ކުޑަކުއްޖަކު ރަހީނުކޮށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި

ކުއްޖާ އޮތީ އަންނައުނު ހިއްކާ މެޝިނުތެރެއަށް ލާފާ

ކުޑަކުއްޖަކު ރަހީނުކޮށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި

ރަހީނުކޮށްގެން އުޅޭކަމަށް ބުނެ އަންހެން ކުއްޖަކު އެމެރިކާ މޮންރޯ ކައުންޓީ ފުލުހުންގެ އިމަޖެންސީ ނަންބަރަށް ގުޅައި ރިޕޯޓުކުރުމާ ގުޅިގެން، ކްރިސްޓޮފަރ މައިކަލް ވައިޓް ނަމަކަށް ކިޔާ އުމުރުން 53 އަހަރުގެ ފިރިހެނަކު އެމެރިކާގައި ވަނީ ހައްޔަރުކޮށްފައެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު ޔޫއެސްއޭގެ މޮންރޯ ކައުންޓީގެ ޝެރިފް އޮފީހުގެ ފަރާތުން އެ ގެއަށް ދިޔައީ، ނަން ހާމަކޮށްފައިނުވާ ފުރާވަރުގެ އަންހެން ކުއްޖަކު އޭނާ ރަހީނުކޮށްފައިވާ ކަމަށް ބުނެ ފޯނުން ގުޅުމުންނެވެ. ފުލުހުން އެތަނަށް ދިޔައިރު، އެ ކުއްޖާ ފެނިފައިވަނީ ހެދުން ހިއްކާ މެޝިނެއްގެ ތެރޭގައި އޮއްވައެވެ. އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، ކްރިސްޓޮފަރ މައިކަލް ވައިޓް ވަނީ އެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގާފައެވެ. އަދި އެ ކުއްޖާ އެތަނުން ދާން ބޭނުންވުމުން، އޭނާ ވަނީ އެ ކުއްޖާ ހިފަހައްޓައި، ފޯނު އަތުލުމަށްފަހު ހިއްކާ މެޝިނަށް ލާފައި ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، އެ މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، އެތަނުން ސައްހަ ނޫން ފައިސާ (ވަގު ނޫޓު) ފެނިފައިވާތީ، އެމެރިކާގެ ސީކްރެޓް ސާވިސްއަށް ވެސް އެކަން ވަނީ އަންގާފައެވެ.

ރިޕޯޓް ލިބޭގޮތުގައި އެ ކުއްޖާއަކީ އެހެން ސްޓޭޓަކަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އެ ކުއްޖާއާ އެ މީހާއާ ދިމާވީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ.

ވައިޓް ހައްޔަރުކޮށްފައި ވަނީ ހަމަ އެ ދުވަހުއެވެ. އޭނާގެ މައްޗަށް ކުޑަކުއްޖަކު ރަހީނުކުރުމާއި، ކުޑަކުއްޖެއްގެ ބެލެނިވެރިކަމަށް ހުރަސްއެޅުމާއި، އަދި ކުޑަކުއްޖަކާ އެކު ގައިރު ގާނޫނީ ޖިންސީ އަމަލު ހިންގުމުގެ ދައުވާ ވަނީ އުފުލާފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު ދައުވާތައް ކުރެވޭނެ ކަމަށް ބެލެވެއެވެ.