މުއިއްޒުގެ އުބަށް ޖެހުންގަނޑު ކިހާ ސަޅި!
ގުރުބާން ކަންބަޅިއަކަށް ހަދާލީ އަދުރޭ
ލާރިއެއް ގެންގުޅޭހެން ހީވާހާ މީހަކު ހޯދައިގެން ފައިސާ ހޯދަން މުއިއްޒު އަންނަނީ ޑީލް ހަދަމުންނެވެ. މަޖިލީހުގެ ގޮނޑި ދައްކައިގެން ފައިސާ ވެރިން އަތުން މުއިއްޒު ފައިސާ ނަގަނީ މިލިއަން މިލިއަނުންނެވެ.
މުއިއްޒު ބޭނުން މުހިންމު މީހުންނަށް ދާއިރާއެއްގެ ގޮނޑި ހާއްސަ ކުރަން ވެގެން އެ ދާއިރާގައި ވާދަ ކޮށްފާނެ މީހުން ހުއްޓުވުމަށް ވެސް ފައިސާ ވެރިން ލައްވާ މުއިއްޒު ހަރަދު ކުރުވައެވެ. ވަކި ގޮނޑިއެއް ވަކި މީހަކަށް ހާއްސަ ކުރުމަށް އެންމެ ބޮޑު ހޭދައެއް.ކުރުވަނީ ފ. ނިލަންދޫ ދާއިރާގެ ގޮނޑި މުއިއްޒުގެ ކޮއްކޮ ސައުދާއަށް ހާއްސަ ކުރުމަށެވެ. އަދުރޭ ގޮނޑި ކަށަވަރު ކުރަން ވެސް ވިޔަފާރިވެރިން ލައްވާ މުއިއްޒު ހޭދަކުރުވައެވެ.
ބައެއް ވިޔަފާރި ވެރިންނަށް ހަތަރު ފަސް ދާއިރާ އޮތީ ވިއްކާލާފައެވެ. ދުވަހަކު ދާއިރާ މީހުން ލޯނުދެކޭ ނުދަންނަ މީހުން ޕްރައިމަރީއާ ހިފާ ތަޅާތަން އެބަފެނޭ ނޫންހެއްޔެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ދާއިރާ ތަކުގެ ގޮނޑި ދައްކައިގެން އެފައިސާ ވެރިން އަތުން މުއިއްޒު އެތައް މިލިއަން ޑޮލަރެއް ވަނީ ދަމައިގެންފައެވެ.
ކުރިއްސުރެ ޕާޓީ ރޫހުގައި ވީހާލެއްގައި ވެގެން އުޅުނު މީހުނަށް ވާނުވާ ރޭކާލީ ޕްރައިމަރީގަައި ވޯޓް ލެވޭ ވަގުތީ ލިސްޓް ނިކުތީމައެވެ. ލިސްޓް ފެނިފައި ލޮނދި ހިކައެއްހެން ޕްރައިމަރީން ޓިކެޓް ދަމައިގަންނަ މީހުން އަސްލު މެންބަރުންނަށް ފެނިއްޖެއެވެ. ދުވަހަކު ޕާޓީގެ ކަމެއްގައި އުޅެފައި ނެތް އޮއިކާށިތައް ގަދަވެ ގަންނަތަން ބަލަން ތިބެން އެ މީހުނަށް ކެތެއް ނުވިއެވެ. ފާޅުގައި އަޑު އުފުލަން ފެށުމުން އަމަލުކުރީ އެންމެ ހަޑި މުޑުދާރުކޮށެވެ.
އެކި ބަހަނާ ދައްކާފައި އެތައް ބަޔަކަށް ޕްރައިމަރީގަައި ބައިވެރި ނުވެވޭނެ ކަމަށް އެންގީީއެވެ.
ބަޔަކަށް ވާދަ ނުކުރެވޭ ގޮތަށް ހަމަޖެއްސުން މީހުންގަނޑު ކެކި އަރައިގަތީއެވެ. ޕްރައިމަރީގަައި ވަކި ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ނިންމި ނިންމުމަކީ އެންމެ ފަހުން އަދުރޭގެ އަމިއްލަ ނިންމުމަކަށް ހަދާ މުއިއްޒު ބޮލުން ކަނޑާލާ މާ މާތް މީހަކަށް ވެގަތީއެވެ.
ޕްރައިމަރީގަައި ބަޔަކަށް ވާދަ ނުކުރެވޭ ގޮތަށް ހަދަން އުޅުނީ މުއިއްޒުގެ ވަފާތެރިންނަށް ވާދަނުކުރެވޭ ގޮތަށް ހަދަން އަދުރޭ ކުރިކަމަށް ހަދާ މުއިއްޒު އޮޅުވާލިއެވެ. އެންމެން ޅޮސް އުނދޯއްޔަށް ލިއެވެ.
ވަކި ބަޔަކަށް ވާދަނުކުރެވޭ ގޮތަށް ހެދި ހެދުން ބާތިލުކޮށް އަދުރޭ ހަވަރަށް ދީފާ މުއިއްޒު ބޯ ދަމައިގަތީއެވެ. އަދުރޭ ގުރުބާން ކަންބަޅިއަކަށް ހަދާ ބޭނުން އެންމެނަށް ޕްރައިމަރީގަައި ވާދަކުރެވޭ ގޮތަށް ހަދުމަށް ފަހު މިފަހަރު ވެސް މުއިއްޒުގެ އުބަށް ޖެހުންގަނޑު ކިހާ ސަޅި ހެއްޔެވެ.