ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް!

ކާސްޓިލްލޯ ވަކިކުރުމާ އެކު ނައިބް ރައީސާ ޑީނާ ބޮލުއާޓޭ ވެރިކަމާއި ހަވާލުވެ ވަޑައިގެން.

ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް!

ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް!

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕެރޫގެ ރައީސް ޕެޑްރޯ ކާސްޓިއްލޯގެ މައްޗައް އިތުބާރުނެތް ކަމުގެ ވޯޓެއް ފާސްކުރިއެވެ. ޕެރޫގެ ގާނޫނު ހަދާ މަޖިލީހުން ކާސްޓިލްލޯ ވަކިކުރިތާ މާގިނަ އިރެއްނުވެ ޕެރޫގެ ނައިބް ރައީސާ ޑީނާ ބޮލުއާޓޭ ރައީސް ކަމުގެ ހުވާ ކުރައްވާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއެވެ.

ޕެރޫގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ހަމަ އެ ދުވަހު ކުރީގެ ރައީސް ޕެޑްރޯ ކާސްޓީއްލޯގެ މައްޗަށް ބަގާވާތް ކުރުމާއި ދައުލަތާ ދެކޮޅު ހަރަކާތް ރާވާކަމުގެ ތުހުމަތުގައި ޖަލަށް ލާފައެވެ.

ކުރިން ސުކޫލް ޓީޗަރުކަމާއި ޔުނިއަން ލީޑަރުކަން ކުރެއްވި ރައީސް ކާސްޓިއްލޯ މަގާމުން ވަކިކޮށް ޖަލަށް ލުމުން ރައްޔިތުން ވަނީ ރުޅިގަދަވެ މުޒާހަރާތައް ކުރުމަށް މަގުމަށްޗައް ނިކުމެފައެވެ. މުޅި ޕެރޫގެ ހުރިހާ ހިސާބު ތަކެއްގައި ވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ. ހާއްސަކޮށް ޕެރޫގެ އުތުރުގެ ސިޓީތަކާއި އަންޑިއަން ޓައުންގައި މުޒާހަރާތައް ވަރަށް ވަރުގަދައެވެ.

ޕެރޫގެ ފުލުހުންނާއި އާންމުންގެ ކުރިމަތިލުން ތަކުގައި މިހާތަނަށް 2 މީހަކު މަރުވެ އެތައް ބަޔަކަށްވަނީ އަނިޔާތައް ލިބިފައެވެ. އިއްޔެގެ ވަގުތެއްގައި އަންދަހުޔަލަސް ޓައުނުގެ މުޒާހަރާގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 2 ޒުވާނަކު މަރުވުމާއި ގުޅިގެން މުޅި ޕެރޫގައި ވަނީ މުޒާހަރާތައް އިތުރަށް ހޫނުވެފައެވެ.

ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން ރޭގެ ވަގުތެއްގައި ޕެރޫގެ ރައީސާ ޑީނާ ބޮލުއާޓޭ ގައުމާ މުހާތަބުކޮށް އަވަސް އިންތިހާބެއް ބާއްވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ. މިހާރު އޮތް ގޮތުން ނަމަ ޕާލަމެންޓް އިންތިހާބެއް ދެން ބާއްވާނީ އޭޕްރީލް 2024 ގައެވެ. ނަމަވެސް ރޭގައި އިންތިހާބު އަވަސް ކުރުމަށް ކުރެއްވި އިއުލާނާއި ގުޅިގެން މާގިނަ ދުވަސްތަކެއް ނުވެ އިންތިހާބު ބާއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ޕެރޫގެ ސިޔާސީ މަސްރަހު ހޫނުވެގެން އުޅޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ޕެރޫގެ ރައީސް ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ލުމާއި އެކު ރައީސް ކާސްޓީއްލޯ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ގަރާރެއް ނެރެ މަޖިލިސް އުވާލާފައެވެ. މިކަން ވެގެން ދިޔައީ ޕެރޫގެ ރައީސް ކަމުން ކާސްޓީއްލޯ ބޭލުމަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަށް ކާސްޓީއްލޯ ބޭރު ކުރުމަށް އިތުރަށް ފަސޭހަވެގެން ދިޔަ ކަމަކަށެވެ.

ކާސްޓީއްލޯ އަކީ ރައްޔިތުން މަގުބޫލުކަން އޮތް ލީޑަރަކަށް ވާތީ ޕެރޫގެ ކަޖަމާރާ، އެރިކުއިޕާ، ހުވަންކަޔޯ، ސުސްކޯ އަދި ޕޫނޯ ގައި ވަރަށް ގިނަ ރައްޔިތުން ބައިވެރިވި މުޒާހަރާ ތަކެއް ސަންޑޭގައި ވަނީ ބާއްވާފައެވެ. މި މުޒާހަރާ ތަކުގައި ރައްޔިތުން ގޮވަމުން ދިޔައީ ރައީސް މަގާމުން ވަކިކުރީ ބަގާވާތް ކޮއްގެން ކަމަށާއި ރައީސް ކާސްޓީއްލޯގެ ދައުރު ހަމަވާ ހިސާބަށް ( 2026 ހަމައަށް ) އަލަށް ހުވާކުރި ކުރީގެ ނައިބް ރައީސާ ބަލުއާޓޭ ރައީސް ކަމުގައި ނުހުރެވޭނެ ކަމަށާއި ވަގުތުން އިންތިހާބެއް ބޭއްވުމަށެވެ.

މި މުޒާހަރާ ތަކުގެ ބައެއް ބައިވެރިން އެއަރޕޯޓް ހިފާ، ފުލުހުންނަށް ގާއުކާ، ތަން ތަނަށް ގެއްލުން ދެމުން ގެންދާ ކަމަށް ސަރުކާރުގެ އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ. މުޒާހަރާތައް މައިތިރި ކުރުމަށް ފުލުހުން ރަބަރު ވަޒަން އަދި އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރަމުން ދާތީ ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.