ނައިފަރު ޝިޔާމް ޓްރާންސްފަރ މާކެޓަށް!
ހިންނަވަރު މީހަކު ރާއްޖޭގައި ވެރިކަން ކުރާތީ ނައިފަރު ޝިޔާމަށް ހަޖަމެއް ނުވޭ
ބުރާންޗެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ކަން ހިނގާ މަގު ދުށްތަނުން ޝިޔާމުމެނަށް ނޭނގޭތީއެވެ. ރާއްޖޭގެ ފަޅުތަކާ އަތޮޅުތަކާ ރަށްތައް ވިއްކާލައިގެން ބަހާނެ ގޮތް ނޭގިގެން އުޅުނީ ޔާމީނު ނޫން ކާކު ހެއްޔެވެ. ބަހައިގެން ލިބުނު ބައި ކުޑަވެ އެފައިސާ މިފައިސާއޭ ގޮވަމުން މޮޔަ ގެރިއެއްހެން އުޅުނީ އެހެން ދެން ކާކު ހެއްޔެވެ. ކޯޓަކަށް ހާޒިރު ކުރިޔަސް އޭނާ އަތުހުރި މަގޭފައިސާ، އެތާ ހުރި މަގޭ ފައިސާއޭ ކިޔާ ރޮއެ ހޭރެނީ ޔާމީނު ނޫން ކާކު ހެއްޔެވެ. ރާއްޖެ ވިއްކާލަން އުޅުނު މީހުނާ ފައިސާ ބަހާނެ ގޮތް ނޭނގި ފުންމައިގެން އަރާ ވައި ނޮޅީގައި ދަތް އަޅައިގެން އުޅުނީ ވެސް އަދި އުޅެނީ ވެސް ކާކުކަން ނައިފަރު ޝިޔާމަށް ހަމަ ނޭނގެނީ ހެއްޔެވެ.
މަޖިލީހަށް ވަދެތިބެ ހިތުހުރި ވާހަކައެއް ދައްކަން ލަދު ނުގަންނަ ކަމެވެ. ޑޮލަރުން އަދަދު ކިޔަން އެނގެނީ ޝިޔާމަށް އެކަނި ހެއްޔެވެ. މިހާރު ޝިޔާމު ދެ މިލިޔަނެއްހާ ޑޮލަރަށް ބޭނުން ވެގެން އުޅުމާ ހާދަ ވައްތަރެވެ. ޔާމީނުގެ ތަރި އޮއްސުމުގެ ކުރިން ނައިފަރު ޝިޔާމު ޓްރާންސްފަރ މާކެޓަށް ނިކުތީތާއެވެ. އެކަމަކު 200 މިލިޔަން ކީއްކުރަން ހެއްޔެވެ. ފަންސާހަކަށް ޑޮލަރު ދީގެން ގަންނަވަރުގެ އަގެއް ހުރި މަސް ގަޑެއް ކަމަކަށް ތިޔަ ޝިޔާމު ވާހެނެއް ހިޔެއް ނުވެއެވެ.
ޗާގޯސް މައްސަލާއިގައި ހަދަހަދައިގެން ދެއްކިހާ ވާހަކަ ވަތަކުތޯ ނުޖެހި ދިޔައިމާ އަނެއްކާ ހިތުން މޮޅު ވާހަކައެއް ދައްކަލީތާއެވެ. މަތި މައްޗަށް ތިޔަ ހަދާ ދޮގުތައް އެނބުރިގޮސް ތިޔަ ވަންނަނީ އަނގައަށެވެ. މޮޅު ޕޮލިޓީޝަނުން އުޅެނީ ތިފާޑަކަށް ނޫނެވެ. ހިންނަވަރު މީހަކު ރާއްޖޭގައި ވެރިކަން ކުރާތީ ހަސަދަވެރި ތިޔަވަނީ މާ ވަރަކަށެވެ. ހަސަދައިގެ އަލިފާނުގައި އަދާ ހުލިވާނީ އާހިރުގައި ތިމާއެވެ.
ތިޔަ ވަރަށް ކަރުން ނާރުނަގާ ދަތްދޮޅީ ކަށިގަނޑު ނެއްޓެން ދެން ޝީޔާމުގެ ކޯތެޅު ވުމަކުން ރައީސް ސާލިހަށް ކަހަރުވަކެކޭ ހީނުވާނެއެވެ. ތެޅިތެޅި ހުޅުނބު ތިޔަ ފައިބަނީ ޝިޔާމުމެނެވެ. އާނއެކެވެ. އިރާދަ ކުރެއްވިޔަތީ މި ވަގުތު ތިޔަ ހުރެވެނީ މަޖިލީހު ތެރެއަށް ޝިޔާމަށް ވަދެވިފައެވެ. ތިޔަ ތަނަކީ ޝިޔާމުމެނަށް އައުތަނަކަށް ވެދާނެއެވެ. އެންމެ ދައުރު ގަޑެއްގައި މަޖިލީހުގައި އިނދެލަން ޝިޔާމަށް ލިބުނީތީ ތިޔަހަރަ އުޅޭ ފާޑެކެވެ.
ބަލަ ޝިޔާމޫއެވެ. ތިޔަތާކު މެދު ނުކެނޑި ފަންސަވީސް އަހަރު ހިންނަވަރު ސޯލިހުގެ އިބްރާހީމް އިނެވެ. ތިޔަ ފާޑަކަށް ތެޅިއެއް ނުބާލައެވެ. މީހަކަށް ކުޑައިމީސް ބަހެއްވެސް ބުނެނުލައެވެ. މުޅި ފާދިއްޕޮޅާއި ހިންނަރު ދާއިރާ، ހިންނަވަރު ސޯލިހުގެ އިބްރާހީމް ތަމްސީލުކުރީ މީހުންގެ ލޯތްބާ އިހުތިރާމް ލިބިގެންނެވެ. މިއަދު ރާއްޖޭގެ އެންމެ މަތީ ވެރިއަކަށްވެ އެ ހުރީ ވެސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދައިގެންނެވެ. ރާއްޖޭގެ ޑިމޮކްރެޓީކް ހަޔާތުގައި ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ރައްޔިތުންގެ %68 މީހުންގެ ވޯޓުން ވެރިކަން ހޯއްދެވި ފުރަތަމަ ރައީސަކީ ޝިޔާމް ތިޔަ ހަސަދަ ވެރިވާ ހިންނަވަރު އިބްރާހީމް މުހައްމަދު ސާލިހެވެ.
އެކަނި އިނދެ އަމިއްލަ ނަފްސާ މެދު ވިސްނާލަ ބަލާށެވެ. ކަންކަން މިންވަރުވެ މަތިވެން އަންނަނީ މަކަރުވެރި ތަދުބީރަކުން ނޫނެވެ. ހީލަތްތެރި ރޭވުމަކުން ވެސް ނޫނެވެ. ތަގުދީރުގެ ނިޔާ ބަދަލުކުރަން ކުރާ ތަދުބީރަކުން ވީ މޮޅެއްނެތެވެ. މީހުންގެ ލޮލުން ތިމާގެ ދުނިޔެ ބަލައިގެން ފެންނާނީ ބަޔަކު ދައްކާތަނެއް ދެއްކި ވަރަކަށެވެ. ހަގީގަތުގައި ތެދުވެރިކަމެއް އިހުލާސްތެރިކަމެއް ކުޑަވެސް ހުރިނަމަ މިއަދު ރައީސްގެ އެންމެ ކައިރީގައި ހުންނަން ޖެހޭ އެކަކީ ޝިޔާމު ނޫން ހެއްޔެވެ. ވަޒަނާ އަތޮޅަށް ކުލުނެއް އޮތްނަމައެވެ.