެ ގައުމު ދަރަނިވެރި ކުރުވާފައެވެ.

ހުޅުލޭގައި ފަސިންޖަރ ޓާމިނަލް އެޅުމަށް ބިންހިއްކާ ޓާމިނަލް އެޅުމަށް އަބޫދާބީ ފަންޑާއި ސައުދީ ސަރުކާރު މެދުވެރިކޮށްގެން 800 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެކިފަހަރު މަތީން ރައީސް ޔާމީނު ވެރިކަމުގައި ހޯދިއެވެ. މާސިންގާ ދަރަންޏެކެވެ. އެދަރނީގެ ދަށުން އެއަރޕޯޓްގެ ބިން ހިއްކާ ޓާމިނަލް އެޅުމަށް ހަވާލުކުރީ ސައުދީ އަރަބިޔާގެ ބިންލާދިން ކުންފުންޏާއެވެ. އެއަރޕޯޓްގެ ބިން ހިއްކާ ޓާމިނަލް އެޅުމަށް ބޭނުންވާ ފައިސާއިން ބައެއް ބިންލާދިން ކުންފުންޏަށް ދިންނަމަވެސް 800 މިލިޔަން ޑޮލަރުގެ ތެރެއިން ވެސް ބޮޑު ބަޔަކަށް ޔާމީނުވީ ހިޔާނާތްތެރިއެވެ. 

ޔާމީނު އެ ބޮޑު ލޯނަށްވެސް ހިޔާނާތްތެރިވެ ބައެއް ދަވާލުމުގެ ނަތީޖާއަކަށްވީ ޓާމިނަލް އަޅަން ހަވާލުކޮށްފައިވާ ބިންލާދިން ގްރޫޕަށް ފައިސާ ނުދޭތީ ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމެވެ. އާ ޓާމިނަލްގެ ފައުންޑޭޝަން އެޅިގޮތަށް މަސައްކަތް ހުއްޓި އެގްރިމަންޓް ބާތިލުކުރާ ހިސާބަށް ދިޔުމެވެ. ޔާމީނުގެ ވެރިކަން ނިމުނީ ހިޔާނާތާ ހެދި އަރަބިންނާ ޔާމީނު ސަރުކާރާ މައްސަލަޖެހި އެ ނުތަނަވަސް ކަމުގައި އޮއްވައެވެ. 

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތްއިރު އާޓާމިނަލް އަޅަން ބިންހިއްކާ ފައުންޑޭޝަން އަޅާފައި އޮތް ހިސާބުން ފަށައިގެން އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްކުރީ ސައުދީ ސަރުކާރާއި އަބޫދާބީ ފަންޑްގެ ލަފަޔާ އިރުޝާދާ އެހީތެރިކަމާއެކުގައެވެ. އެއަރޕޯޓްތަރައްގީ ކުރަމުންއައި ބިންލާދިން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ދަމަހައްޓާ ޑިޒައިނަށް ބަދަލުތަކެއްގެނެސް އިތުރު ފައިސާ ހޯދައިގެން މަސައްކަތް ރޭވުންތެރިކަމާއެކު ރައީސް ސޯލިހު ފަށައިގަތެވެ.

ކޮވިޑްގެ އާލަމީ ވަބާއާއި ހެދި ހިސާބެއްގެ ދަތިތަކެއް މަސައްކަތަށް ކުރިމަތިވިޔަސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ދިޔައެވެ. ޒަމާނީ ހުރިހާ ވަސީލަތަކާއެކު އަހަރަކު 120000 (އެއްލައްކަ ވިހިހާސް) ޓަނުގެ ހިދުމަތް ދެވޭވަރުގެ ކާގޯ ޓަރމިނަލެއް ރައީސް ސޯލިހު ނިންމެވިއެވެ. ފަސިންޖަރ ޓާމިނަލަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެތެރެކުރުމާއި މުޅި ޓާމިނަލްގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތަކާއި މައިގަނޑު ބޮޑެތި ހުރިހާ މަސައްކަތެއް ރައީސް ސޯލިހު ވެރިކަމުގައި ވަނީ ކޮށް ނިމިފައެވެ. އެއްބަސްވެފައިވާ ގޮތަށް ހުރިހާ މަސައްކަތެއް ބިންލާދިން ގްރޫޕުން ނިންމަން ކަނޑައެޅިފައި އޮތީ އަންނަ އޮކްޓޫބަރު މަހެވެ. 

ރައީސް މުއިއްޒު އަވަސް އަރުވާލައިގެން މުޅިން ނުނިމޭ އެއަރޕޯޓެއް ޖުލައި 26ގައި ހުޅުވި ހުޅުމަކީ ކާމިޔާބެއް ނޫނެވެ. އެއްބަސްވުމެއްގެ ދަށުން ބަޔަކު ވަކިފެންވަރެއްގައި ކުރަމުން ދިޔަ މަސައްކަތެއްގެ ތެރެއަށް އެއަރޕޯޓް މުއައްޒަފުން ވައްދާ ދަނޑި ބާނައިގެން އެމީހުން ލައްވާ ނަމަކަށް ކަމެއް ކުރުމަކީ ގަސްދުގައި ދިން ބޮޑުގެއްލުމެކެވެ. ޓާމިނަލްގެ މަސައްކަތުގެ ފެންވަރު ދަށްވުމަށް މެދުވެރިކުރި ސަބަބެކެވެ. 

ބިންލާދިން ގްރޫޕުން މަސައްކަތް މުޅީން ނިންމާ ހަވާލުކުރަންދެން ކެތްނުވެގެން ޓާމިނަލް މުޅީން ނުނިމެނީސް ރައީސް މުއިއްޒު ހުޅުވި ހުޅުވުމަކީ ކުރި ބޮޑު އިސްރާފެކެވެ. ޓާމިނަލްގެ ކޮލިޓީ ދަށްވެގެން ދިޔަކަމެކެވެ.