އަނބިމީހާ މަރާލި އިންޖިނޭރު 8 މަސް ފަހުން ޖަލަށް
ވޮޝިންގްޓަންގެ ގާނޫނުގެ ދަށުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ
އެމެރިކާގެ ވޮޝިންގްޓަންގައި ދިރިއުޅެމުންދިޔަ އުމުރުން 30 އަހަރުގެ އިންޑިއާގެ އިންޖިނިއަރަކު، އޭނާގެ އަންހެނުން މަރާލިކަމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ނުވަ މަސް ކުރިން ކަމަށްވާއިރު، ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ އަންހެނުންގެ ކަރުގައި ހިފާ މަރާލުމަށްފަހު، އެއީ ގުދުރަތީ މަރެއްކަން ދެއްކުމަށްޓަކައި ކުށުގެ ވެށި ބަދަލުކޮށްފައެވެ.
އިންޑިއާގެ ޓެލަންގާނާއަށް ނިސްބަތްވާ ސޮފްޓްވެއަރ އިންޖިނިއަރު އަވިނާޝް ނާރްނޭގެ އަންހެނުން، އުމުރުން 27 އަހަރުގެ ރާޖިތާ ސައްބިނޭނީ މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ފުލުހުން ކުރި ފުޅާ ދިރާސާތަކުން އެނގުނު ގޮތުގައި، އަވިނާޝް މި މަރު ހިންގާފައިވަނީ ދުރާލައި ރާވައިގެންނެވެ. އަދި އޭނާ އިންޑިއާގެ އެހެން އަންހެނަކާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުންދިޔަ ކަމުގެ ހެކިވެސް ވަނީ ފެނިފައެވެ.
ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރާޖިތާ މަރުވިތާ އެއްދުވަސް ފަހުން، އޭނާގެ ހަށިގަނޑުގެ ފޮޓޯއެއް އަވިނާޝް އޭނާގެ ލޯބިވެރިޔާއަށް ފޮނުވި ކަމަށް އަމިއްލައަށް ވަނީ އިއުތިރާފުވެފައެވެ. މިހާރު އޭނާ ހުރީ 5 މިލިއަން އެމެރިކާ ޑޮލަރުގެ ކަފާލާތެއްގެ ދަށުން ބަންދުގައެވެ. ކުށް ސާބިތުވެއްޖެނަމަ، ވޮޝިންގްޓަންގެ ގާނޫނުގެ ދަށުން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ފާހާނާ ތެރެއިން ފެނުނު ހަށިގަނޑު
އޮކްޓޯބަރު މަހުގެ ރޭގަނޑެއްގައި ބެލްވިއު ފުލުހުންނަށް ރިޕޯޓް ލިބުނީ، އަންހެނަކު ފާހާނާގައި ތަޅުލައިގެން އުޅޭ ކަމަށާއި އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ފުލުހުން ގޮސް ފާހާނާގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، ރާޖިތާ އޮތީ ބިމަށް ވެއްޓިފައެވެ. އޭނާ މަރުވެފައިވާކަން އެތަނުން ކަށަވަރުވިއިރު، އެމީހުން ކައިވެނި ކުރިތާ އޭރު ވީ އެންމެ ހަ މަސް ދުވަހެވެ.
ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ގޮތުގައި ރާޖިތާ މަރުވީ ކަރުގައި ހިފުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ. އެއާއެކު މި މައްސަލައަކީ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި ފުލުހުން ކަނޑައެޅިއެވެ.
ތަހުގީގުގެ ތެރޭގައި އަވިނާޝް ބުނެފައިވަނީ، އަންހެނުން މަރުވި ދުވަހު އޭނާ ބޭރަށް ދިޔައީ ބައެއް ކަންކަން ނިންމާލުމަށް ކަމަށާއި، އެނބުރި އައިއިރު ފާހާނާ ހުރީ ތަޅުލާފައި ކަމަށެވެ. އެހެންނަމަވެސް، އެޕާޓްމަންޓްގެ ސެކިއުރިޓީ ސިސްޓަމާއި ސްމާޓް ލޮކްގެ ރެކޯޑްތަކުން އެނގުނު ގޮތުގައި، އަވިނާޝް ބޭރުގައި އުޅުނު ވަގުތު އެއްވެސް އިތުރު މީހަކު އެ ގެއަށް ވަދެފައެއް ނުވެއެވެ.
ފަޅާއެރި ސިއްރު ގުޅުން
ފުލުހުން އަވިނާޝްގެ ފޯނާއި މުއާމަލާތްތައް ތަހުގީގު ކުރިއިރު، އޭނާ އިންޑިއާގައި ހުރި އަންހެނަކާ ސިއްރުން ގުޅުން ބާއްވަމުންދިޔަ ކަން ފަޅާއެރިއެވެ. މި ގުޅުމަކީ ރާޖިތާއާ ކައިވެނި ކުރުމުގެ ކުރިން ފެށިގެން އޮތް ގުޅުމެއް ކަމަށާއި، އެ އަންހެން މީހާ އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވި ކަމަށްވެސް ފުލުހުން ބުނެއެވެ.
ރާޖިތާ މަރުވި ދުވަހުވެސް އަވިނާޝް އެ އަންހެން މީހާއަށް ހަތަރު ފަހަރެއްގެ މަތިން ގުޅާފައިވެއެވެ. ތަހުގީގަށް މައުލޫމާތު ދެމުން އޭނާ ފާހާނާގެ ދޮރު ހުޅުވަން މަސައްކަތް ކުރަމުންދިޔަ ވަގުތުކަމަށް ބުނި ވަގުތަކީވެސް ސިއްރު ލޯބިވެރިޔާ އާއި ގުޅައިގެން ހުރި ވަގުތެއްކަންވެސް ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
ހިތި ބުއިންތައް
ތަހުގީގަށް ލިބުނު މެސެޖުތަކުން އެނގޭ ގޮތުގައި، މަރުވުމުގެ ހަފުތާތަކެއް ކުރިން ފެށިގެން ރާޖިތާ ދިޔައީ ފިރިމީހާ ތައްޔާރުކޮށްދޭ ބުއިންތަކުގައި މާބޮޑަށް ހިތި ރަހައެއް ހުންނަ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. މަރުވި ދުވަހުވެސް، އަވިނާޝް ތައްޔާރުކޮށްދިން "ސްމޫތީ" އެއްގައި ބޭސް ރަހަ ނުވަތަ ކޮފް ސިރަޕް ރަހަ ހުރި ކަމަށް އޭނާ ބުނެފައިވެއެވެ.
ފުލުހުން އެ ގެއަށް ދިޔަ ވަގުތު، އަވިނާޝް ވަނީ އޭނާގެ އަންހެނުން ބަލިވެ އުޅޭ ކަމަށާއި، ކޮފް ސިރަޕް ބުއިމުގެ ސަބަބުން ހޭނެތުނީ ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައެވެ.
އަށް މަސް ދުވަހުގެ ދިގު ތަހުގީގަކަށްފަހު، އެކަށީގެންވާ ހެކި ލިބުމުން ބެލްވިއު ފުލުހުން މިހާރު ވަނީ އަވިނާޝް ހައްޔަރުކޮށްފައެވެ. ޖުލައި 1 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް ފުރަތަމަ ދަރަޖައިގެ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ރަސްމީކޮށް އުފުލާފައެވެ.


