އަމްރަށް: އޮޅިގެން އުޅުނަސް އެމްޑީޕީއަކީ ވަކި މީހެއް ނޫން

އަމްރު ތިޔަ ދައްކަނީ ކޮންތާކު އޮތް ކޮން ސިޔާސަތެއްގެ ވާހަކައެއް

އަމްރަށް: އޮޅިގެން އުޅުނަސް އެމްޑީޕީއަކީ ވަކި މީހެއް ނޫން

އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އަމްރު ބުނިމާ އަންނަނީ ހިންޏެވެ. އެމްޑީޕީއަކީ އެންމެ މީހެއް ކަމަށް އަމްރަށް ހީވަނިތާއެވެ. އެމްޑީޕީއަކީ އެތައް ހާސް ބައެކެވެ. އެމްޑީޕީ އުފެދުނީ ސިޔާސީގޮތުން ވަކި މީހެއްގެ ފަހަތުން އެނބުރޭ އެނބުރުން ނިމުމަކަށް ގެންނަންކަން އަމުރަށް ނޭނގެނީ ތާއެވެ.

އަމްރަށް އޮޅިގެން އުޅުނަސް އެމްޑީޕީއަކީ ވަކި މީހެއް ނޫނެވެ. އެމްޑީޕީގައި ކަން ހިނގަނީ ވަކި މީހަކު ބޭނުންވާހާ ގޮތަކަށް ނޫނެވެ. އެމްޑީޕީގެ ފަލްސަފާއަކީ މެޖޯރިޓީގެ ނިންމުމެވެ. އެމްޑީޕީގެ އަސާސީ ގަވައިދުވެސް އޮތީ އެގޮތަށެވެ. ވަކި މީހަކަށް ހައްދެއްނެތް ބާރުތަކެއް އަސާސީ ގަވައިދު ނުދެއެވެ. އެމްޑީޕީގެ ކަންކަން ނިންމަނީ މަޝްވަރާކޮށްގެން މެޖޯރިޓީ ނިންމާ ނިންމުމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ އެއީއެވެ.

އެމްޑީޕީގައި ސިޔާސަތުތައް ކަނޑައެޅި ތަންފީޒު ކުރާނެ ގޮތްތައް ހުރީ ހަމަޖެހިފައެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތަށް އެމްޑީޕީގެ މައިގަޑު ސިޔާސަތުތައް ކަނޑައަޅަނީ ކޮންގްރަސްއެވެ. ކޮންގްރަހުގެ ނިންމުންތަކާ އެއްގޮތަށް ކަންކަން ހިންގަނީ ގައުމީ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ. ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރަނީ ސެކެރެޓްރިއޭޓުންނެވެ. ވަކިވަކި ހާއްސަ މަސްލަހަތުތަކަށް ހާއްސަ ކޮމެޓީތައް އޮވެއެވެ. ކޮމެޓީތަކުގެ ނިންމުންތައް ވެސް ނިންމަނީ މެޖޯރިޓީއަށެވެ. ޕީޖީ ގްރޫޕާއި ފިޔަވަޅުއަޅާ ކޮމެޓީއާއި އިސްތިއުނާފް މަޖިލީހަށް ދާންދެން އޮވެއެވެ. ހުރިހާ ކަމެއް ހިގަނީވެސް ވަރަށް ސިސްޓަމެޓިކްކޮށް މެޖޯރިޓީ ނިންމާ ގޮތަށެވެ. ގޮތްޕެއްގެ ކަމެއް ދާއިރާއެއްގެ ކަމެއްވިޔަސް ކުރާނީ ލިޔެ ތަރުތީބުވެފައިވާ މެޖޯރިޓީ ނިންމުމަކާ އެއްގޮތަށެވެ. 

އަމްރު ތިޔަ ދައްކަނީ އެމްޑީޕީގެ ކޮންތާކު އޮތް ކޮން ސިޔާސަތެއްގެ ވާހަކައެއް ހެއްޔެވެ. ކުރިން އަންނި އާއި އެކުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ މިއަދު އޮތީ ރައީސް ސޯލިހާ އެކުގައެވެ. ސެކެރެޓްރިއޭޓާއި ޕީޖީ ގްރޫޕާއި ގައުމީ މަޖިލިހާއި ކޮންގްރެސް އޮތް ގޮތް އަމްރަކަށް ނުފެނޭހެއްޔެވެ. އާއްމު މެންބަރުންގެ ނިންމުންތައް ބުރަވެފައި އޮތީ ކޮންކޮޅަކަށްކަން އެންމެފަހުން އޮތް އެތެރޭގެ އިންތިހާބު ތަކުން ސާފެއް ނުވޭހެއްޔެވެ. ދެން އަމްރުމެން ތިޔަ ދައްކަނީ އެމްޑީޕީން ދެކޭ ކޮން ތަސައްވަރެއްގެ ވާހަކައެއް ހެއްޔެވެ. 

ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިހުންނާނެ މީހަކު މެޖޯރިޓީގެ ވިސްނުމާ ދެކޮޅަކަށް ނުހުންނާނެއެވެ. އެމްޑީޕީގެ ތަސައްވުރަކީ އަންނި އަށް ވެރިކަން ހޯދާދީގެން އަންނި ބޭނުންހާ ގޮތަކަށް ކަންކަން ކުރުން ނޫންކަން ނޭނގޭހާ އަމްރު ވެސް ގަމާރީ ހެއްޔެވެ. 

އިހުލާސްތެރިކަމާ އެކީ ހެޔޮ ނިޔަތުގައި މަސައްކަތް ކުރިނަމަ ކުރިއަރުވާ ތަންފީޒު ކުރީހީ މިއަދު އެމްޑީޕީން ތަންފީޒުކުރާ ސިޔާސަތެވެ. އެގޮތް ކަމު ނުގޮސްގެން އެހެން ގޮތެއް ހިޔާރު ކުރާކަށް އަމްރަކަށް ނުޖެހުނީހެވެ. ތިމާ ބޭނުންހާ ގޮތަކަށް ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަންކަމެއް ނުނިމޭނެއެވެ. ނުހިނގާނެއެވެ. މެޖޯރިޓީއަށް ތަބާ ވުމުގެ ވިސްނުން ނެތް ބަޔަކު ސިޔާސަތޭ ޑިމޮކްރަސީއޭ ރައްޔިތުންނޭ ނުކިޔާށެވެ. ދެރައީ މަގާމުން ވަކިކުރަންދެން އިސްތިއުފާ ނުދީ ކަމުނުދާ ސިޔާސަތެއް ހިންގަން ހުރީތީއެވެ.