މުއިއްޒާ ޖެހުމުން މައުރޫފު ޖަމީލު ވެސް ތަފާތެއްނުވި!
މައުރޫފު ޖަމީލަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅާ މީހެއް
މުއިއްޒާ ޖެހުމުން މައުރޫފް ޖަމީލްވެސް ވަކިތަފާތެއް ނުވިއެވެ. މައުރޫފް ޖަމީލާ މެދު ގިނަ ބަޔަކު އުންމީދުކުރި ކަހަލަ މީހަކަށް މުއުރޫފް ނުވިއެވެ. މުއިއްޒުގެ ޖައްބާރުވެރިކަން ދަމަހައްޓާ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގައި މައުރޫފު ޖަމީލު ފަސްޖެހޭނެ ކަމަށް ކުރެވުނު އުންމީދު ކުރި އެންމެ ކަމަކުން މައުރޫފު ވެއްޔާ މޮޑެލައިފިއެވެ.
ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް ހުރަސް އަޅާ މީހަކަށް މައުރޫފް ވެސް ވީއެވެ. އެއްވެ އުޅުމާ ހިޔާލުފާޅުކުރުން ފަދަ އަސާސީ ހައްގެއް ކަށަވަރުކޮށްދޭން ނުކެރޭ މީހަކަށް ރައްޔިތުންނަށްޓަކައި ހައްގުބަސް ބުނެ އިންސާފުން ކަމެއް ކޮށްދެވޭނެ ހިއްވަރެއް ނުހުންނާނެއެވެ.
އެޗްޑީސީގެ ވެރިކަމުގައި މައުރޫފު ޖަމީލު ހުރެ ހުޅުމާލޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ހުއްދަދޭން ނުކެރުނެވެ. ހުޅުމާލެ ބިންތަކުގެ ވެރިކަން އަަތަށްލައިގެން ހުރެ ހުޅުމާލެ އެއް ނަންބަރ ރުއްގަޑު ތެރޭގައި އިދިކޮޅު ޕާޓީން ބައްދަލުވުމެއް ބާއްވަން ހުއްދަދޭން މައުރޫފު ޖަމީލަށް ނުކެރުމަކީ އެޗްޑީސީގެ ބާރުގެ ދަށުގައި އޮތް ކޮންމެ ކަމަކަށާއި އެއްޗަކަށް މުއިއްޒު ބޭނުންހާ ގޮތެއް ހަދާދޭން މައުރޫފު ހުރި ކަމުގެ ހެއްކެކެވެ.
ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާ މީހެއްގެ ސިއްކަ މައުރޫފު ޖަމީލް ނިއްކުރީގައި އަމިއްލައަށް މިއަދު އެޖެހީއެވެ. މައުރޫފު ޖަމީލުގެ ފަރާތުން ރައްޔިތަކަށް ހެވެއް ލާބައެއް އިންސާފެއް ހައްގެއް ލިބިދާނެ ކަމަށް އެއްވެސް މީހަކު ގަބޫލުކުރުމަކީ މޮޔަކަމެކެވެ.
މުއިއްޒު ބޭނުންވާހާ ގޮތަކަށް ހުޅުމާލޭ ބިންތަކާއި ފްލެޓްތަކާއި އުސޫލާ ހިލާފަށް މައުރޫފް ޖަމީލް ބަހާނުލާނެ ކަމަށް މިހާރަކު ބެލެވޭކަށް ނެތެވެ. ގަތުން އެއްޗެއް ނުދާ އަސާސީ ހައްގެއް ކަމުގައިވާ އެއްވެއުޅުމަށް ރުއްގަޑު ދޭން ނުކެރުނު މީހަކަށް ހޯދާދެވޭނެ އެހެން ހައްގެއް ނުއޮންނާނެއެވެ.
ފަޒުލް ބަދަލުކޮށްލާ މައުރޫފް ޖަމީލް ގެނައުމުން އެޗްޑީސީން މުއިއްޒު ކުރުވާ ވައްކަން ހުއްޓުނީކަމަށް ބަލައިގެން މައުރޫފަށް ދޫކޮށްލައިގެން ތިބެއްޖެނަމަ ހުޅުމާލެއާއި ގުޅީފަޅާ ތިލަފުއްޓާއި ގިރާވަރުފަޅު ހޯދާ ނުފެންނާނެއެވެ. މައުރޫފު ޖަވާބުދާރީ ކުރުވުމަށް ލޯމަރާލައިގެން ތިބެން ހެޔޮނުވާނެއެވެ.