ފައިސާހޯދަން ހިނގުމުގާ މުއިއްޒެކޭ ޕާޓޭއެކޭ ތަފާތެއްނެތް!
ވެރިކަމަށް އަރާ ތެޅިގަތްގަތުން އިސާހިތަކު ފޭބީ ހުޅުނބު
ކޮވިޑްގެ އާލަމީވަބާގައި އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުން ހާލުގައި ނުޖައްސާ ދައުލަތް ހިންގި ސަރުކާރެއް ގައުމުގައި އޮތެވެ. އެ ސަރުކާރުން އައީ ގައުމުގެ ހާލަތު ބުނެދީ އޮޅުން ފިލުވާދެމުންނެވެ. ކުރިމަތީގައި އޮތް ދަރަނިތައް އެސަރުކާރަށް ފެނެއެވެ. ރައްޔިތުންނަށް މާބޮޑު ލޮޅުމެއް ނާރުވާ ގައުމު ހަމަ މަގަށް އެޅުވުމުގެ ވިސްނުމާއި ހަކަތާއި ހިތްވަރު އެސަރުކާރުގައި ހުއްޓެވެ.
ގައުމަށް ހުރި މާލީ ގޮންޖެހުންތައް ހައްލުކޮށް އިގްތިސޯދު ފުޅާކޮށް ހަމަ މަގަށް އަޅުވާނެ ޕްލޭނެއް އެސަރުކާރުގައި އޮތެވެ. އެހެންކަމުން އެހުރިހާ މައްސަލަތައް ހައްލުކޮށް ގައުމު ފަހިރާސްތާއަކަށް ނެރެދީ އާމާން ދިވެހިރާއްޖެއެއް ހޯދާދިނުމަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ ކިބައިން އެސަރުކާރުން އެދުނެވެ. ފަހަރެއްގައިވެސް ގައުމު ހަމަޔަކަށް ނޭޅުވިގެން ގޮތް ހުސްވެގެން ވެރިކަމާ ހަވާލުވެދޭން އަންނާށެކޭ މުއިއްޒު ގާތަކު އެ ސަރުކާރަކުން ނުބުނެއެވެ.
މަތިމައްޗަށް ހެއްދެވިހާ ދޮގެއް ހަދައިގެން ވެރިކަމަށް މުއިއްޒު އައީ ގައުމު އޮތް ހާލަތު އެނގި ހުރެއެވެ. ގައުމަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައެއްގެ ހައްލު އޮތްކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު މުއިއްޒުގެ ހީލަތްތެރި މަޅީގައި ބަނދެވިގެން މުއިއްޒު ވެރިކަމަށް ގެނައީއެވެ. އެހެނެއް ކަމަކު ވެރިކަން ހިންގުމުގެ އާޖުފާޖު ނެތުމުން މުއިއްޒަށް ހީވީ ރަން ބިމަކަށް ދެވުނު ހެއްނެވެ. ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގެ ކުޑަވެސް ރޯފިލުމެއްނެތި ވެރިކަމަށް އަރާ ތެޅިގަތްގަތުން އިސާހިތަކު ފޭބީ ހުޅުނބެވެ. ވެރިކަމަކީ އަދި އެހެން ކުރެވޭ އެއްޗެއް ނޫންކަން އެގުނީ ހީކުރިގޮތަށް ދުނިޔޭގެ ބާރުހުރި އެއްވެސް ބަޔަކު މުއިއްޒާއި އަޅާލާ އެހީތެރިކަން ނުދިނީމައެވެ.
ފައިސާއާއި އެކިއެކި ޑީލިތަކުން ވަޒީރުކަން ގަނެގެން ތިބި ގިނަ މީހުންނަކީ ސޮހޮލުންކަން މުއިއްޒަށް ވިސްނުނު އިރު މާލަސްވެއްޖެއެވެ. މިމީހުން ދަންނަ ރައްޓެހި ބަޔަކު ދުނިޔެތާކު ނޫޅޭކަން މުއިއްޒަށް އެނގުނީ ބައި ހައްދަ ހައްދާފައި އެކިގައުމުތަކަށް ފޮނުވުމުން ދަތުރަށްދިޔަ ހަރަދުވެސް ނުލިބި ހުސްއަތާ އެނބުރި އަންނާތީއެވެ. ބޮންޑްތަކާއި ސްކޫކްތަކައި ލޯނުތައް ޑިފޯލްޓްވެ ހަތަރެސްކަން ހަމަވެ ރައްޔިތުންގެ ކެކިއަރާ ހިސާބަށް ދިޔުމުންވެސް އެރިގޮތަށް އަރާ ހެދި ބޮޑު ސަރުކާރު ކުޑަކޮށްލެވޭނެ ހިތްވަރުވެސް މުއިއްޒަށް ނުލިބުނެވެ. ވަޒީފާ ގެއްލޭ ކޮންމެ މީހަކާއި އެމީހާގެ މުޅި އާއިލާ މުއިއްޒާ ދެކޮޅުވެރި ވާނެކަން ޔަގީން ވާތީއެވެ. ކުރެވުނު ކަމެއް ކޮށްގެން އެމީހުން ލޮއްސު ހުރިހާ ކަމަކަށްވުރެ މުއިއްޒަށް ބޮޑެވެ.
ދަރަނިތައް ގައިދޮށްވެ އަތުގައި މޮކޮސްނެތި މުއިއްޒަށް ގޮތް ހުސްވެއްޖެއެވެ. މަތިމައްޗަށް ވައުދުވެގެން ރައްޔިތުން ވައުވައްދާފައި އޮތުމުން އެވެސް ނުކޮށް ވާކަށް އޮތް ކަންކަމެއް މޫނެވެ. އެންމެފަހުން ބޮލަށް ބެރި ވެއްޓޭވަރު ވުމުން ތަންތަނަށް ގޮސް ފައިސާނެތިގެން ރޮއެ ހޭރޭނެ ކަމެއް ނެތެވެ. ސަލާންޖަހަން ޖެހުނަސް ސަލާން ޖަހަން ޖެހޭނީ ތަންކޮޅެއް ތާހިރުކޮށެވެ.
ދާހާތާކަށް ގޮސް ތަނެއް ދޮރެއް ނުބަލާ ފަތްބޯ ކުއްޖެއްހެން ލާރިދޭން ކިޔާތީ ގައުމުގެ ރައްޔިތުން ގަންނަނީ ލަދެވެ. އދ މަޖިލީހުގައި މޫސުމަށް އަންނަ ބަދަލޭ ކުދި ގައުމުތަކޭ ޒުވާނުންނޭ ކިޔައިގެން މުއިއްޒު ފައިސާ ހޯދަން އާދޭސް ކުރުމެކޭ ފަތްބޯ ކުއްޖަކު ބޭސް ސިޓީއެއް ހިފައިގެން ފަތްބޯން ލާރިހޯދަން ސަލާން ޖެހުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ.