ވަރިކުރިފުޅަށް 644 މިލިޔަން ޑޮލަރ ދިނުމަށް ހުކުމެއް

ކައިވެނި ރޫޅުނީ އެހެން އަންހެނަކަށް ދަރިއަކު ހުންނަކަން ހާމަވުމުން

ވަރިކުރިފުޅަށް 644 މިލިޔަން ޑޮލަރ ދިނުމަށް ހުކުމެއް

ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެސް.ކޭ ގްރޫޕްގެ ޗެއާމަން، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް 944 ބިލިއަން ވޮން (ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު) ދިނުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ. މި މައްސަލައަކީ އެ ގައުމުގެ މީޑިއާތަކުން "ގަރުނުގެ ވަރި" ގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލައެކެވެ.

މުޅިން ނިމުމަކަށް އަދި ނާންނަ މި ނިންމުމަކީ، 2024 ވަނަ އަހަރު ޗެއާރމަން ޗޭ ތޭ-ވޮން، ރޯ ސޯ-ޔޮންގް އަށް ދައްކަންޖެހޭނެ ކަމަށް ކުރިން ކަނޑައެޅި 1.38 ޓްރިލިއަން ވޮންއަށްވުރެ ކުޑަ އަދަދެކެވެ. މި މައްސަލަ އުފެދިފައިވަނީ ކުރީގެ ރައީސެއްގެ ދަރިކަނބަލުން ކަމަށްވާ ރޯ އާއެކު ޗޭ ކުރި ކައިވެނި ރޫޅުނުތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ކައިވެނި ރޫޅެން ދިމާވީ އެހެން އަންހެނަކަށް ޗޭގެ ދަރިއަކު ހުންނަކަން ހާމަވުމާ ގުޅިގެންނެވެ.

އެސް.ކޭ ގްރޫޕަކީ މަޝްހޫރު އެންވީޑިއާ ކުންފުންޏަށް ބޭނުންވާ ޗިޕްތައް ފޯރުކޮށްދޭ ސެމީކޮންޑަކްޓަރު އުފައްދާ ބޮޑު ކުންފުނި އެސް.ކޭ ހައިނިކްސް ހިންގާ ފަރާތެވެ. އެ ކުންފުންޏަކީ ދާދިފަހުން އެމެރިކާގެ ހިއްސާގެ ބާޒާރުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކުންފުންޏެކެވެ.

ޗޭގެ ވަކީލުން ވިދާޅުވީ، މި ވަރީގެ މައްސަލައިގެ ސަބަބުން ގިނަ ބަޔަކަށް ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާތީ ޗެއާރމަން ޗޭ ތޭ-ވޮން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި ކޯޓުގެ ހުކުމް ފުރިހަމައަށް ދިރާސާކުރުމަށްފަހު، އެ ހުކުމާ ގުޅޭގޮތުން ވަކި ޖަވާބެއް ދޭނެ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އެސް.ކޭ ގްރޫޕަކީ ދެކުނު ކޮރެއާގެ އިގްތިސާދު ކޮންޓްރޯލްކުރާ އާއިލީ ވިޔަފާރިތައް ނުވަތަ "ޗޭބޯލް" ތަކުގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ ކުންފުންޏެކެވެ. ކޯޓުގެ މި ނިންމުން އައިސްފައިވަނީ 35 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު ރޯ އާއި ޗޭގެ މުދާ ބަހާނެ ގޮތަކާ މެދު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުއެވެ.

2024 ވަނަ އަހަރު ބޭއްވި ފުރަތަމަ ޝަރީއަތުގައި، ރޯގެ ގާނޫނީ ޓީމުން ވަނީ ޗޭގެ ވިޔަފާރި ކުރިއެރުވުމުގައި ރޯގެ ބައްޕަ، އަދި 1988 އިން 1993 އަށް އެ ގައުމުގެ ރައީސްކަން ކުރެއްވި ރޯ ތޭ-ވޫ ގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ސާބިތުކޮށްދީފައެވެ. އެގޮތުން 1991 ވަނަ އަހަރު ރައީސް ރޯގެ ސިއްރު ފަންޑުން 30 ބިލިއަން ކޮރެއަން ވޮން ޗޭއަށް ދީފައިވާކަން ކޯޓަށް ސާބިތުވުމާ ގުޅިގެން، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް 1.38 ޓްރިލިއަން ވޮން ދެއްކުމަށް އޭރު އަމުރުކުރިއެވެ.

ނަމަވެސް، މިދިޔަ އަހަރު ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލްކުރީ، އެ ފައިސާއަކީ ގައިރު ގާނޫނީ ގޮތެއްގައި ހޯދާފައިވާ ފައިސާއަކަށް ވާތީ، އެއީ ދެމަފިރިންގެ މިލްކިއްޔާތުގެ ބައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކަނޑައަޅަމުންނެވެ.

މި މައްސަލައަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ މައްސަލައެކެވެ.

1953 ވަނަ އަހަރު ފޭރާން އުފައްދާ ކުންފުންޏެއްގެ ގޮތުގައި ފެށި އެސް.ކޭ ގްރޫޕް ވަނީ ވަރަށް އަވަސް ދުވަސްކޮޅެއްގެ ތެރޭގައި އެކި ދާއިރާތަކަށް ފުޅާވެ، ގައުމުގެ އެންމެ ބޮޑު އެއް ކުންފުންޏަށް ވެފައެވެ. މިއަދު އެއީ ސެމްސަންގް ގްރޫޕަށް ފަހު އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރިއެވެ. ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ބޭނުންކުރަނީ އެސް.ކޭ ޓެލެކޮމްގެ ފޯނު ހިދުމަތްތަކާއި އެސް.ކޭ ޕެޓްރޯލް ޝެޑްތަކުގެ ތެލެވެ.

އެސް.ކޭ ގްރޫޕަށް ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ، އާޓިފިޝަލް އިންޓެލިޖެންސް ގެ ކުރިއެރުމާއެކު އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ އެސް.ކޭ ހައިނިކްސްގެ މަގުބޫލުކަން އިތުރުވުމުންނެވެ. މިދިޔަ މެއި މަހު އެ ކުންފުނީގެ އަގު ދެކުނު ކޮރެއާގެ ހިއްސާގެ ބާޒާރުގައި 1 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ.

އެސް.ކޭ ހައިނިކްސްގެ އަގު އުފުލިގެން ދިއުމާއެކު، އެސް.ކޭ ގްރޫޕާއި އެ ކުންފުނީގެ ޗެއާރމަން ޗޭގެ ގަދަރުވެސް ވަނީ އުފުލިފައެވެ. މިދިޔަ މަހު އާޓިފިޝަލް އިންޓެލިޖެންސް އިންވެސްޓްމަންޓް ޕްލޭނެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ލީ ޖޭ މިއުންގް ވަނީ ޗޭ އަދި ސެމްސަންގްގެ ޗެއާމަން ޖޭ.ވައި ލީ އަށް ތައުރީފުކުރައްވައި، އެ ދެ ބޭފުޅުންނަކީ "ކޮރެއާގެ ރައްޔިތުންގެ ބަތަލުން" ގެ ގޮތުގައި ސިފަކުރައްވާފައެވެ.