މީކާއީލް ވެސް ކުއްލިޔަކަށް އެވީ ބޯވަޔަކަށް
އަދުލަކީ އިންސާފަކީ ހައްގަކީ ނަޝީދާއި ނަޝީދުގެ ގޮތް!
އިއްޔެއާއި ހަމައަށް ރަނެއް މަލެއް ފަދަ މީކައީލު ނަސީމް މިއަދު އެއޮށްވީ ބޯވަ އަކަށެވެ. ނަޝީދު ކިޔާހާ ލަވައަކަށް ނުނަށާ ކޮންމެ މީހަކީ ބޯވައެކެވެ. އެހިސާބުން އެމީހަކު އެހުރީ ވިކިފައެވެ. އެ މީހަކު އެ ހުރީ ވަޒީފާއެއްގެ ދަށުވެފައެވެ. ބިޑެއްގެ ދަށުވެފައެވެ. ލާރިގަނޑެއް ނުހައްގުން ކާލައިގެނެވެ. ނަޝީދު ކަލްޓުން މީހުން ވަޒަން ކުރަނީ މި މޭރުމުންނެވެ.
ނަޝީދަށް ތާއީދުކޮށް ނަޝީދަށް ސަނާކިޔާ މީހަކީ ކިލައެއް މިލައެއްނެތް ޖަވާހިރެވެ. ކިތަންމެ ބޮޑު ގޯސްތަކެއް ހަދާފައި ހުއްޓަސް ނަޝީދުގެ ވިސްނުމާ އެއްގޮތަށް އެނބުރޭ ކޮންމެ ބުމަރަކީ އެހާމެ މައުސޫމު ހަޑިކަމެއް ނެތް މަލުމަލު ހުދު ފޮތްޗެވެ. ޕާޓީގެ ވިޕްލައިނަށް ބޯލަނބާ ބަޖެޓަށް ވޯޓު ދިނުމުން އެ އޮށްފަދަ މީކައީލް ނަސީމަށް ވެސް އެ ޖެހުނީ ފުޅަނގީގެ ހާލެވެ.
ނަޝީދު އެޅިހާ ބަތަކަށް ރިހަވެން އުޅޭތީ އަލީ އާޒިމަކީ މި ވަގުތު ގައުމީ ބަތޮލެކެވެ. ދަބަހުގައި ކާރުގެ ޑިކީއަށް އެމްއެމްޕީއާރުސީގެ ފައިސާ އަޅައިގެން އުފުލި ކަމަކަށް ނުވެއެވެ. ޑީއާރުޕީ ފުޑާލާފައި އެމްޑީޕީ ފުނޑާލަން އައި ކަމަކަށް ވެސް ނުވެއެވެ. މިއަދު އަލީ އާޒިމަކީ ހުރި ގޮތަށް ހުރި ސިއްދީގެކެވެ. އަނެއް ކޮޅުން މާލެ ސިޓީ މޭޔަރު ކަމުގައި ހުރެ ޝިފާ މެޑަމް ފާޅުކަން ބޮޑު ހެކިތަކާ އެކު ހިންގި ޖަރީމާއެއް ވެސް އަމްދުން އޮތް ކަމަކަށް ނުވިއެވެ.
ޔޫތު މިނިސްޓަރ ކަމުގައި ހުރެ ހަސަން ލަތީފު މިލިޔަން މިލިޔަނުން ކޮރަޕްޝަން ހިންގި ކަމަކަށް ނުވެއެވެ. ބޮންޑާ ފުއްގިރި ވަގު ޑީލުގައި ލޯލާރިއެއް ވެސް ހޯދި ކަމަކަށް ނުވެއެވެ. ޔާމީނު ސަރުކާރުން ބައި އަޅައިގެން އީވާގެ ފިރިކަލުން ލިފްޓްގެ ޑީލް ހެދިކަމަކަށް ވެސް ނުވެއެވެ. މުސްތަފާބެ ވަގަށް ކަހަނބުފަތާ އެންދެރިޔާ މިޔަރު އުރަހަ ބޭރުކުރި ކަމަކަށް މިހާރަކު ނުވެއެވެ.
ލެޕްޓޮޕް ކުރިމަތީ ސިއްޕެ އަތުބުރުޖެހި ކަމަކަށް ވެސް މިހާރަކު ނުވެއެވެ. އާއިލީ މަސްލަހަތު އޮތް ރިސޯޓެއް ބާރާ ނުފޫޒުން އިމްތިޔާޒް ފަހުމީ ހޯދައިދިން ކަމަކަށް ނުވެއެވެ. ކޮއްކޯފުޅު އަލަމްގިރީގެ އަނތްބަކަށް ވުމަކީ މައްސަލައަކަށް ނުވެއެވެ. ހިޔަލީ ރަޝީދާއި ވިލުފުށި އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ގަދަ ބަދަވި ނުފޫޒުން ކޮވިޑް ޓެސްޓްކިޓް ޑީލް ހޯދައިގެން ރައްޔިތުން ފެލުމުގައި ވިލުފުށި އަފިފާއި ހިތަދޫ އަރާއިރު ރަޝީދާ އުޅޭ ކަމަކަށް ނުވެއެވެ.
އިލްޔާސް ލަބީބުއާއި އީވާގެ ފިރި ސާބެގެ ކުންފުންޏަށް އެގޮތް މިގޮތަށް ބިޑްތައް ކަހާލައިގެން ނާޖާއިޒު ފައިދާ ހެސްކިޔާފައި ނަގަމުން ދާކަމަކަށް ވެސް ވަނީއެއް ނޫނެވެ. ސަރުކާރު ތެރޭގައި ތިބެ ނަޝީދަށް ކަންފަހި ކޮށްދީ ސަރުކާރު ފެއިލް ކުރަން ރޭނިދި ނުނިދާ އުޅޭ އަޅުންގެ އަޅުން މުސާރަ ނަގައިގެން ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އެ މީހަކީ ވަރަށް ގަދަ މީހެކެވެ. މިކަހަލަ ހައްސައެވެ. ރުހުމުގެ ލޯހުންނަނީ ކަނު ވެފައެވެ.
އެކަމަކު ބުނަން ހެއްޔެވެ. މި ބުނެވުނު މީހުންގެ ތެރެއިން އެކަކުވެސް ނިކަން ލަވަ ބަދަލު ކޮށްލަ ބަލާށެވެ. ނުގޮވާ ކުނި ފުޅައެއް ނުކުރާ ނުބައިކަމެއް ނުއޮންނާނެއެވެ. ހުރި މައުސޫމުކަން ފިލާ ރަތް މަހަށް ނުގޮވާ އެއްޗެހި ގޮވާނެއެވެ. ނުވިތާކަށް ނިސްބަތްވާ ދަރި ފަސްކޮޅުގައި ވެސް މުޖުރިމަކު ނޫނީ ހުރިކަމަކަށް ނުވާނެއެވެ.
ރޮޒޭނާއާއި މަވޯޓާ ޝަރީފާއި ދެންވެސް ތިބި ބަޔަކު މިހާރު ކިޔާ ލަވަ އަނެއް ކޮޅަށް ކިޔަން ފަށާ ބަލާށެވެ. ފިސާރި ތެދުވެރި ފިސާރި ކެރޭ ކުންޏެއް ބުންޏެއް ނެތް ބަޔަކަށްވެ ސާފު ތާހިރު ބޯކިރު ފޮދަކަށް ވާކަށް ލަހެއް ފަހެއް ނުވާނެއެވެ. ބޯވަޔަކަށް ކުރަތްޕަކަށް ހިކަންޖަކަށް ނުވާނެއެވެ. ވިކުނު ކަމަކަށް ވަޒިފާގެ އަޅަކަށްވީ ކަމަކަށްވެސް ނުވާނެއެވެ.
ހަމަތެދެކެވެ. މޭމަތީގައި ނަޝީދުގެ ފޮޓޯ ޖަހައިގެން މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔައިރު ރޮޒޭނާ ވަރުގެ ކަނބަލެއް އުޑު ދަށުގައި ނެތެވެ. ޑޮނާޑު އާދަންފުޅު ނުފޫޒުން ގޯތި ބަދަލު ކުރި ކަމަކަށް ވެސް ނުވެއެވެ. ޑީއާރުޕީ ފުނޑާލާފައި އައިސް އެމްޑީޕީއަށް ވަނތް ބޯވައަކަށް ވެސް ނުވެއެވެ. ބޯޅަކިންކިރިމާ ބޮލުގައި ޖަހައިގެން ދެފުށުން ފިރުމާ ކޯޑިހައްދައިގެން ކެންޕޭނު ތަކަށް ގެންގޮސް ކަރުފަޅައިގެން ދާވަރަށް އަޑުލައްވަން ގެންގުޅުނު އިރު ރޮޒައިނާގެ ނެތް މޮޅުކަމެއް ނެތެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ވާހަކަ ރޮޒައިނާ މިހާރު ދައްކާތީ އެކަން ނަޝީދުގެ ގަބީލީ ވިސްނުމަކަށް ހަޖަމެއް ނުކުރެވެއެވެ.
މީކާއީލް ނަސީމަށް ވެސް ވާނީ އެހެންތާއެވެ. ފިސާރި ހަން ބޯ ނުވެއްޖެއްޔާ ބަލިކަލޯ ހައްދާ ބޮލަށް ނާޅާނެ ތުޅައެއް ނުއޮންނާނެއެވެ. ރަންކޮޅާއެވެ. ނަޝީދަށް ވަފާތެރި ނޫން ކޮންމެ މީހަކީ ހޫނު ތެޔޮ ތާހަކަށް އެރިހުރި މީހަކަށް ހަދާލާނެއެވެ. ފިއްސާ ހަފުސް ކޮށްލާނެއެވެ. ނަޝީދާ ހަމައިން އެމްޑީޕީ ދުށް ބައެއް މީހުން ދެކޭ ގޮތުގައި އެމްޑީޕީއަކީ ނަޝީދަށް ރާއްޖޭގެ ވެރިކަން ހޯދާ ދީގެން ނަޝީދުގެ ވެރިކަން ދަމަހައްޓަން އުފެދިފައި އޮތް ނަޝީދުގެ ސަވާރީއެކެވެ. ވެރިކަމާ ނަޝީދާ ދޭތެރޭގައި އޮންނަ ބުރިޖެކެވެ. އެ ގޮތަށް ގަބުލުކުރާ ބަޔަކަށް އެމްޑީޕީގައި އެހެން މީހަކު ކިތަންމެ ރަނގަޅަށް ކުރާކަމެއް ވެސް ބަލައެއް ނުގަނެވޭނެއެވެ. އާނއެކެވެ. ގަބީލީ އެމްޑީޕީ އަހުލުނަށް އަދުލަކީ އިންސާފަކީ ހައްގަކީ ނަޝީދާއި ނަޝީދުގެ ގޮތެވެ. އެކަމަކު އެއީ މާޒީއެވެ.