ތުޅާދޫ ހިޔާވަހި ކަމަށް ބޮޑުލުޔެއް

ޖުލައި 15 ގައި 100 ހައުސިން ޔުނިޓް ނިންމާ ހަވާލުކުރާނެ

ތުޅާދޫ ހިޔާވަހި ކަމަށް ބޮޑުލުޔެއް

ބޯ ހިޔާވަހި ކަމުގެ ދަތިކަން ޒަމާނުއްސުރެ އެންމެ ބޮޑަށް ތަހައްމަލު ކުރަމުން އައި އެއްރަށަކީ ބ. ތުޅާދޫއެވެ. ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން ތުޅާދޫ އެކަހެރިއެއް ނުކުރައްވައެވެ. ކުރީން ދެފަހަރެއްގެ މަތީން 50 ހައުސިންގ ޔުނިޓް ތުޅާދޫގައި އަޅާދީފައި ހުއްޓަސް އެކަމުން މާ ބޮޑު ލުޔެއް އެރަށު ރައްޔިތުންނަކަށް ނުލިބެއވެ. 

ރައީސް ސޯލިހުގެ ހެޔޮ ވެރިކަން ފެށުމާއެކު ހިޔާވަހިކަމުގެ މަޝްރޫއެއް ތުޅާދޫގައި ހިންގަވަން ފެއްޓެވިއެވެ. 100 ހައުސިންގ ޔުނިޓް މަޝްރޫއެކެވެ. ކޮންމެ ހައުސިންގ ޔުނިޓަކީ 1000 އަކަފޫޓް ބޮޑު މިނުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓެކެވެ.

ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް ވެސް ތުޅާދޫ ކައުންސިލުން ގެންނަން އެދުނު ބަދަލުތައް ހައުސިން ޔުނިޓްތަކަށް ގެނެސްގެން މުޅި މަސައްކަތް އެ ވަނީ ނިމުމަކަށް ގެނެސްފައެވެ. މިހާރު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.

ތުޅާދޫގައި ބިނާކުރި 100 ހައުސިންގ ޔުނިޓްގައި އެހެން ތަފާތު ކަމެއްވެސް އެކުލެވިފައިވެއެވެ. ތުޅާދޫ ހައުސިންގ ޔުނިޓް ތަކަކީ ފޯމްވޯކް ސިސްޓަމަށް ރާއްޖޭގައި ކުރެވޭ ފުރަތަމަ މަސައްކަތްކަމުގައި ވާކަމެވެ. ފޮމް ވޯކް ޓެކްނޮލޮޖީއަކީ އިމާރާތް ކުރުމުގައި ރާއްޖެއަށް ވަރަށް އައު ޓެކްނޮލޮޖީއެކެވެ. 

ތުޅާދޫ 100 ހައުސިންގ ޔުނިޓް ޖުލައިމަހުގެ 15 ވަނަ ދުވަހު މަސައްކަތް މުޅިން ނިންމާ ހަވާލުކުރާނެ ކަމުގެ ޔަޤީންކަން ކޮންޓްރެކްޓަރ ދެއެވެ. ބޯހިޔާވަހި ކަމުގެ މައްސަލަ އިންތިހާއަށް ބޮޑު ތުޅާދޫއަށް މިއީ ކޮންމެވެސް ވަރެއްގެ ހައްލެކެވެ. ނަމަވެސް މިއީ މުޅިން މައްސަލައިގެ ހައްލެއް ނޫނެވެ. އެގޮތުން އިތުރު ފަންސާސް ހައުސިންގ ޔުނިޓަށް ބިން ކަނޑައަޅާފައި ވެސް ތުޅާދޫގައި އެބަ އޮތެވެ. އެ ކަމަށްވެސް ކުރަން ހުރި ކަންކަން އަންނަނީ ކުރެވެމުންނެވެ.

ތުޅާދޫގައި ސަރުކާރުން އަޅާ ނިންމަމުންދާ ހައުސިންގ ޔުނިޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ހައުސިންގ ޔުނިޓް ތަކެކެވެ. ހައުސިން ޔުނިޓްތަކަކީ ގޯތި ތެރޭގައި ވެސް ޖާގަ އޮންނަ ގޮތަށް ފަރުމާކޮށް ނިންމަމުންދާ ހައުސިންގ ޔުނިޓް ތަކެކެވެ. ތުޅާދޫ ކައުންސިލާ ހައުސިންގ މިނިސްޓްރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.