ޔާމީނު މިނިވަން ކުރަން ގޮވައިގެން ނުވާނެ: މުއިއްޒު
ޔާމީނު ދޫކޮށްލަން ގޮވުމުގެ ޑިމާންޑް ލެވެލް ޒީރޯއަށް ދަށްކޮށްލައިފި
ކިހާ ރީތި ހެއްޔެވެ. ރައީސް ޔާމީނަށް ހަރާން ހުކުމެއްކަމަށް ގޮވާލާ މަގުމައްޗަށް މީހުން ނެރުނެވެ. ރައީސް ޔާމީނަށް ލިބެމުން ދަނީ ހައްގު އަދަބެއް ނޫން ކަމަށް ބުނެ ވަކާލާތު ކުރިއެވެ. މުޅި ޕީޕީއެމްގެ ރޫހު އޮތީ ރައީސް ޔާމީނު މިނިވަން ކުރުމާ ގުޅިފައެވެ. ޕީޕީއެމްގެ ބޮޑު ފައުޖު އެއްވާނަކަށް ނިކުމެ ޑރ. މުއިއްޒަށް ވޯޓު ދިނީ ރައީސް ޔާމީނު މިނިވަން ކުރުމަށެވެ. އިންޑިއާ އައުޓާއި ކަނޑުވިއްކާލުން އަންނަނީ އޭގެ ފަހަތަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި ޑރ. މުއިއްޒަށް ތާއީދު ހޯދުމަށް ޕީއެންސީގެ މަޑު ނޫކުލައެއް ޕީއެންސީގެ އުދުހޭ އަސްދޫންޏެއް ނުފެނެއެވެ. މުޅި ރާއްޖޭގައި އެކީ އެކައްޗަކަށް އޮތީ ޕީޕީއެމުގެ ފިޔާތޮށި ކުލަޔާއި ޕީޕީއެމުގެ ބަޅުރުކެވެ. ބިޔަ ބޮޑެތި ބިލް ބޯޑްތަކާއި ޕޯސްޓަރުގައި ހުންނަނީ ރައީސް ޔާމީނުގެ ފޮޓޯއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރީ ރައީސް ޔާމީނޭ ބުންޏަސް ފާފައެއް ނުވާނެއެވެ.
ވީގޮތެއްވެ ޖަޒުބާތުގައި ޖެހި ހިނގަމުން އައި ހެޔޮވެރި ކަމެއް ފޭލިކޮށްލާ އޮޅުވާލުމުގެ ތެރެއިން ޑރ. މުއިއްޒަށް ވެރިކަމާ ހަމައަށް ވާސިލު ވެވިއްޖެއެވެ. ވެރިކަމާ އަދި ހަވާލު ނުވެވެނީސް އަސްލު ސިފަ ފާޅުވެ ބުޅާ ގޯނިން ބޭރުވާން ފަށައިފިއެވެ. ވެރިކަމަށް އައުމަށްޓަކާ އަޑު އުފުލުނު ބޮޑެތި ކަންކަން ފިނިކޮށް އާދައިގެ ކަންކަމަށް ހަދަން ފަށައިފިއެވެ.
ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލާ މަގުމައްޗަށް ނިކުތުމަކީ ކޮށްގެން ވާނެ ކަމަކަށް މިހާރަކު ނުވިއެވެ. ވެރިކަމުގެ ހުވާ ކުރާނީ ރައީސް ޔާމީނުގެ އަތުގައި ހިފައިގެން ހުރެކަމަށް ބުނި މީހާއަށް އެދެވުނީ ރައީސް ޔާމީނު ގެއަށް ގެނެސް ދިނުމަށެވެ. ރައީސް ޔާމީނު ދޫކޮށްލަން ގޮވާލުމުގެ ޑިމާންޑް ލެވެލް ޒީރޯއަށް ދަށް ކޮށްލައިފިއެވެ. ގާނޫނީ ގޮތުން ކުރެވެން ނެތް ކަމަކަށް ވެގެން ރައީސް ޔާމީނު މިނިވަން ނުކޮށް ބެހެއްޓެން އޮތްހާ ދުވަހަކު ނުބަހައްޓާނެ އެއްވެސް ޔަގީން ކަމެއް މިހާރަކު ޕީޕީއެމްގެ ވަފާތެރިންނަކަށް ނުއޮންނާނެއެވެ.
އިންޑިއާ އައުޓުވެސް ހަމަ އެފަދައެވެ. އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުބަހައްޓާ ބޭރު ކުރަން ހޮވި ރައީސްގެ މިހާރުގެ ވާހަކަ ހުރިގޮތް ދެކޭށެވެ. އިންޑިއާ އައުޓް ކުރަން ނިކުތް މީހުން އިންޑިއާ ފަސްޓް ޕޮލިސީ ތަންފީޒު ކުރުމަށް ފޫގެޅީއެވެ. ނަމުގައި ޕްރޯ މޯލްޑިވްސްއެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހަދާފައިވާ އެއްބަސްވުން ތަކުގައި ގައުމީ ސަލާމަތާ މިނިވަންކަމަށް އަސަރެއް ކުރާނެ އެއްވެސް ކަމެއް އޮތްކަމަށް ނުވެ ހުރިހާ އެއްބަސްވުމެއް ހަލާލުވާކަށް މާލަހެއް ނުވާނެއެވެ. އުތުރު ތިލަފަޅުގައި ބިނާކުރާ ޑޮކްޔާޑަކީ ކޮންމެހެން ހަދަންޖެހޭ ތަނެއް ކަމުގައިވެ ޔޫޓީއެފް އެއްބަސްވުމަކީ ދަމަހައްޓަން ޖެހޭ އެއްބަސްވުމަކަށް ވެގެން ދާނީ ވަރަށް އަވަހަށެވެ.
އިންޑިއާގެ ހެލްކޮޕްޓަރތަކާއި ޑޯނިއަރ މަތިންދާ ބޯޓުގެ މުހިންމުކަން ބޮޑުވެ ހިންގާ ބެލެހެއްޓުމާ ކުރަންޖެހޭ ހަރަދަށް ބަލާއިރު އެ ތަކެތީގެ އޮޕަރޭޝަންގައި އިންޑިއާ ސިފައިން ބޭތިއްބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެގެން ދާނެއެވެ. ހެލްކޮޕްޓަރތައް ފޮނުވާލުމުގެ ބަދަލުގައި އިތުރު ހެލްކޮޕްޓަރ ގެނައުމުގެ މުހިންމުކަން ބޮޑުވެގެން ދާނެއެވެ. އިންޑިއާ ސިފައިންނާ ގުޅުވައިގެން ކީހާ ޅެން ފަރިއްސަށް ދެން ވާކަށް މާގިނަ ދުވަހެއް ނެތެވެ.