ގާނޫނަށްވުރެ މަތީގައި މީހުންނަކަށް ނުތިބެވޭނެ: އަސްލަމް
ކޮންމެ މީހަކަސް ޖެހޭނީ ގާނޫނަށް ބޯލަނބަން
އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ނިންމައިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ނުގެންނަވާނެ ކަމަށް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ ރައްދު ދެއްވައިފިއެވެ. މަޖިލީހުގެ ކޮމެޓީތަކަށް ބަދަލު ގެނައުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުމުން އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް މަޖިލިސްގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ހީރަސް ނިއުސް އިން އެކަމާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އައްޑޫ ހިތަދޫ އުތުރު ދައިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ބަދަލުތައް މަޖީލީހުން ގެނެސް ދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ. މަޖިލީހުގެ ގަވައިދުގައި ވަކި ގޮތަކަށް ކަނޑައެޅިފައި އޮތްކަމެއް އެ ގޮތަށް ކުރައްވަން މަޖިލީހުގެ ރިޔާސަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލިސްގެ ރައިސް ނަޝީދަށް ޖެހިވަޑައިގަންނަވާނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅުއްވި ގޮތަށް ކޮމެޓީ ތަކަށް ބަދަލު ގެނެސްދެއްވަން ކަމަށް ވިދާޅުވަމުން އަސްލަމް ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި މީހުންނަކަށް ނުތިބެވޭނެ ކަމަށެވެ. ކޮންމެ މީހަކަސް ޖެހޭނީ ގާނޫނަށް ބޯލަނބަން ކަމަށް އޭނާ ވިދާޅުވިއެވެ.