އިބޫ ދިފާއު ކުރަން ޖަމީލު ނިކުތުން
ޖަމީލު ދެނީ މި ސަރުކާރު ރަނގަޅަށް ހިނގާކަމުގެ ޔަގީންކަން
ސަރުކާރަކުން ކުރާކަމެއްގެ ރަނގަޅު ނުރަނގަޅު ބަލާނެ ނިކަން ފަސޭހަ ގޮތެއް އެބައޮތެވެ. އެއިރަކު އޮންނަ ސަރުކާރެއްގެ ވަކިކަމެއް ގޯސްކޮށް އޮތް ކަމަށް ޑރ. ޖަމީލު ބުނެފިތަ އެކަމެއް އެއޮތީ ނިކަން ރަނގަޅަށެވެ.
ރައީސް ސޯލިހު ސަރުކާރަކީ ޑރ. ޖަމީލުގެ މިންގަޑުން ބެއްޔަސް ރާއްޖެ ނުދެކޭ ފަދަ ކާމިޔާބު ސަރުކާރެކެވެ. ރައީސް ސޯލިހު ސަރުކާރުން ރަނގަޅަށް ކުރާ އެއްކަމެއް އޮތްކަމަކަށް ޑރ. ޖަމީލު ނުބުނެއެވެ.
އެންމެ ފަހުންވެސް ޖަމީލު ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ހުރިހާ ނިޒާމެއް އޮތީ ބޮއްސުންލާފައި ކަމަށެވެ. ޖަމީލު ދިވެހި ރައްޔިތުންނަށް އެދޭ ޔަގީން ކަމަކީ ރައީސް ސޯލިހު ސަރުކާރުގެ ހުރިހާ ނިޒާމެއް ތަރުތީބުން އިންތިޒާމު ވެގެން ރަނގަޅަށް ހިނގަމުން ދާކަމުގެ ޔަގީންކަމެވެ.
ކޮންމެ ދިމާލަކުން ކަންކަން ކުރަނީ އެ މީހަކު ހިތުހުރި ގޮތަކަށް ކަމަށް ޖަމީލު ބުނުމުން އެނގިގެން އެދަނީ އެއްވެސް މީހަކު ބޭނުންހާ އެއްޗެއް މި ސަރުކާރުގައި ނުހެދޭކަމެވެ. ސަރުކާރު ކުންފުނި ތަކުގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންފުޅެއް ވެސް ނެތްކަން އެނގެނީ ސަރުކާރުގެ ކުންފުނިތައް ވައްކަމުގެ ހާއްޔަކަށް ވެފައިވާ ކަމަށް ޖަމީލް ބުނުމުންނެވެ.
ޖަމީލުގެ ހަސަދައިގެ ޓްވީޓެއް
ޕީޖީއާއި އީސީ އަކީ ފިސާރި ރަނގަޅަށް ހަރަކާތްތެރި ގާނޫނީ ހުކޫމަތު ރަނގަޅަށް ހިންގާ ތަންތަންކަން އެގިގެން ދަނީ އެތަންތަން ވާގިނެތިފައިވާކަމަށް ޖަމީލު ބުނުމުންނެވެ. އަނެއްކޮޅުން ރިޝްވަތާއި ނުފޫޒް ފޯރުވުން އާންމުވެއްޖެ ކަމަށް ޖަމީލު ބުނުމުން ކަށަވަރު ވެގެން ދަނީ ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ކަންފުޅެއް ވެސް މި ސަރުކާރުގައި ނެތްކަމެވެ.
ޑރ. ޖަމީލަށް ރާއްޖެއަކީ ލޯލެސް ސްޓޭޓެއްގެ ގޮތުގައި ސިފަވުމުން ރާއްޖެއަކީ ގާނޫނީ ހުކޫމަތު ފުރިހަމައަށް ހިނގާ މުސްތަގިއްލު މިނިވަން ދައުލަތެއް ކަން ކަށަވަރު ވެއްޖެއެވެ.
އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޔާމީނަށްވުރެ ވަކީން ބޮޑުވަގެއް ހުރިކަމަކަށް ޖަމީލަކަށް ނުވެއެވެ. ވައްކަމާ ފަސާދައިން ތަތްނުތެޅޭ އެންމެ ކުންފުންޏެއް ދައުލަތުގެ އިދާރާއެއް އޭރު އޮތްކަމަކަށް ޖަމީލަކަށް ނުވެއެވެ. ރިޝްވަތާ ނުފޫޒު ފޯރުވުމުގައި ޔާމީނަށް ވުރެ އަރާހުރި މީހަކު އޭރަކު ޖަމީލަކަށް ނެތެވެ. ޔާމީނުގެ ވެރިކަން ނިމުމުން އާހިރުގައި ޔާމީނާއި ޔާމީނު ސަރުކާރުން ކުރި ކުޑަވެސް ގޯސްކަމެއް ޖަމީލަކަށް ނެތެވެ. ޔާމީނު ކުރިހާ ވައްކަމާއި ހިފިހާ ރިޝްވަތާއި ފޯރުވިހާ ނުފޫޒާއި ދިންހާ ރިޝްވަތާއި އޮތް އަނިޔާވެރިކަން ހަލާލު ކުރަމުން ހުކުން ހަރާން ކުރަން ނިކުމެ އިސްވެ އެހުރީ ޑރ. ޖަމީލެވެ.
ތިންއިރު ކާ ބޭހެއްހެން މި ސަރުކާރު ބަދުނާމު ކުރަން އަނގަފުރާ މިހާރު ދައްކާ ހުރިހާ ވާހަކައެއް އަމިއްލަ އަނގަޔަށް ވައްދައިގެން މި ސަރުކާރުގެ އަދުގެ އަމަލު މާދަމާ ދިފާއު ކުރަން ކޯޓުތަކަށް ޑރ. ޖަމީލު ދުވާ މަންޒަރު ލޮލަށް އެބަ ސިފަވެފައެވެ.