ސިފައިންގެ މީހަކު ތަޅައި މަރާލައިފި
ކުޑަ ޓްރެފިކް މައްސަލައެއް ބޮޑުވެ، އެންމެ ފަހުން މާރާމާރީއަކަށް
އިންޑިއާގެ އަވަށެއްކަމުގައިވާ މިޒޯރާމްގެ ކޮލާސިބް ޑިސްޓްރިކްޓްގައި ހިނގި މަގުމަތީގެ ހަމަނުޖެހުމެއްގައި، ޗުއްޓީއަށް އަވަށަށް ދަތުރުކުރަމުން ދިޔަ އުމުރުން 29 އަހަރުގެ ސިފައިންގެ މީހަކަށް ޒުވާނުންގެ ގްރޫޕަކުން ހަމަލާދީ މަރާލާފިއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ލާލްރިންޕުއިއާ ވަރްޓޭ ވިދާޅުވި ގޮތުގައި، މަރުވި ޒަކަރިއާ ލާލްހްރިއަޓްލުއަންގާ (29) އަކީ އާސާމް ރެޖިމެންޓްގައި ޚިދުމަތް ކުރަމުންދިޔަ މީހެކެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޖައްމޫ އެންޑް ކަޝްމީރުގައެވެ. އޭނާ ދަތުރުކުރަމުން ދިޔައީ އޭނާގެ އުފަން ރަށް ކަމަށްވާ ނިއު ބުއިލަމް އަށެވެ.
"އައިޒޯލް ކައިރީގައި އޮންނަ ލެންގްޕުއީ އެއާޕޯޓުން ޒަކަރިއާ ބަލައި ދިޔައީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ޖޯން ލާލްޓަންޕުއިއާ. އެމީހުން ލޮރީއެއްގައި ކޮލާސިބަށް ދަތުރުކުރަމުން ދަނިކޮށް، ޕިކްނިކް ގޮސްފައި އެނބުރި އައި ކައުންޕުއީގެ ޒުވާނުންގެ ގްރޫޕަކުން ބުއަލްޕުއީ އަވަށާ ކައިރިން އެމީހުންނަށް ހަމަލާދިން ކަމަށް ބެލެވޭ،" ކަމަށް މައުލޫމާތު ދެއްވަމުން ވަރްޓޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ހިނގި ކުޑަ ޓްރެފިކް މައްސަލައެއް ބޮޑުވެ، އެންމެ ފަހުން މާރާމާރީއަކަށް ބަދަލުވީ ކަމަށެވެ.
އެސްޕީ ވިދާޅުވި ގޮތުގައި، ހައިވޭ ކައިރީގައި އޮންނަ ކޮފީ ދަނޑެއްގެ ސަރަހައްދުގައި ހިނގި މި މާރާމާރީގައި ޒަކަރިއާ އެތަނަށް މަރުވިއިރު، ލޮރީ ދުއްވަން އިން ލާލްޓަންޕުއިއާ އަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ.
ޒަކަރިއާގެ މަންމަ ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފުލުހުން ވަނީ މަރުގެ މައްސަލައެއް ރެޖިސްޓްރީކޮށް، މީހުން ހައްޔަރުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ހިމެނޭ ދެ ކުޑަކުދިން ޖުވެނައިލް ޖަސްޓިސް ބޯޑަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އެސްޕީ ވިދާޅުވިއެވެ.


