ގާސިމަށް: ދޮޅިކެނޑިގެން ފައިބުޑަށް ވެއްޓޭތަން ފެންނާނެ!
ކޮވިޑްގައި ބޮނދާ އޮވެ އެތައްސަތޭކަ މުއައްޒަފުން ކަނޑާލީ ވާލޯބިން
2018ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ޖުމްހޫރީ ތާއީދު ކުރީ އެހެން ގޮތެއް ނެތިގެންނެވެ. ޔާމީނުގެ އަނިޔައިން ގާސިމާ އޭނާގެ މުދާ ސަލާމަތް ކުރަން ވެގެންނެވެ. މި ވެރިކަމުގެ ފަސް އަހަރު ދައުލަތުން ބޮޑު އެއްޗެއް ކަޅާކޮށްލުމުގެ ބޭނުމަކީވެސް އޮތް ބޭނުމެކެވެ. އެހެންޏާ ފަހެ! ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ ވާދަކުރެވެން އޮވެ ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަ ނުކުރަނީ ކޮން އިރަކު ހެއްޔެވެ.
ދެ ފަހަރު ވެސް ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދު ކުރީ ދިވެހި ރައްޔިތުންނާއި ގައުމަށް ހެވެއް އެދިގެނެއް ނޫނެވެ. ރާއްޖޭގެ ސަރަހައްދޭ މިނިވަންކަމޭ ދީނޭ ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓޭ އިގްތިސާދުގެ ހިމާޔަތޭ ގާސިމު އިބްރާހީމް ކީމާ ކޮޅަށް ޖެހެނީ އަތުހުރި ލޯލިތަކެވެ. ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކުރުމޭ އިޖުތިމާއީ ހަމަޖެހުމޭ ތަރައްގީ އާއި ކުރިއެރުމާ އުފާވެރި ދިރިއުޅުން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމޭ ގާސިމް ބުނީ މާ އަންނަނީ ހިންޏެވެ.
ފުދުންތެރި ކަމޭ ހަމަޖެހޭ ދިރިއުޅުމޭ ގާސިމް ބުނާއިރު ކުޑަމިނުން ކޮވިޑަށް ފިލައިގެން އޮތްއިރު ކޮވިޑް މެނޭޖުކޮށް ރައްޔިތުން ބަނޑަށް ނުޖައްސާ މެނޭޖު ކުރި ގޮތެއް ނޭގޭނެއެވެ. ކޮވިޑްގެ ވަބާގެ ތެރޭގައި ބޮނދާ އޮވެ މުއައްޒަފުން ކަނޑާ ތިބި މަދު މީސްކޮޅަށް އެއްހާސް ރުފިޔާ މުސާރައިގެ ގޮތުގައި ދީގެން ކޮވިޑް ފެސިލިޓީ ހަދައިގެން ދައުލަތުން ފައިސާ ދަމާވީދި މީހަކީ ކާކުތޯ ބުނެފިއްޔާ ކޮންމެ މީހަކުވެސް ބުނަނީ އެއީ ގާސިމު އިބްރާހީމް ކަމަށެވެ. އެ ދުވަސްވަރު މަޖިލީހަށް ނުގޮސް މަޖިލީހުން މުސާރަ ނަގާ، މީހުން ނިކަމެތިވެ ގޮތް ހުސްވެ ދުނިޔެއާއި ދައުލަތަށް އާމްދަނީ ލިބުން ހުއްޓިފައިވާ ދަނޑިވަޅުގައި ނިކަމެތިންގެ ނިކަމެތި ކަމުގެ ފައިދާ ނަގައިގެން މާލޭން ބޮޑު ބިމެއްގަތީ ކާކުތޯ އަހައިފިނަމަ މީހުން ބުނަނީ ގާސިމް އިބްރާހީމްގެ ވާހަކައެވެ.
ދައުލަތުގެ ސްޓްރަޓެޖިކް އެސެޓްގެ ވާހަކަ ގާސިމް ދައްކާއިރު އެތައް ބިމެއް ނުއަގުގައި ނަގާ ހިސޯރުކޮށްގެން ފެށުނީއްސުރެ ދައުލަތުން ނަހަމަ ގޮތުގައި މަކަރާ ހީލަތުން އެންމެ ބޮޑު ނާޖާއިޒު ފައިދާއެއް ނަގަނީ ކާކުތޯ އަހައިފިނަމަ އެމީހަކީ ގާސިމް އިބްރަހީމޭ މީހުން ބުނެއެވެ. އެއްބަސްވުންތައް ދެފުށު މިޔަ އެޅޭ ޒާތަށް ހައްދާ އެއްބަސްވުމާއި އެއްގޮތަށް ބިންތަކާ ރަށްތައް ތަރައްގީ ނުކޮށް ނައިބުގެ ކޮންޓްރޯލްކޮށް ސަރުކާރުގެ ޒިންމާ އަދާނުކުރާ ކަމަށް ހަދައިގެން ކައިރިއަށް ބޮޑުވާހެން ނިޒާމުގެތެރެއިން ދައުލަތް ދަވާލަނީ ކާކުތޯ އަހައިފިނަމަ އެންމެ ފުރަތަމަވެސް ބުނާނީ ގާސިމްގެ ނަމެވެ. މިވެރިކަމުގައިވެސް އަދުލުވެރި ބަދަލުގެ ނަމުގައި އެންމެ ގިނަ ފައިސާ ހޯދަން ދައުވާކޮށް އެކި ފަހަރު މަތީން އެތައް ބިލިޔަނެއް ދަމައިގަތީ ކާކުތޯ ބުނެފިނަމަ ބުނާނީ ގާސިމް އިބްރާހީމްގެ ވާހަކައެވެ.
އަނބި މިހާ އާއި އެތައް އިނާޔަތެއްދޭ އަޅުކުދިން ކޮޅެއް މަސްލަހަތު ހުރި މިނިސްޓްރީތަކުގައި ބައިތިއްބައިގެން ބޮނޑި ބޮޑުކޮށް އަތްގުޅި ނުކާ ވަރަށް ފުފިއްޖެއެވެ. ވަރުގެކޮޅަށް ފުފުނީމާ ނިކުމެ މި ސަރުކާރުން ކަންކުރި ގޮތުން ބައިއަތު ހިފޭކަށް ނެތޭ ނިކުންނާނީ އަމިއްލަޔަށޭ ކީމާ ބަޔަކަށް ދެކަމު ހާޖަތަށް ދެވޭނެޔޭ ހީވަނީ ހެއްޔެވެ. ދެވަނަ ބުރެއްގައި ގަދަ ދޭކަށް ދެވިދާނެ ކަމަށް ހީވާވަރުން ތިޔަ ގޮތަށް ފުމޭނެއެވެ. އުކާ އެންކައިގެން އައިން އޮބާލީމާ ދޮޅިކެނޑިގެން އައިސް ފައިބުޑަށް ވެއްޓޭތަން މިތިބީ ބަލާށެވެ.