މާލޭ މީހުނަށް ގޯތިތައް ނުދޭންޖަހާ ޗައްކަރު: އަންޑަރވޯޓަރ ޓަނަލް
އަންޑަރވޯޓަރ ޓަނަލް އެޅެންދެން ގޯތީގެ ވާހަކަ ނުދައްކާ އަތްޖަހަން ތިބޭ!
ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލް ފުށިދިއްގަރުފަޅާއި މާލެއާއި ދޭތެރޭ ޑރ. މުއިއްޒު އަޅާއިރު އޭގެ ކުރިން ދުނިޔޭގައި އަޅަފައި އެހުރިއްޔަކީ އަންޑަވޯޓަރ ޓަނަލެއް ނޫންތާއެވެ. ކޮންމެ ކަހަލަ ޓަނަލަކަށް ތިޔަ ޓަނަލެއް ވިޔަސް ވަރިހަމައެވެ. ތިޔަ ޓަނަލެއްގެ ވާހަކަ މުއިއްޒު އެދެއްކީ ފުށިދިއްގަރާ މާލެއާއި ދޭތެރޭގައި ބްރިޖް ނޭޅޭނެ ވާހަކަ މާލޭ މޭޔަރ އާދަމް އާޒިމް މާގިނައެއްކޮށް ދައްކަވާތީއެވެ.
ގިރާވަރުފަޅާއި އުުތުރުތިލަފަޅާއި ގުޅީފަޅާއި ހުޅުމާލޭ ފޭސް ތިނެއް އަވަހަށް ނިންމާ އެތަންތާ މާލޭ މީހުން އަވަހަށް އާބާދު ކުރަން މޭޔަރ އާޒިމް އުޅޭވަރުން އެކަން ނުކުރުމުގެ ހުއްޖަތެއްގެ ގޮތުން އަންޑަވޯޓަރ ޓަނަލުގެ ވާހަކަ މުއިއްޒު އުފަން ކުރީއެވެ.
މޫނަށް ރުލެއްވެސް އަރުވާނުލާ މުއިއްޒު ދައްކާލި މޮޅުވާހަކަ ނިކަން ދެކިބަލާށެވެ. "މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އަންޑަރ ވޯޓާ ޓަނަލް މާލެ އިން ރަސްމާލެއިން ގުޅުވާލުމުގެ މަސައްކަތް، އެ ޓަނަލް ވެގެން ދާނީ، އެ ޓަނަލްގައި ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް،" ވާހަކަ ކިހާ މޮޅުހެއްޔެވެ.
ރަސްމާލޭ ޓަނަލް ވާނީ ކަނޑު ހިނގާ މަސްމަހާ މެއްސާއި ހަނގާ ކުރަމުން ފެނުޕަރީންނާއި ހިތާވަމުން ކަނޑު ރަސްގެފާނުގެ ދަރުބާރުގައި ރަންނަމާރީން ޅަނބާޅަ ގުރުބާނީތައް ކުރެވޭ މަންޒަރު ލޮލުންދެކެ އަތުން ހިފާލަން ލިބޭ ބޮޑު ނިއުމަތަކަށެވެ. އަންޑަރވޯޓަރ ޓަނަލް އެޅެންދެން މާލޭ މީހުން ގޯތީގެ ވާހަކަ ނުދައްކާ އަތްޖަހަން ތިބޭށެވެ. ކޮން ގުޅިފަޅެއް ގިރާވަރުފަޅެއްގެ ވާހަކައެއް ހެއްޔެވެ. ބުރިޖަކަށްވުރެ އަންޑަރވޯޓަރ ޓަނަލަކުން ދެވޭލެއް މާފުރިހަމަ ވާނެއެވެ.
އަންޑަރވޯޓަރ ޓަނަލުން ދަތުރު ކުރާ ހިތުން ޓަނަލް އެޅެންދެން މާލޭ މީހުން ގޯތީގެ ވާހަކަ ނުދައްކާ ތިބެންވީއެވެ. އަންޑަރވޯޓަރ ޓަލަކުން ރަސްމާލެ ގުޅެގުޅެ އޮއްވާ ބްރިޖަކުން ގުޅައިގެން ގިރާވަރުފަޅާއި އުތުރުތިލަފަޅާއި ގުޅީފަޅާއި ހުޅުމާލޭ ފޭސް 3 ގައި ދިރިއުޅެން ދާނީ ކާކުހެއްޔެވެ.
މާލޭ މީހުނަށް ދީފައިވާ ގޯތިތައް ނުދޭން މުއިއްޒު ޖެހި ޗައްކަރު ކިހާމޮޅު ހެއްޔެވެ. މިހާވަރުން ދަންޏާ ހުރިހާ ދިވެހިނަށް މާރސްގައި ދިރިއުޅެވޭ ގޮތްވެސް މުއިއްޒު ހަދާދީފާނެއެވެ. މަރުނެތް ގުޅިން ދިވެހިންނަށް މުއިއްޒު ފެން ނުދީފިއްޔާ ކިތަންމެ ހާވެސް ރަގަޅެވެ.