ޔާމީނުގެ ތޮބީއަތަކީ ލަނޑު ދިނުމާ އަނިޔާކުރުން

ޖަލުގައި އޮތަސް ވެރިކަމުގައި ހުއްޓަސް ޔާމީނުގެ ކަމަކީ ލަނޑުދިނުން: އިމްރާން

ޔާމީނުގެ ތޮބީއަތަކީ ލަނޑު ދިނުމާ އަނިޔާކުރުން

ރައީސް ޔާމީންގެ ކަމަކީ މީހުންނަށް ލަނޑު ދިނުން ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ. އިމްރާން ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ވެސް އަދި ޖަލުގައި ހުންނަވައިގެންވެސް ރައީސް ޔާމީން ބައްލަވަނީ އެންމެނަށް ލަނޑު ދެވޭތޯ ކަމަށެވެ. 

ތެދުފުޅެކެވެ. ޑރ. ވަހީދު މަގުމަތި ކޮށްލީ ރިޔާސީ ޓިކެޓްގެ ހުވަފެން ދައްކަވައިގެން އެއްމިލިޔަން ޑޮލަރު އަތުލާފައެވެ. ޑރ. ވަހީދު މެދުވެރިކޮށް ޕްރިންސް މުހައްމަދު އަތްޕުޅުން ޔާމީނު ހޯދި ފައިސާގެ ހިސާބެއް ނޭގެއެވެ.

2013 ގައި ރަނިންގ މޭޓްކަން ދީގެން ވެރިކަމަށް އައުމަށް މުޅި ރާއްޖޭގައި ބުރަކޮށް މަސައްކަތް ކުރުވާފައި ވެރިކަން ލިބުމުން އިތުބާރުނެތް ކަމަށް ހަދާ ޑރ. ޖަމީލު ސައްޕުޖަހާ ބޭރުކޮށްލިއެވެ. އެމްއެމްޕީއާރުސީ ހިޔާނާތާގުޅިގެން  ޑރ. ޖަމީލު ގޮވިހާ ކުނިފުޅަ ޖަމީލުގެ އަނގަޔަށް ވައްދާ ޔާމީނުގެ ދިފާއީ ވަކީލަކަށް ހަދާ 2023ގެ ރަނިންމޭޓްކަންދީ ޅޮސް އުދޯއްޔަށް އަރުވާފައި ޕާޓީން ކެންޑިޣޭޓަކު ނުނެރެ ޑރ. ޖަމީލަށް ދިނީ ކެއްސެވެ.

ޕީޕީއެމްގައި ޑރ. މުއިއްޒުގެ މަގުބޫލުކަން އިތުރުވެ ޕާޓީ އަތުލަފާނެތީ ހީލަތްތެރި ކަމާއެކު ޕީޕީއެމުން ޑރ. މުއިއްޒު ބޭރުކޮށްލީއެވެ. ޑރ. ޝަހީމަށް ދީގެން އުޅޭ ކެއްސެއްވެސް ލަހެއް ނުވެ ތިލަވާނެއެވެ.  

ވެރިކަމުގައި ހުއްޓަސް ޖަލުގައި އޮތަސް މީހަކަށް ކެއްސެއް ނުދީ ޔާމީނަށް ލޮލުފިޔަ ނުޖެހެއެވެ. ޔާމީނު ކެހިދިން މީހުންގެ ލިސްޓް ކުރެއް ނޫނެވެ. ވެރިކަމަށް ގެނެސް ދިނުމަށް ހަރަދުކޮށް ބުރަ މަސައްކަތްކުރި ކުރަހާ ނަޖާހާއި އެމްވީކޭ ޝަފީގުމެންގެ ޒަމާން ދުއްވާލީ ކޮންފަދަ އަނިޔާވެރިކޮން ހެއްޔެވެ.  ޑރ. ޝަކީލާއަށް ދިން ކެހި ވަކީން ކުޑައެއް ނޫނުނެވެ. އެންމެ އަރިސް މިތުރު ނަމިރާ ނާޒިމަށް ދިން އަނިޔާ ދުވަހަކު ހިތަކުން ނުފިލާނެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމް ޖަލުގޮޅިގައި ބާއްވައިގެން ދިން އަނިޔާގެ ވާހަކަ އަކީ އަސަރުހުރި ވާހަކައެކެވެ. ކުރީގެ ޕީޖީ މުޖުތާޒު މުހުސިނާއި ގާޒީ ނިހާނު މަތިން ހަނދާން ނެތޭނެ ހެއްޔެވެ. އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާޙިމްގެ މަގާމު ގެއްލުވާލި ހުތުރު ގޮތާއި ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަހުމަދު ފާއިޒުގެ މަގާމު ގެއްލުވާލީ ކޮންފަދަ ގޮތްކުޑަ ގޮތަކަށް ހެއްޔެވެ. 

ކާނަލް ނާޒިމު ފްރޭމްކޮށް ޖަލު ގޮޅިއަށް ވައްޓާލާ ދިން އަނިޔާގެ ވާހަކަ އައު ކުރާކަށް ނެތީމެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ފްރޭމް ކުރުމާ އުއްތަމަ ފަނޑިޔާރު އަބްދުއްލާ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބަނޑު ބިންމަތީ ޖައްސާ އުލުބޭންދި އަނިޔާވެރި ގޮތް ސިފަވާ ކަހަލައެވެ. 

މޭޑޭ އަބްދުއްލާ ރަޝީދުގެ މަރާއި ޝައިހު އިމްރާނަށް ޖަލުގައި ދެއްކި ހަސްކާގެ ވާހަކަ އިތުރަށް ދެއްކުމެއް ނެތެވެ. ފިނިފެންމާ ޑްރާމާގައި ގުރުބާންކުރި ސަލާމަތީ ބާރުގެ ސިފައިނަށް ދިން އުގޫބާބާތް ބަޔަކު ހަނދާން ނެތިދާނެއެވެ، 

ޔާމީނު އަމިއްލައަށް އިސް ނަގައިގެން ދައުލަތް ދަވާލަން ރާވާ އެ މަގަށް ކަންކަން ބައްޓަންކޮށް ބައި އަޅައިގެން ބިލިޔަން ބިލިޔަނުން ދައުލަތް ދަވާލުމަށްފަހު އެކަން ކުރުވަން ހަވާލުކުރި އިސް ދެމީހުން ކަމަށްވާ އަދީބާ ޒިޔަތަށް ޖެއްސި ހާލު އެހުރީ ފެންނާށެވެ. 

އާރާބާރު ހޯދާދިން ބަފާ ފަދަ ތުއްތު ދޮންބެ މައުމޫނާއި އޭނާގެ ދަރި ފާރިސާއި ނަދީމަށް ނުދެނީ ކޮން އަނިޔާއެއް ހެއްޔެވެ. މައުމޫނަށް އަތްގާތްކޮށްދޭން އުޅުނު މައުސޫމް ކުދިންނާއި ކާރު ޑްރައިވަރަށް ދާންދެން ޖަލަށް ލައިގެން ތެޅުވީ ލަދެއް ހަޔާތެއް ނެތިއެވެ. 

މުއްސަދިކަމާއި ދަހިވެތި ކަމާހުރެ ޒަމާނުއްސުރެ ޔާމީނާ ހަސަދވެރި ހަތުރެއް ކަމަށް ޔާމީނު ދެކޭ ގާސިމް އިބްރާހީމަށް ޖެއްސި ހާލުގެ އިތުރަށް އޭނާގެ ދަރިފުޅަށް ޖަލުގައި ނުދެނީ ކޮން އަނިޔާއެއް ހެއްޔެވެ. ރައީސް ނަޝީދުގެ ބަންދުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އަނެއްކޮޅުން ރައްޔިތުން އިންތިހާބު ކޮށްފައިތިބި މެންބަރުން ފާރުމަތިން އުކާލާ ޖަލަށްލާ ގޮނޑިގެއްލުވާލި އަނިޔާވެރި ގޮތް އިމްރާނު އެ ވިދާޅުވާ ވާހަކަފުޅުގެ ހެއްކަކަށް ފުދެއެވެ.