ރާއްޖޭން ދުނިޔޭގެ ބޮޑެތި ބާރުތަކާ ދިމާކޮށްގަތުން!
މުއިއްޒު ކުޅޭ ޑްރާމާތަކުގެ ގެއްލުން ރައްޔިތުންނަށް!
ރާއްޖޭގެ ރައީސް ކަމުގައި މިވަގުތު ހުރި މުއިއްޒު ރާއްޖޭގެ ނަމުގައި ދުނިޔެއަށް ރާއްޖެ ގިނަކޮށްފިއެވެ. ރާއްޖޭގެ އަގު ވައްޓާލައިފިއެވެ. އިތުބާރު ގެއްލުވާލައިފިއެވެ. ރާއްޖޭގައި ހަރުދަނާ ފޮރިން ޕޮލިސީއެއް ނެތްކަން ދުނިޔެއަށް ބޭޒާރު ކޮށްފިއެވެ.
އދ ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާގެ ނަން ނުކިޔާ އެމެރިކާއަށް ވަށިވަށިން ދިންތާ އަދި ރަނގަޅު އެއްދުވަސް ހަމަނުވެއެވެ. ވީޓޯގެ ބާރުގެ ބޭނުން އެމެރިކާއިން ނަހަމަ ގޮތުގައި ކުރާކަމަށް ބުނެ މުއިއްޒު ވަނީ ވަރަށް ބޮޑަށް އެމެރިކާ ކުށްވެރިކޮށްފައެވެ. ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯގެ ބާރު ނައްތާލާ އެމެރިކާއާއި ރަޝިޔާއާއި ޗައިނައާއި އިގިރޭސިވިލާތާއި ފަރަންސީންގެ ބާރު އދ އިން ކަޑުވާލުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުދައްކާހާ ހަރުކަށި އިބާރާތުން ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކަށް މުއިއްޒު ގޮންޖަހާ ވާހަކަ ދެއްކިއިރު އަމިއްލަ ހާލަށް ކުޑައިކޮށްވެސް ވިސްނާ ނުލައެވެ.
ރަތްމަހަށް ނުދޭ ވަރަށް ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ދިނުމަށްފަހު ނިކުމެ ރާއްޖެއާއި އެމެރިކާގެ ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަން މުއިއްޒު ކުޑަކޮށްވެސް ލަދެއް ނުގަތެވެ. އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގުޅުން މުހިންމު ކަމަށް ބުނަން މުއިއްޒު ކުޑައިކޮށް ވެސް ލަދެއް ނުގަތެވެ. މީހެއްގެ ކިބައިގާ މުނާފިގުކަން ހުންނާނީ މިހާކަށް ވަރަށެވެ.
ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ވަރުގަދަ އެއް ބާރާއި ގުޅުން އޮންނަން މުހިންމީ ކީއްވެބާވައޭ ބަޔަކު ހިތަށް އަރާފާނެޔޭ ކިޔައިގެން އަނގަ ހުޅުވަން މުއިއްޒު ލަދުނުގަތްކަމެވެ. ދުނިޔޭގެ އެންމެ ކުޑައެއް ގައުމު ކަމަށްވާ ދިވެހި ރާއްޖޭން ދުނިޔޭގެ އެންމެ ބޮޑު ބާރާ ދިމާކޮށްގަންނަން ކެރުނު އިރު އެސުވާލެއް މީހުންގެ ހިތަކު ނުއުފެދޭނެ ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ނިއުކުލިއަރ ބާރުތަކަށްވެސް ބުނަން ނުކެރޭވަރުގެ ބަސްބުނަން މުއިއްޒަށް ކެރުނީ ގައިމު ފަންވަރަކާ ފެންވަރަކާ ހުރެގެންތާއެވެ،
އަރާ އަރަފޯދިގެން ނުވާ ގައުމުތަކަށް ފުރައްސާރަކޮށް އެމީހުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދައްކަން އަނގަ ދިޔާކޮށްފާ ނިކުމެ ގުޅުން އުފައްދައިގެން ހާސިލު ކުރަން ތިޔަ އުޅެނީ ކޮންމޮޅެއް ހެއްޔެވެ. އަމިއްލަ މަޝްހޫރުކަން ހޯދާ މާގަދަ މީހަކަށް ހެދެން ނުފޫޒުގަދަ ގައުމުތަކަށް ވަށިވަށިން ދީފާ ނިކުމެ އެމީހުންގެ ދެފައިގާ ހިފާ ސަލާން ޖަހަން ލަދެއް ހަޔާތެއް ނެތެވެ.
ވެރިކަމަށް އަންނަ އިންޑިއާއަށް ކޮށްލިވަރު މުޅި ދުނިޔެ ދުއްޓެވެ. ވެރިކަން ލިބިގެންވެސް ތެޅުނު ވައްތަރު މާތާހިރެއް ނޫނެވެ. ގޮތް ހުސްވެ ދޮޅިއެޅޭހެން ހީވީމާ އިންޑިއާ ފައިބުޑަށް ވެއްޓި ގަނެގެން ރާއްޖޭގެ އިއްޒަތުއްނަފްސް ވެއްޔާ މޮޑެލާގޮތް އެބަފެނެއެވެ. ހަމަ އެގޮތަށް ފަލަސްތީނަށް މާ ހެޔޮއެދިގެން ކުޅޭ ޑްރާމައިގެ ސަބަބުން އެމެރިކާ ފަދަ ގައުމުތަކުން ޖައްސާނެ ހާލެއް ނޭނގެއެވެ. މިފަހަރު އެންމެ 4.4 މިލިޔަން ޑޮލަރު ގަނޑު ވެސް ލިބިއްޖެތާއެވެ. ފެންދީފާ ކަތިލާނީ ކޮން އިރަކުން ކިހިނެތް ކަންވެސް ނޭގެއެވެ. މުއިއްޒު ކުޅޭ ޑްރާމާއިން ލިބޭނެ ހުރިހާ ދެރައެއް އޮތީ ދިވެހި ރައްޔިތުންނަށެވެ.