ޓްވީޓަކުން ކޮށި އަރުވާލެވޭ ވަރަށްވުރެ އިބޫ މާގަދަ!
އަމިއްލަ ސަހުސިއްޔަތު ބިނާ ނުކުރެވި މީހެއްގެ ތައްޕާހުގައި ނޫނީ ހިރެ ނުލެވޭ ބޯ ގޯހެއް
ތިމާއަކީ މީހެއް ނޫން ކަމަށްވެ ބަޔަކު ބަލައި ނުގަނެ ބާކީ ވީމާ ސަމާލުކަން ހޯދަން ޒާތްޒާތަށް މީހުން އުޅެއެވެ. ހަ އަނގަ ޖަމީލު ބާކީވެ ބޮލުރޮދި ކަންޑިގެން އެނބުރޭ ގުޑިއެއްހެން އެނބުރެ އެނބުރެ ބައިންގަނޑު ކެޑިއްޖެއެވެ. މީހަކު ކަހާތަން ހިރުވާ ވެސް ނުލައެވެ. ކުޑަ އިރުއްސުރެ ނެތް ވަރު ދައްކާ ދަންނަކަން ބުނަމުން އަމިއްލަ ސަހުސިއްޔަތު ބިނާ ނުކުރެވި މީހެއްގެ ތައްޕާހުގައި ނޫނީ ހިރެ ނުލެވޭ ބޯގޯހަކަށް ވުމަކީ އެހެން ބައެއްގެ ކުށެއް ނޫނެވެ.
ބިޔަހެން ހީވާ ބޮޑެތި މަސްމަހުގެ ބަނޑުދަށަށް ވަދެ ތަތް ކޮށްލައިގެން އައްޓަމަސް އިންނަ ކަމެއް ބޮޑު މަހަކަށް ނޭގޭނެއެވެ. ކިތަންމެ ވަރަކަށް އައްޓަ މަހެއް ފޮނު އެރުވިޔަސް ބޮޑު މަހަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. މަސް އޮތް ލޮނު ގަނޑުން ބޮތްކެއްހާ ހިސާބު ވެސް ފާޅެއް ނުވެއެވެ. ހަ އަނގަ ޖަމީލެކޭ އައްޓަ މަހެކޭ ތަފާތެއް ނެތެވެ. އިންސާފުގެ ގޮނޑީގައި އިނދެ މަހުޖަނެއްގެ ތަރިކަ މުދާގަޑުން ހައްގުނޫން ބަޔަކަށް މުދާ ގަނޑެއް ދަމައިގެން ދީގެން އަންހެނަކާ ފޭކް ޕީއެޗްޑީއެއް ހޯދުން ނޫން ކަމެއް ހަޔާތުގައި ކުރެވުނީއެއް ނޫނެވެ.
އިލްމުގެ އަހުލެއް ކަމަށް ދެއްކެން ނަމުގެ ކުރީގައި ޑރ ޖަހައިގެން އުޅުނެއް ކަމަކު ހަ އަނގަ ޖަމީލު އަރުވާ ފޮނު ބަލާ މީހަކު މިހާރަކު ނޫޅެއެވެ. ފަތަފޮޅި ދަށުލީ ފަތްގަޑަށް ވާވަރުވެސް އެންމެ ފަހަރަކު ވެސް ޖަމީލަކަށް ވަނީއެއް ނޫނެވެ. މައުމޫނު އަރިހުގައި ދަންނަ ފަގުޑި ބޮލު އަޅައިގެން ތެޅިތެޅި ބަލިވީ އިރުވެސް ވީކަމެއް ހަރާމުން ހަރާމެވެ. ހަދައިގެން އުޅުނު ނިއުމޯލްޑިވްސް އޮޅާލާފައި ޖަހަން ޖެހުނީ ޒާތެއްގެ ތަނަކަށެވެ.
ލަހެއް ނުވެ ފެނުނީ ޑރ. ހަސަން ސައީދުގެ ބަނޑު ދަށުންނެވެ. ހެދި ޕާޓީގަނޑު އުވިގޮސް އެކުވެރިކަން ކެނޑި ދިޔައީ ޝަރީއަތުންނެވެ. ގާސިމުގެ ބަނޑުވަލަށް ވެގެން އުޅުނީ ކިތަކަށް ފަހަރު ކަމެއް ހޮދު ތިމާއަށް ނޭގޭނެއެވެ. ޔާމީނުގެ ބައިންގަނޑުގައި އެލިގަނެގެން ކުރިން އުޅުނު އިރު ހިވީ މަވަރެއް ނެތް ހެނެވެ.
ޔާމީނު އެ ފަހަރު ހެދީ ރަނގަޅަށެވެ. ހިސާބަށްވުރެ ފާޓުފުޅާވެ ވައްވައް ޖަހަން ފެށުމުން ރީތި ގޮތަކަށް ދޮޅި އަޅާލީމާ އަންނިގެ އުގަށް ވެއްޓިގަނެގެން ވެސް ފޭބީ ހުޅުބެވެ. އަނެއްކާ ޔާމީނަށް ހެޔޮ އެދި ގަނެގެން ޔާމީނުގެ ތެއްފޭލި އުފުލަން އުޅުނަކަސް ކަހަރު ވަކެކޭ ވެސް އެއްވެސް މީހަކަށް ހިޔެއް ނުވެއެވެ.
މަޝްހޫރުކަން ހޯދަން ދޮގު މައްޗަށް ދޮގު ހަދަމުން ބޮޑެތިހާ ގަސް ގަހަށް އުކާ ގަޅިގަނޑު އައިސް ޖެހެނީ އަމިއްލަ ބޮލުގައިކަން ޖަމީލަކަށް ނޭނގެއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަނި ހެދިގެން ކުރާ ޓްވީޓަކުން ކޮށި އަރުވާލެވޭ ވަރަށް ވުރެ އިބޫ މާ ގަދައެވެ. ދޭނެ މީހަކު ނެތަސް އެއް ސަރުކާރަކުން ވެސް ރޮދިކެޑި އަވާރާ ވެގެން ފޮނު އަރުވާ ޖަމީލަށް ދޭނެ މަގާމެއް ދެން ނެތެވެ.