މުއިއްޒަށް ދުނިޔޭގެ ރުހުމެއް ސަމާލުކަމެއްނެތް!
ދުނިޔޭގެ ނަންހިނގާ އެއްވެސް ގައުމެއްގެ ވެރިއަކާ މުއިއްޒާ ބައްދަލެއް ނުވޭ!
ރައީސް މުއިއްޒު އދ މަޖިލީހުގެ 79 ވަނަ އާއްމު ޖަލްސާއަށް ވަޑައިގެން ހޯއްދަވަމުން ގެންދަވާ މަގުބޫލުކަން ބޮޑުކަމުން ގައުމުތަކުގެ ވެރިންތައް އެތިއްބަވަނީ ބައްދަލު ނުކުރެއްވިގެން ދިގު ކިޔޫގައެވެ. ރައީސް މުއިއްޒު އެމެރިކާގައި ހުންނަވާތާ ފަސް ދުވަސް ވީއިރު އދ ގެ ސެކެރެޓަރީ ޖެނެރަލްއާއި އީޔޫ ކޮމިޝަންގެ ރައީސްއަށް ނޫނީ ރައީސް މުއިއްޒުގެ ފައިންޕުޅު ފެނިވަޑައިގަންނަވާ ވަރެއް ނުވެއެވެ.
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާއި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނަސީބު ހަމަ ރަނގަޅިއްޔެވެ. އެހެން ގައުމެއްގެ އެންމެ އިސްވެރިއަކަށް ވެސް އަދި އެ ނަސީބެއް ލިބިވަޑައެއް ނުގަނެއެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއި ކުވޭތުގެ ވަލީއަހުދާއި ސައުދީ އަރަބިޔާގެ ފޮރިން މިނިސްޓަރާއި އޮމާންގެ ހާރިޖީ ވަޒީރު ދަނޑިވަޅުގެ ބޭނުން ހިއްޕަވައިފިއެވެ. ޔޫއެސް އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވްލޮޕްމަންޓްގެ އެޑްމިނިސްޓޭޓަރާއި ސިންގަޕޫރާއި އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރު މަރަށް ފުރާނައަށް އެތިއްބެވީ އެފުރުސަތު ހޯއްދަވައިގެންނެވެ.
އިނގިރޭސި ވިލާތާއި ޖަރުމަނާއި ޖަޕާނާއި އިޓަލީއާއި ފަރަންސޭސި ވިލާތާއި ކެނެޑާއާއި އެނޫންވެސް ޔޫރަޕާއި އެމެރިކާއާއި އެފްރިކާއާއި އޭސިޔާ ގައުމުތަކުގެ ވެރިން އަދިވެސް އެތިއްބެވީ ރައީސް މުއިއްޒުގެ ފައިންޕުޅު ދެކެވަޑައިގަންނަވާ ހިތުން އަވަހާރަ ނުލައްޕަވާ ކިޔޫގައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް އެ މުސްކުޅިފުޅު ހާލުކޮޅުގައި ވެސް ފުކެއްވެސް ދޫނުކުރައްވާ ރައީސް މުއިއްޒާ ބައްދަލުވެ ވަޑައިނުގެން ގަނޑުވަރަށް ވަޑައިނުގެން އެހުންނެވީ ކިޔުގައެވެ. ދެގޮތެއްނުވާ ރަހުމަތްތެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ކަޅިޖައްސަވާ ނުލައްވާ އެބައްލަވަނީ ރައީސް މުއިއްޒު ފައިންޕުޅު ފެނިވަޑައިގަންނަވާނެ ވަގުތަކަށެވެ.
އަންތަރީހެއް ނުވާނެހެއްޔެވެ. ރައީސް މުއިއްޒުގެ ވަޒީރުންނާއި މުސާރަވެރިންނާއި ބޮޓުން ކޮޅަށް އެވަރެއް ނެތިގެން އުޅުނަސް ރައީސް މުއިއްޒަކީ މާ މުހިންމު މީހެއް ނޫންކަން ދުނިޔޭގެ ވެރިން އެދަނީ އަމަލުން ދައްކަވާ ދެއްވަމުންނެވެ. ކުރާނެ އެހެން ކަމެއްނެތިގެން ރައީސް މުއިއްޒު ހަފްތާއެއްހާ ދުވަހު ގައުމު ދޫކޮށް އެމެރިކާގައި ނާޗަރަންގީކުޅުއްވާ މީޑިއާ ސްޓަންޓް ޖައްސަވަން އުޅުއްވިޔަސް ގައުމުތަކުގެ ވެރިންނަކީ އެހާ ހުސްވަގުތު ލިބިވަޑައިގެން އުޅުއްވާ ބޭފުޅުނެއް ނޫނެވެ. ރައީސް މުއިއްޒު ކަހަލަ ދެއުޅިއެއްނުވާ ވެރިއަކަށް ވަގުތު ދެއްވުމަށްވުރެ ގައުމުގެ އެހެން ކަމަކާ އުޅުއްވުން އެބޭފުޅުންނަށް މުހިންމެވެ.
އަމްދުން އދ އަށް ގޮންޖައްސަވާ އެ ގައުމުތަކުގެ ކުރިމަތީގައި ނުފޫޒުގަދަ ގައުމުތަކަށް ފުރައްސާރަ ކުރެއްވުމުން ލޮލުގެ ކުޑަކޮޅުންވެސް ބައްލަވާލައްވަން އެބޭފުޅުން ބޭނުންފުޅެއް ނުވާނެއެވެ. އެހާދުވަހު އެމެރިކާގައި ރައީސް މުއިއްޒު ހުންނެވިކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިންނަށް އެނގިވަޑައިގަންނަވާހެނެއް ވެސް ހިޔެއްނުވެއެވެ. ހަގީގަތަކީ ދުނިޔޭގައި ނަންހިނގާ އެއްވެސް ގައުމެއްގެ ވެރިއަކާ ރައީސް މުއިއްޒަށް އަދި ބައްދަލު ނުވާކަމެވެ.