ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް

އެންމެ ހާލަތު ގޯހީ ތިރުވަނަންތަޕޫރަމް

ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް

އިންޑިއާގެ ކެރެލާއަކީ އެންމެ ގިނައިން ދިވެހިން ދާ އެއްތަނެވެ. ކޮންމެ ދުވަހަކު ކެރެލާއަށް އަރާފައިބާ މީހުންގެ އަދަދު 200އަށް ވުރެ މައްޗެވެ. ދިވެހިން ކެރެލާއިން ގޮސް އުޅެނީ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި އިރުނާކުލަމް ( ކޮޗިން) އަށެވެ. އެހެން ކަމުން ކެރެލާގައި ދަތުރު ފަތުރުކޮށް އުޅުމުގައި އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތައް އެނގުމަކީ މުހިންމު ކަމެކެވެ.

ކެރެލާގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ 341 ސަރަޙައްދެއް ފާހަގަކޮށްފައިވެއެވެ. އެކްސިޑެންޓްގެ ހާލަތު އެންމެ ގޯހީ ތިރުވަނަންތަޕޫރަމްގައެވެ. ކެރެލާގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެ ސްޓޭޓްގެ ރޯޑް ސޭފްޓީ އޮތޯރިޓީން ވަނީ އެންމެ ނުރައްކާތެރި ސަރަޙައްދުތައް ދެނެގަނެ އެފަދަ ހުރިހާ ތަނެއް ހިމެނޭ ރިޕޯޓެއް ސަރުކާރަށް ހުށަހަޅާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާ 341 "ހައި ޕްރިއޮރިޓީ ބްލެކްސްޕޮޓް" ނުވަތަ ނުރައްކާތެރި ސަރަޙައްދު ކެރެލާގައި އޮވެއެވެ. ރިޕޯޓުގައި ވާގޮތުން 2016 އާއި 2018 އާ ދެމެދު އެކަނި ވެސްް މި ސަރަޙައްދު ތަކުގައި ހިނގި އެކްސިޑެންޓްތަކުގައި 1730 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރިޕޯޓުގައިވާ ގޮތުން، އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ ތިރުވަނަންތަޕޫރަމްގައެވެ. އެ ޑިސްޓްރިކްޓުން ފާހަގަކުރެވުނު 65 ސަރަޙައްދެއްގައި ހިނގި އެކްސިޑެންޓްތަކުގައި 363 މީހުން މަރުވެފައިވެއެވެ. ލިސްޓުގެ އެންމެ ކުރީގައިވާ އެންމެ ނުރައްކާތެރި ދިހަ ސަރަޙައްދުގެ ތެރެއިން ހަތަރު ތަނެއް ހިމެނެނީ ވެސް ތިރުވަނަންތަޕޫރަމްގައެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާގައިވާ ޕައްޕަނަމްކޯޑް ޖަންކްޝަނެވެ.

ތިން އަހަރު (2016، 2017، 2018) ތެރޭގައި އެ ސަރަޙައްދުގައި ހިނގި 102 އެކްސިޑެންޓެއްގައި 15 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ލިސްޓުގައި ހިމެނެނީ ތިރުވަނަންތަޕޫރަމްގެ ކަރަމަނާ ޖަންކްޝަން، ބަލަރާމަޕޫރަމް ކޮޑިނާޑާ ޖަންކްޝަން އަދި އީސްޓް ފޯޓް ޖަންކްޝަނެވެ.

ތިރުވަނަންތަޕޫރަމްއަށް ފަހު ދެން އެންމެ ގިނަ ނުރައްކާތެރި ސަރަޙައްދުތައް ހުރީ އިރުނާކުލަމްގައެވެ. އެ ޑިސްޓްރިކްޓުގައި އެފަދަ 58 ސަރަޙައްދެއްވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަންގަމާލީ ޖަންކްޝަނުގައި ހިނގި އެކްސިޑެންޓެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ހިމެނޭހެން ހަތަރު މީހަކު މަރުވެފައިވެއެވެ. މިއީ އެ މީހުން ދަތުރުކުރި އޮޓޯ ރިކްޝާއެއް ބަހެއްގައި ޖެހިގެން ހިނގި ހާދިސާއެކެވެ. އަންގަމާލީ ޖަންކްޝަނުގައި ހިނގި 83 އެކްސިޑެންޓެއްގައި 12 މީހުން މަރުވެފައިވާއިރު، މުޅި ސްޓޭޓްގެ ނިސްބަތުން މިއީ 6 ވަނައަށް އެންމެ ނުރައްކާތެރި ސަރަޙައްދެވެ.

ކޮޗީއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނަކު އެޑަޕަލީ-ޕަލަރިވައްޓޮމް މަގުގައި ހުރި ވަޅުގަނޑަކަށް ސައިކަލު އެރުމުގެ ސަބަބުން ވެއްޓި، ލޮރީއެއްގެ ދަށުވެވެސް މަރުވެފައިވެއެވެ. މި މަގުގައި އޮންނަ ޗަންގަމްޕުލާ ޖަންކްޝަނަކީ 341 ނުރައްކާތެރި ސަރަޙައްދުގެ ލިސްޓުގެ 205 ވަނައިގައި އޮތް ތަނެވެ.

އެންމެ ނުރައްކާތެރި 10 ސަރަޙައްދުގެ ތެރޭގައި ކޮއްލަމްގެ ޕަރިމާނަމް ފައްޅި ސަރަޙައްދާއި، މަލައްޕޫރަމްގެ ކުއްޓިޕޫރަމް އާއި، ޗަންދިރޫރުގެ ތުރަވޫރު ޖަންކްޝަން އަދި އަލަޕޫޅާގެ ހަރިޕާޑް ހިމެނޭއިރު ކާސަރަގޯޑަކީ އެއްވެސް ނުރައްކާތެރި "ބްލެކްސްޕޮޓް" އެއް ނެތް ހަމައެކަނި ޑިސްޓްރިކްޓް ކަން ފާހަގަ ކޮށްލެވެއެވެ. ކަންނޫރު އާއި ވަޔަނާޑް އަދި އިޑުއްކީ ޑިސްޓްރިކްޓުން ކުރެ ކޮންމެ ޑިސްޓްރިކްޓަކުން ފާހަގަކުރެވިފައިވަނީ ނުރައްކާތެރި އެންމެ ސަރަޙައްދެކެވެ.