ދައުލަތް ދަވާލަން އުޅޭ ބަޔަކު ނޫސްވެރިން ދެކެ ބިރުގަންނާނެ!
ބޭނުން ވާނީ ނޫސްވެރިކަމުގައި ތަޅުއަޅުވާފައި ބޭއްވުން
އަޖައިބެކެވެ. އޮބި އަޅުވައިގެން ކަންކަން ކޮންޓްރޯލު ކުރުމަކީ ޑިކްޓޭޓަރ ކަމުގެ އެންމެ މަތީ ހަރުފަތެވެ. ހަވީރާ އާފަތިހުގެ ޒަމާން މާޒީވެ ހިނގައްޖެއެވެ. ނޫސްވެރި ކަމުގެ މިނިވަން ކަމަކީ އަސާސީ ހައްގެކެވެ. ނޫސްވެރިންނަކީ މުއިއްޒާ އަސްވާޑާ ހެއްޔަމްބޯ ހަލީލާއި ޝަހީބުގެ ބުމަރެއް ނޫނެވެ. ނޫސްވެރިކަމަކީ އެ މީހުންގެ އޮރިޔާން ނިވާ ކޮށްދޭން އޮތް އަންނަ ފޮށައެއް ނޫނެވެ. އެމީހުން ބޭނުންވާ ވާހަކައެއް ނޫނީ ނުދެއްކޭ ގޮތަށް ނޫސްވެރިން ހައިޖެކް ކުރަން ނޫޅޭށެވެ.
މައުމޫނުގެ ދިގު ތިޜިސް އަހަރު ނިމިގެން ދިޔައީ ނޫސްވެރިންގެ ގަލަން ދަށުވެގެންނެވެ. އޭރުވެސް ނޫސްވެރިކަމަކީ ވަކިބަޔަކަށް އެކަނި ކުރެވޭ ކަމަކަށް ހަދައިގެން އުޅޭން އުޅުނެވެ. ސަންދާނާއި ދިވެހި އޮބްޒާވަރާއި އައްޑުވަހުން ބިރެއްނެތި ޖެއްސި ޖެއްސީނުން ހިފެހެއްޓުންތައް މައުމޫނަށް ވެސް ޖެހުނީ ދޫކުރާށެވެ.
އެކި ނަންނަމުގައި ނޫސް މަޖައްލާތައް އޭރު ނިކުންނަން ފެށީ ތިޔަހެނަކުން ނޫނެވެ. އެ ފޯރީގައި ނިކުތް ހުރިހާ ނޫހެއް މި އަދަކު ވުޖޫދަކު ނެތެވެ. ހިފަހައްޓާލެވުނު މީޑިއާތައް އަދިވެސް ދެމިއެބައޮތެވެ. ނުހިފެހެއްޓުނު މީޑިއާތައް އަމިއްލައަށް ހުއްޓާލީއެވެ. އޭރުއްސުރެ ނޫސްމަޖައްލާ ރިޖިސްޓްރީ ކުރުމަކަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނެތެވެ. އަދި ވަގުތީ ގޮތުންވެސް މީޑިއާތައް ތަޖިސްޓްރީ ކުރުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ސަރުކާރުން އިސްވެ އޮވެ މީޑިއާތައް ހުއްޓާކަށް މިހާ ވަރަކަށް ނޫޅެއެވެ.
ރާއްޖޭގެ އެންމެ ނަންހިގާ ނޫސްވެރިން ކަމަށް ދައުވާކުރާ ބަޔަކު ބަސްކިޔާ ސަރުކާރެއްގެ ފުށުން މި ފެންނަނީ ރައީސް ޔާމީނު ސަރުކާރަށް ވުރެވެސް ރަހުމުކުޑަކޮށް އަމަލު ކުރާތަނެވެ. ރައީސް ޔާމީނު އަދަބު ދައްކާ އުޅުނީ ވެސް އަބުރުގެ ގާނޫނު ހަދައިގެން އޭގެތެރެއިންނެވެ. މި މީހުންގެ ވެރިކަމަށް އަދިމިވީ މަހެކެވެ. ގާނޫނެއް ހަމައެއް ލަމައެއް ނެތެވެ. ރަނގަޅަށް ފެނަށް ދިރެ ލައިފިއްޔާ އަދި ކިހާވަރަކުން ދާނެ ބާވައެވެ.
ނޫސްވެރިކަމުގައި ނަން ހިނގާ އެތައް ބަޔަކު ބަސްކިޔާ ސަރުކާރަކުން ނޫސްތައް ބޮލޮކް ކުރުމާއި އަލަށް މީޑިއާގެ ވަސީލަތްތައް ރަޖިސްޓްރީ ކުރުން ހުއްޓާލުމަކީ ސަރުކާރަށް ފާޑުކިޔުން ހުއްޓުވޭނެ ކަމެއް ނޫނެވެ. ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ނޫނީ ނޫސްވެރިކަން ނުކުރެވޭނެ ގޮތް ހެދޭނެ ކަމެއްވެސް ނޫނެވެ.
ރާއްޖޭގައި ނޫސްވެރިކަން ރެގިއުލޭޓް ކުރާ ގާނޫނީ ދެ މުއައްސަސާ އެބައޮތެވެ. ނޫސްވެރިކަމުގެ މިންގަޑުން އެއްވެސް ނޫސްވެރިއަކު ނުވަތަ މީޑިއާއެއް ނައްޓާލައިފި ނަމަ ހަމަޔަކަށް އަޅުވާނީ އެ މުއައްސަސާ ތަކުންނެވެ. އަސްވާޑާއި ހަލީލާއި ޝަހީބެއް ނޫނެވެ. އަދި މުއިއްޒެއް ވެސް ނޫނެވެ.
މީޑިއާއެއްގެ ކޮންޓެންޓަކީ އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީއާއި އެއްގޮތަށް އޮންނަ އެއްޗެކެވެ. މީޑިއާ ތަކުގެ ކޮންޓެންޓަކީ ސަރުކާރު ބޭނުންވާ ގޮތަށް އޮންނަން ޖެހޭ އެއްޗެއް ނޫނެވެ. ގާނޫނު އަސާސީއާއި ގާނޫނު ތަކާއި ކޯޑް އޮފް އެތިކްސް އެއޮތީއެވެ. މީޑިއާ އަކުން ގާނޫނާ ހިލާފުވިޔަސް އަދި ޝަކުވާއެއް އޮތަސް ރެގިއުލޭޓަރީ މުއައްސަސާތައް މެދުވެރިކޮށްގެން ހައްލު ހޯދޭނެއެވެ.
އެހެނެއް ކަމަކު ވައްކަމާ ދައުލަތް ދަވާލުމުގެ ވިސްނުމުގައި ވެރިކަމަށް އައިސް ތިބި ބަޔަކު ނޫސްވެރިން ދެކެ ބިރުގަންނާނެ ތާއެވެ. އެ ފާޑުގެ ސަރުކާރަކަށް ނޫސްވެރިކަން ހަޖަމެއް ނުކުރެވޭނެއެވެ. ބޭނުން ވާނީ ނޫސްވެރިކަމުގައި ތަޅުއަޅުވާފައި ބޭއްވުމެވެ. އަނގަ ނުހުޅުވޭ ވަރަށް ނޫސްވެރިންގެ އަނގައިގާ ޓޭޕް އަޅުވާފައި ބޭތިއްބުމެވެ.
ވަޒީރަކަށް ވުމުގެ ކުރިންވެސް އަސްވާޑުމެންނަކީ ވަކި ދެތިން މީޑިއާ ނޫން އެހެން ހުރިހާ މީޑިއެއް ނައްތާލުމުގެ ފިކުރު ބޮލުތެރޭގައި އެނބުރި އެނބުރި ހުރި މީހެކެވެ. އަލަށް ފަށާ ކޮންމެ ނޫހަކީ ފޮޅިއެއް ކަމަށް ސިފަކޮށްގެން ޒާހިރު ހުސޭނާއި އައްބާސް އިބުރާހީމްމެން އުޅުނު ފާޑަށް އުޅެން އުޅޭ މީހުންގެ ތެރެއިން އަސްވާޑަކީވެސް އެކެކެވެ. މިކަހަލަ މީހަކަށް މީޑިއާތަކާ ބެހޭ ވަޒީރު ކަންވެސް ލިބުނީމާ މީޑިއާތަކާ ބެހޭ ހިތުން ރޭނިދި ނުނިދޭނެއެވެ. އައު މީޑިއާއެއް ރަޖިސްޓްރީ ކޮށް ނުދިނުމާ ރަޖިސްޓްރީ ކޮށްފައިވާ ގިނަ މީޑިއާތަކެއް އުވާނުލާ ދެފައި ކައިރިނުވާނެކަން އެނގެއެވެ.
އަސްވާޑަށް ހަނދާން ނެތް ކަމަކީ ތިމާ މީހާ ތިޔަހާ ހިސާބަށް ދެވުނު ގޮތެވެ. އަސްވާޑަށްވުރެ މާމޮޅު މާ ތަޖުރިބާކާރު މާ ދުވަސްވީ ނޫސްވެރިން ރާއްޖޭގައި ތިބިކަމެވެ. ކަމެއް ލިބުނެއް ކަމަކު ތިމާ ނޫސްވެރިކަން ކޮށްއުޅުނު ގޮތް ތިޔަހާ އަވަހަށް ހަދާން ނެތޭކަށް ނުވާނެއެވެ. ދުލެއް ނެތްމީހަކު ދުލެއް ގަނެގެންވެސް ތިޔަވަރު ވީމާ އެއްޗެއް ނުބުނެ ނުހުރެވޭނެއެވެ.