މުއިއްޒު ދުވެލީގާ ލައްގާނީ މުއިއްޒު ނެރުގެ ފައިކައްޓަށް
ހިކި ކަދުރު ރުކުން ސަންދޯއްޖަހާ ވަޅުލަން ޖެހޭނީ މުއިޒްވެފައިވާ އާސަހަރާ ކަށްބިމުގަ
އާނއެކެވެ. މުއިއްޒު ސަރުކާރު ތަފާތު ވާނެއެވެ. ކުރީ ސަރުކާރު ތަކުން މަސްތުރަ ނުވަނީސް ފޫޅެއް ނުކަނޑައެވެ. އަތްދޮށް ނުލާ އުނދުންމަތީން ހޫނު ތަވާ ބާލާކަށް ނުހިފައެވެ. ބަލި އެނދުގައި އޮތް ބަލިމީހާ މަރު ނުވަނީސް ކަށްވަޅެއް ނުކޮނެއެވެ. ކަނޑު ދުވަން ނިކުމެ ނަގާ ހޮޅި ރާޅަށް ބިރުން ކަނޑުމެދަށް ރިޔާ ދޫކޮށެއް ނުލައެވެ. އެހެނަސް މުއިއްޒު ތަފާތު ވާނެއެވެ.
މުއިއްޒު ސަރުކާރު ހިންގާނީ "މުއިއްޒު ދުވެލީ" ގައި ކަން މީހަކު ނުބުންޏަސް އެންމެނަށް އެނގެއެވެ. މުއިއްޒު ދުވެލި ދިވެހިންނަށް އެނގެއެވެ. ކަމަކާ ޖެހުމުން އަގުޅި ނެތްކަން އެނގެއެވެ. ހޮޅި ވައުދު ތަކެއްވެ ކުރިން ބުނި އެތި ކެންސަލަ ކުރަމުން އުނބަށް ޖެހުން ނޫން ކަމެއް ތިޔަ ސަރުކާރަކަށް ނުވާނެއެވެ.
ރަންކޮޅާއެވެ. ބޮޑުދިދައަށް ބަލަހައްޓައިގެން ހުރެ ދިދަޔަށް އިރުނުއޮއްސޭނެ ވާހަކަ ބުނީ ކޮން ދިދައަކަށް އިރު އޮއްސޭތީ ހެއްޔެވެ. ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ތިރި ނުކުރާ ގައުމީ ދިދައެއް އެތައް ދުވަހެއް ކުރިއްސުރެ ހުންނަކަން ނޭގުމަކީ މުއިއްޒަށް ރާއްޖެ ނޭގޭވަރު އެނގިގެން ދިޔަކަމެކެވެ. ގައުމީ ދިދައާއިބެހޭ ހާއްސަ އުސޫލެއް އޮތްކަންވެސް އެނގެނީއެއް ނޫނެވެ. ބޮޑު ދިދައާއި ދިމާއަށް އެނބުރި ހުރެ އޭ މިހިރަ ދިދަޔާއޭ ގޮތްވަކަސް ގައުމިއްޔަތު ކެކިއަރާ ބަންޑުނެއް ނުވާނެއެވެ.
ހަމައެކަނި ވަޒީރުންގެ ގެއާއި ކާރުގައި ދިދަ ޖެއްސަކަސް ކަމަކު ނުދާނެއެވެ. ވަޒީރުން އަންނަ ފޮށައާއި މިލަ ފޭއްޔަކީ ވެސް ދިދަކަމުގައި ވާނީ ހަދާށެވެ. ގައުމިއްޔަތަކީ ތޫލި ރާގަކަށް ބުން ހަމަކޮށް ވަޒަނަށް އަތުރާ އިބަރާތް ތަކެކޭ ހީވަނީ ހެއްޔެވެ. ގައުމިއްޔަތު ފައްކާ ނުވެގެން މިއުޅެނީ އޮފީސްތަކުގެ ނަންބޯޑް ދިވެހިން ނެތިގެން ހެއްޔެވެ. ތިޔަ ކަމެއްވެސް ލަހެއްނުވެ އުނބަށް ޖަހާތީ ދެކޭނަމެވެ. އަސްލުގައި ނެތް އެއްޗެއް ގަދަކަމުން ނުނެރެވޭނެއެވެ. ތޮއްޑޫން ސަމަންތަރު ހެޔޮ ކަރައެއް ގެނެސް ފަޅާލީމާ ނިކަން އޮއްބުރާނެއެވެ.
ވާހަކަ ފޮރޮޅާނެކަމެއް ނެތެވެ. ހަގީގަތުގައިވެސް އެއްވެސް އާކަމެއްނެތެވެ. އައުކަމެއް ނެތްތާ ހިނގަމުން އައި ރަނގަޅު ކަމެއްވެސް ހިނގާފާނެ ކަމުގެ އުއްމީދެއް ނެތެވެ. ރައްޔިތުންނާއި ނޫސްވެރިން ވެސް ތިބީ ހަމަ ރަގަޅަށް މާޔޫސް ވެފައެވެ. ކީހާ ޅެން ފަރިއްސަށް ވާތަން ފެންނާތީއެވެ. ކުރިގަނެވި ހަމަ ނުޖެހެވެނީސް ލޮންދާލައިގެން ރުއް ބުޑަށް ވެއްޓެން އުޅޭތަން ފެންނާތީއެވެ. އަތުންފައިން ހޯހޯ ގޮވާ ބޮލާފޮށާ އެޅޭތަން ފެންނާތީއެވެ.
17 ނޮވެމްބަރުގައި ފެށި ދަތުރު މުއިއްޒުވެފައިވާ ރަސްފަންނު ބޭރުން ފަނާވެދާ ސްނާމީ ބިނާ ހުރަސްކޮށް ބޮކު ދުވެލީގައި އުނބަށް ޖަހަމުން ގޮސް ލައްގާނީ ހޮޅިރާޅު ނަގާ މުއިއްޒު ނެރު ފައިކަށްޓަށެވެ. އެންމެ ފަހުން ހިކި ކަދުރު ރުކުން ސަންދޯއްޖަހާ ވަޅުލަން ޖެހޭނީ މުއިޒްވެފައިވާ އާސަހަރާ ކަށްބިމުގައެވެ.