ޑރ. މުނައްވަރަށް: އުއްތަމަފަނޑިޔާރުކަން ނުލިބުމުގެ ހަސަދަ!
ގާނޫނާ އެއްގޮތަށް ކަމެއް ކޮށްގެން ރައީސް އަޒްލްކުރަން ޖެހުމަކީ އަރަތެއް
ޑރ. މުނައްވަރަކީ ތައައްސުބެއް ނެތް ގައުމީ މީހެއް ކަމަށް ގިނަ ބަޔަކު ކުރީން ގަބޫލު ކުރިއެވެ. ރަނގަޅު ވަގުތުގައި ރަނގަޅު ވާހަކަ ދައްކަވާ ހަމައިގައި ހުންނަވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. އެހެން ނަމަވެސް އެ ގަބޫލު ކުރުން އަމިއްލަފުޅަށް މިހާރު ބަދަލު ކުރައްވައިފިއެވެ. ޒާތީ ތައައްސަބާއި ލިބި ވަޑައިގެން ހުންނެވި އިލްމަކީ މަވެތިކަން ދައްކަވާ ހަތިޔާރަކަށް ހައްދަވައިފިއެވެ. ބޯގޯހުންގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯއްދަވައިފިއެވެ.
ބާނަ ބާނާ ތިއްބާ ވިއްކާލީ ކަމަށް ތިޔަ ވިދާޅުވަނީ ކަނޑެއް ކަމެއް އެހެން އެއްޗެއް ކަމެއް އޮޅުމެއް ނުފިލައެވެ. އެކަން ރައްޔިތުންނަށް އެންމެ ބޮޑަށް އޮޅެނީ ޑރ. މުނައްވަރުގެ ބަންޑާރަ ނައިބު ކަމުގައި އެކުލަވާލި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ ސަބަބުންނެވެ. އެ ގާނޫނުގައި ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ބުނެފައި އެބައޮތެވެ. ރާއްޖޭގެ އާޗިޕިލަޖިކް ބޭސްލައިން ކުރަހާ އެބޭސް ލައިނުން ފެށިގެން ބޭރަށް 12 ނޯޓިކަލް މޭލްގައި ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުކަމަށް ލިޔުނީ ޑރ. މުނައްވަރެވެ. ބޭސްލައިން އިހަވަންދިއްޕޮޅުން އައްޑޫގެ ނިޔަލަށް ކުރަހާ ރާއްޖޭގެ ސަރަހައްދުގެ ގާނޫނީ އިން ކަނޑައެޅީ ވެސް މުނައްވަރު ކަމަށް އަމިއްލަ ފުޅަށް ވިދާޅުވެއެވެ.
ރާއްޖެއަށް ހާއްސަ އިގްތިސާދީ ސަރަހައްދަކީ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް ކަމަށް ގާނޫނުގައި ލިޔުނީ ވެސް މުނައްވަރެވެ. ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު އެހެން ބަޔަކާ ފުށުއަރާނަމަ އެ ބަޔަކާ އެއްބަސްވާ ގޮތެއްގެ މަތިން ފުށުއަރާ ސަރަހައްދު ބައިކުރަން ޖެހޭ ކަމަށް ލިޔުނީވެސް ޑރ. މުނައްވަރެވެ. ރާއްޖޭގެ އުތުރުން އިންޑިއާ އާއި ލަންކާ އާއި އެކު އެއްބަސްވުމެއްގައި ވާގޮތަށް އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭހެން ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައަޅާ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނުގައި ލިޔެ އެކަން ހަލާލު ކުރުމުގައި އިސްވެ ހުންނެވީ ވެސް ޑރ. މުނައްވަރެވެ. އޭރަކު ކަނޑު ވިއްކާލި ކަމަކަށް ޑރ. މުނައްވަރަކަށް ނުވިއެވެ.
މިއަދު އިންޓަނޭޝަނަލް ޓްރައިބުނަލަކުން ރާއްޖޭގެ ދެކުނުން އޮންނަ އިގްތިސާދީ ސަރަހައްދުގެ މައްސަލަ ހައްލު ކުރީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑު ވިއްކާލި ކަމަށް ވެއްޖެއެވެ. އަމިއްލަ އަތުން ފިއްޔާއި އަކުރާ ލިޔެ ފާސް ކޮށްފައިވާ ގާނޫނަކާ އެއް ގޮތަށް ގާނޫނީ ހަމައިން މޮރިޝަސްގެ ދައުވާ އަކަށް ދިވެހި ސަރުކާރުން އިޓްލޮސްގައި ޖަވާބު ދާރީވެ ފުށުއަރާ ސަރަހައްދުން ބޮޑުބައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމުގައި ކަނޑައެޅިގެން ދިޔުމުން ރައީސް އަޒްލް ކުރަން ޖެހެނީ މުނައްވަރު ލިޔެ ތަސްދީގް ކޮށްފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާ ބެހޭ ގާނޫނާއި އެއްގޮތަށް ސަރުކާރުން އަމަލު ކުރީމާ ހެއްޔެވެ.
ގާނޫނާ އެއްގޮތަށް ކަމެއް ކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަޒްލް ކުރަން ގޮވާ ގާނޫނީ މާހިރުންގެ އިހުލާސް ތެރިކަމެއް ނެތްކަން ކިހާ ސާފުހެއްޔެވެ. ބާނަ ބާނާ ތިއްބާ ކަނޑު ވިއްކީއޭ ކިޔައިގެން ރައްޔިތުން ލޭކައްކުވަން އޮޅުވާލުންތައް އޮޅުވާލާނީ ކިހާ ގައުމިއްޔަތު ބޮޑުކަމުން ހެއްޔެވެ. ބުނަނީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. ކުޅެނީ ސިޔާސީ ގޭމެވެ. ބާނަ ބާނާ ތިޔަ ތިބީ ކޮންމެވެސް އެހެން ތާކަށް ކޮންމެވެސް އެހެން އެއްޗެކެވެ. އެހެން ނޫނީ ވާނުވާ ނޭނގި ބާނަ ބާނާ ތިޔަ ތިބީ އަނގައެވެ.
ބާނަ ބާނަ ތިއްބައޭ ބުނާއިރު ރާއްޖޭގެ މަސްވެރިން 75 މޭލު ބޭރަށް މަސްވެރިކަން ކުރާން ނިކުމެ އުޅުމަކީ ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުން ޒަމާނުއްސުރެ މަނާ ކަމެކެވެ. 75 މޭލު ބޭރުން ހުއްދަ ދެނީ ލޯންގ ލައިން މަސްވެރިކަން ކުރުމަށް އެކަންޏެވެ. އެއީ އާއްމު މަސްވެރިންނަށް ދޭ ހުއްދައެއް ނޫނެވެ. ރައީސް ޔާމީނު ވެރިކަމުގައި އެ ސަރަހައްދުން މަސްވެރިކަން ކުރުމަށް ބޭރު ބޯޓް ފަހަރަށް ދިނެވެ. އެކަން އެ މީހުން ކުރީ އޭނައަށް ބައިއަޅައިގެންނެވެ. އެ ހުއްދަތައް މިވެރިކަން ފެށުމާއެކު ވަނީ ބާތިލު ކުރެވިފައެވެ. ރާއްޖޭގެ މަސްވެރިންނަށް އެކަން ރަނގަޅަށް އެނގެއެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިގެން ހުންނަވާ ރައްޔިތުންގެ ތާއީދު ހޯއްދަވަން ތިޔަ އުޅުއްވޭ ގޮތުން އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ވަރަށް ސާފެވެ. ގެއަށް ކަނޑާލަން ޖެހޭނީ ކޮންބައެއް ކީއްވެކަން ވަރަށް އަވަހަށް ސާފު ވާނެއެވެ. އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައި ނުގަތީ ނަޝީދާ ގާސިމާ މައުމޫނު ބޭނުން ނުވެގެންކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ރައީސް ސޯލީހަށް ހަސަދަ ފިލުއްވުމުގެ ބޭނުމެއް ނެތެވެ.