ހިސޯރުވެފާހުރި އިންތިހާބީ ރައީސަށް އުދަނގޫ ފަށެއްވާނެ
ބާރު ބެހުމުގައި މުއިއްޒަށް ހަތަރެސްކަން ހަމަކޮށްލާނެ
ފާޓުފުޅާ ބޮޑެތި ނަންނަމުގެ އަހުލުވެރިން ހިސޯރުކޮށްފާ ހުރި އިންތިހާބީ ރައީސަކަށް އުދަނގޫ ފަށެއް ވާނެއެވެ. ސަރުކާރު އެކުލަވާލުމުގައި މަށަށް މަށަށް ގޮވާ އެންމެންނަށް އެމީހުން ހިތްފުރޭވަރު ކޮށްނުދެވިގެން ބޮޑާ ހަދާ އިދިކީލިވާ މީހުން ގަނޑު ބޮލު ރޮދިކެނޑިގެން އެނބުރި ގަންނަ މަންޒަރު ހިތަށް ވަދެއެވެ. މީހަކަށް ދޫކުރާނެ މީހަކު ނެތެވެ.
ޑރ. ޖަމީލަކީ ސަރުކާރު ހިންގުމަށް އެންމެ ބޮޑަށް ބަސްކިޔަން ބޭނުންވާނެ އެކެކެވެ. ޑރ. ޖަމީލުގެ ހިޔަނީގައި މަލީހަށް ވަޒީރުކަމެއް ހޯދާ ދެވޭތޯ ވެސް ޖަމީލު ލައްކަ މަސައްކަތް ކުރާނެއެވެ. މި ދެމީހުންނަށް ސަރުކާރުގެ ތެރޭން ބާރުވެރިކަން ޑރ. މުއިއްޒު ނުދީފިނަމަ ހަތަރެސްކަން ހަމަ ކޮށްލާނެއެވެ.
ޑރ. ޝަހީމަކީ އަނެއް ތަރިއެވެ. ޝަހީމަށް ބާރުހުރި ވުޒާރާއެއް ނުދީ ފަރަކު ނުޖެހޭނެއެވެ. ޝަހީމާއެކު ޝަހީމް ބޭނުންވާ ބަޔަކު ސަރުކާރުގެ ތެރޭގައި ރުކުރުވާ ނުލާ މުއިއްޒު ހުއްޓަކަ ނުދޭނެއެވެ.
ޑރ. މުނައްވަރަށް ބޭނުން ވާނީ ރައީސުލްޖުމްހޫރިއްޔާ ސައިޒުގެ މަގާމެކެވެ. އުއްތަމަ ފަނޑިޔާރުކަމަށް ވުރެ ކުޑަ ކަމެއް އޭނާ ބޭނުމެއް ނުވާނެއެވެ. ނަސީބަކުން އޭނާގެ ހިޔަނިން އެހެން މީހަކަށް މަގާމެއް ހޯދާދޭކަށް ނޫޅޭނެއެވެ.
ކާނަލް ނާޒިމަށް ބޭނުންވާނީ ވަރަށް ބޮޑު ޕޯޝަނެކެވެ. އެތައް ބަޔަކަށް އޭނާގެ ހިޔަނިން މަގާމްތައް ހޯދާދޭން ފައިވިދޭނެއެވެ. އަމްދުން ނާޒިމަށް ޑިފެންސް މިނިސްޓަރުކަން ނުދިއެއް ނުވާނެއެވެ.
ދުނިޔާ މައުމޫނު އެހުރީ ހިހޫތަނަށް އަރައެވެ. ފޮރިން މިނިސްޓަރުކަން ނޫން ކަމެއް އެކަމަނާ ހިތްހަމަ ޖެހިގެން ގަބޫލުކުރަން ދަތިވާނެއެވެ. މިކަމަނާއަކީވެސް މުއިއްޒަށް ވާނީ ބޮލު ރިހުމަކަށެވެ.
އާޒިމާ ޝުކޫރު އަދި އެބަހުއްޓެވެ. މުޅި ސަރުކާރުގެ ގާނޫނީ މޭސްތިރިކަން އެކަމަނާއަށް ނުދިއެއް ނުވާނެއެވެ. ޗާގޯސް ހޯދޭނީވެސް އޭރަށްތާއެވެ.
ޑރ. އިރުތިޝާމް ޢާދަމްވެސް އެބަހުއްޓެވެ. ކުރީގެ ނައިބު ރައީސް ޖިހާދު ވެސް ބާކީކޮށެއް ނުލެވޭނެއެވެ. މުހުތާޒް މުހުސިނާއި ޑރ. ގުބާދު ވެސް ހުރީއެވެ. އިގްބާލް އާދަމާއި އަލީ އާރިފާ ނިހާނު ހަސަން މަނިކު މެން ދޫކޮށެއް ނުލެވޭނެއެވެ.
އިސްވެ ބުނެވިދިޔަ ކަހަލަ އެތައް ބަޔަކު މުއިއްޒު ވަށާލާފައި އެބަތިއްބެވެ. އެކި ސަރުކާރުގައި އެކިއެކި ބާރުހުރި މަގާމްތައް އަދާކޮށް ފެއިލްވެފައި ތިބި ނަމުން ބޮޑު ކަމެއް ނުވި ސިޔާސީ ބޯވައިގެ އައިން އައިނެވެ. މުއިއްޒަށް މިބައިގަޑު އޮބެހެއްޓުމަކީ ކުޑަ ގޮންޖެހުމަކަށް ނުވާނެއެވެ.
ދެގޮތެއް ނުވެ ޕީޕީއެމްގައި ތިބި އިސް ލީޑަރޝިޕާއި އިސް ހަރަކާތް ތެރިންނާއި ގައިވީދި ސަޕޯޓަރުންނަށް ގޮތް ހޯދާދިނުމަކީވެސް މުއިއްޒަށް ކޮންމެހެން ކުރަން މަޖުބޫރު ވާނެކަމެކެވެ. އެކަން ނުކޮށް އެމީހުން މަގުމަތިވާން ދޫކޮށެއް ނުލެވޭނެއެވެ.
ބުނެވި ދިޔަ އެންމެންނަށް ވުރެ މުހިންމު ބާރުގަދަ އެހެން ދެވިންގަކަށް ބާރުވެރިކަން ނުދީ މުއިއްޒަށް ހަމަނޭވާ ނުލެވޭނެއެވެ. ސަލަފާއި މާލޭގެ ލީޑިންގ ގްރޫޕްތަކެވެ. ހަރުކަށި ފިކުރުގެ މީހުންނެކޭ ޑްރަގް ކާޓްލް ތަކެކޭ ގޭންގްތަކެކޭ ބުނާކަށް ނެތީމެވެ.