އަނެއްކާވެސް ޑްރީމް ލައިނަރގެ ބޯޓެއް ނުރައްކަލަށް

އަނެއްކާވެސް ޑްރީމް ލައިނަރގެ ބޯޓެއް ނުރައްކަލަށް

އެއާ އިންޑިއާގެ ބޯއިންގް 787-8 ޑްރީމްލައިނަރ ބޯޓެއްގެ ވާތްފަރާތު އިންޖީނުގެ ފިއުލް ކޮންޓްރޯލް ސުވިޗަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ބޯޓު ބޭނުން ކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މައްސަލަ ދިމާވީ ބޯޓު އިސްޓާޓު ކުރަން އުޅުމުގެ ތެރޭގައި، "ރަން ޕޮޒިޝަން"  އިން "ކަޓްއޮފް ޕޮޒިޝަން" އަށް ސުވިޗު ދެ ފަހަރަށް އަމިއްލައަށް ބަދަލުވުމުގެ ސަބަބުންނެވެ.

މިކަން ފާހަގަކުރީ މިދިޔަ ހޯމަ ދުވަހު ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ބެންގަލޫރަށް ދަތުރުކުރި އޭއައި 132 ފްލައިޓުގެ ޕައިލެޓެވެ.

އެއާރ އިންޑިއާއިން ހާމަކުރި ގޮތުގައި، އެ ބޯޓު މިހާރު ވަނީ ހިދުމަތުން ބޭރުކޮށްފައެވެ. ބޯޓު އުފެއްދި ބޯއިންގް ކުންފުންޏާ ގުޅިގެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރު (ޑީޖީސީއޭ) އަށް ވެސް މިކަން މިހާރު ވަނީ އަންގާފައެވެ. ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށް ތަކުރާރުކޮށް އެ ކުންފުނިން ބުނެއެވެ.ބޯއިންގް ކުންފުނިން ވެސް ވަނީ އެއާރ އިންޑިއާއާ ގުޅިގެން މި މައްސަލަ ދިރާސާ ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، މިދިޔަ އަހަރު އަހުމަދުއާބާދުގައި 260 މީހުންގެ ފުރާނަ ގެއްލުނު ޑްރީމްލައިނަރ ބޯޓުގެ ނުރައްކާތެރި ހާދިސާއާ މިކަމާ އެއްގޮތް ކަންތައްތަކެއް ހުރުމުންނެވެ.

އެ ހާދިސާގެ ތަހުގީގުން އެނގުނު ގޮތުގައި، ބޯޓު އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ އިންޖީނުގެ ފިއުލް ކޮންޓްރޯލް ސުވިޗު "ކަޓްއޮފް" އަށް ބަދަލުވެ، އިންޖީނުގެ ބާރު ކެނޑުނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އަލުން "ރަން" އަށް ސުވިޗު ބަދަލުވިއެވެ.

ފިއުލް ކޮންޓްރޯލް ސުވިޗަކީ ބޯޓުގެ އިންޖީނަށް ތެޔޮ ފޮނުވައިދޭ މިންވަރު ކޮންޓްރޯލްކުރާ މުހިންމު ބަޔެކެވެ. މިއީ އަމިއްލައަށް ނުވަތަ އޮޅުމަކުން ބަދަލު ނުވާނެހެން "ސްޕްރިންގް-ލޯޑަޑް" ކޮށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި،  ޕޮޒިޝަން ބަދަލުކުރެވޭނީ ގަސްތުގައި ކުރާ މަސައްކަތަކުން ކަމަށް އޭވިއޭޝަން މާހިރުން ބުނެއެވެ. އަހުމަދުއާބާދު ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.