އަންނިގެ ސިޔާސީ ސުއިސައިޑް
"ޝައިތޯނާ" ވެސް ރައީސް ނަޝީދާ އެކުގައި ހުރިއްޔާ އެއީ ބަތަލެއް
ރައީސް ނަޝީދަށް ބައެއްގެ ތާއީދު ނެތްކަމަށް ބުނުމަކީ ހެދޭނެ އެންމެ ބޮޑު އެއް ދޮގެވެ. ސިޔާސީ ލީޑަރުންނަށް ތާއީދު ކުރާ މީހުންނާ ޒާތަކަށް އީމާންވާ މީހުން އުޅޭނެއެވެ. އެއީ އިންސާނީ ތޮބީޢަތެވެ. ރައީސް މައުމޫން އެ ހުންނެވީ އެ ދެބައިވެސް ލިބި އެ ދުވަސް ނިމި ދުވަސް ގޮސްފައެވެ.
މީހަކަށް ތާއީދު ކުރާ މީހުން މިބުނި ބީދައިން އޭނާއަށް އީމާންވާ މީހުންނަށްވުރެ ގިނަ ވާނެއެވެ. ތާއީދު ކުރާ މީހުން ތާއީދު ކުރާނީ އަމިއްލަ ލޮލުން ބަލަމުން އަމިއްލަ ސިކުނޑިން ވިސްނަމުންނެވެ. ނަތީޖާ އަކީ އެމީހާ އުޅޭ ގޮތާ ބުނާ ބަހާ ކުރާ ކަންކަމުން ކުރިން ކުރި ތާއީދު ގެއްލި ދެއެވެ.
ނަމަވެސް އެއްކަލަ މިބުނި ގޮތަށް އީމާންވި މީހުންނަށް ވިސްނި ފެނި އަޑު އިވޭނީ އީމާންވިމީހާ އެހިނދަކަށް ކުރާ ކަމަކާ ބުނާ ބަހަކާ އޭނާ ވިސްނައިދިން އެއްޗެކެވެ. އޭނާގެ އަމިއްލަ ސިކުނޑި އާ އަމިއްލަ ލޮލާ ކަންފަތަކީ ނެތް އެއްޗިހި ފަދަވާނެއެވެ. އެގޮތަށް އީމާން ވީމާ ކުރާނީ ހުސް ރަނގަޅު ކަންކަމެވެ. ބުނާނީ ހުސް ހެޔޮބަހެވެ. އަދި އޭނާގެ ފުށުން ފެންނާާނީ ހައްތާވެސް ހެޔޮ ކަންކަމެވެ.
އިންސާނުން ނަކީ މަރުގަންނަވަންދެން މި ހާލެއްގައި އުމުރު ތުނި ކުރާ ބައެކެވެ.
ނިމި ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ބަސްމަގު ހުރީ އިދިކޮޅު ޕީޕީއެމާ ދާދި ގާތުގައެވެ. އީމާންވި އެއްކަލަ މީހުންނަށް އެގޮތް އޯކޭއެވެ. އެކެމްޕޭންގައި ރައީސް ނަޝީދާ އެއްކޮޅަށް މަރުދީ އުޅުނު އެއް ބަޔަކީ ޕީޕީއެމް އެކްޓިވިސްޓުންނާ އެމީހުންގެ ނޫސް މީޑިއާ ތަކެވެ. އެނގި ތިބެ އެކަން ވެސް އޯކޭއެވެ.
ރޮޒޭނާ އާއި ތަސްމީނާއި އަލީ އާޒިމާއި "ޝައިތޯނާ" ވެސް ރައީސް ނަޝީދާ އެކުގައި ތިބިތަ އެއީ ބަތަލުންނެވެ. ދުރަށް ޖެހިލާ އިރަށް އެވަރުގެ ނުބައި ބަޔަކު ނެތެވެ. ކައިރީގައި ހުރިއްޔާ އެއީ ރަނގަލު ހުސްކުރި ފަސްމީރު ކުރިރުުކުގެފާނެެކެވެ.
ގާސިމާއި އިމްރާނާއި މައުމޫނަކީ ބަޣާވާތުގެ އަހުލު ވެރިންނޭ އެ މީހުންނާ ކޯލިޝަން ހެދީ އޭ ބުނެ ބަހަނާ ނުދައްކާށެވެ. އެއެންމެންނާ ރައީސް ނަޝީދު ޖަލުގައި ތެޅުވި އެންމެންގެ މުއްލާ އަކަށް ހުރީ ރައީސް ޔާމީނެވެ. ތިޔަ ބުނި އެންމެން ފައްޗަކަށް އަމުނައިގެން ގެނެސް ރައީސް ސޯލިޙްގެ ކަރުގައި ކޯލިޝަންގެ ހާރު އެޅުވީ ރައީސް ނަޝީދެވެ. އެކަމަކު ޕްރައިމަރީ ދުވަސްވަރު އެންމެންގެ ބޮސް ޔާމީނު ރައީސް ނަޝީދަށް އޯކޭވީމާ އެއްކަލަ ބާވަތަށް އީމާންވި މީހުން އެތިބީ ވިދާޅުވިޔަތީ އޯކޭ ވެގެންނެވެ. އަމިއްލަ ސިކުނޑިއެއް ލޮލެއް ކަންފަތެއް ނެތް ފަދައެވެ.
އެމްޑީޕީ އުފެދިގެން އެންމެ ފުރަތަމަ ކުރި ކަމަކީ ލާއިންސާނީ އަނިޔާ ނައްތާލުމެވެ. އެމްޑީޕީ އުފެދުނު ފަހުން އެންމެނަށް އަނިޔާކުރި ހުރީ އެންމެ މީހެކެވެ. އެއީ ރައީސް ޔާމީނެވެ. ޕީޕީއެމާ ރައީސް ޔާމީނާ އޯކޭ ނުވާ އަދި ނުވެސް ވާނެ ކަމަށް ވިދާޅުވާ ހަމަ އެކަނި ލީޑަރަކީ ރައީސް ޞޯލިޙެވެ.
ޕްރައިމަރީގެ ތެރޭގައި ރައީސް ޞޯލިޙް އެހެން ވިދާޅުވީ ވެސް އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދަށް ޔާމީނު އޯކޭވިލެއް ބޮޑުކަމާ އަވަސް ކަމުންނެވެ. ތާއީދު ކުރާ މީހުންނަށް އެވަރު އެނގުަނަސް އީމާންވީ މީހުން ގޮވާނަގަނީ އަވަހަށް ޕާޓީއެއް ހަދާ ވަކިން ވާދަ ކުރުމަށެވެ.
ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމަކީ މިފަހުން ރައީސް ނަޝީދުވީ 5 ވަނަ ބައްޔެވެ. ޑިމޮކްރަސީއަކީ މޮޅުވާ މީހާ ފަހަތަށް ބަލިވާ މީހާ އެރުމޭ އެންމެ ބާރަށް ގޮވީ ރައީސް ނަޝީދެވެ. ތިމާ ބަލިވީމާ އެއޮތީ ޑިމޮކްރަސީ ބަލިވެފައެވެ. ބަލި ގަބޫލު ނުކުރާ ޑިމޮކްރެޓް އެހުރީ އަމިއްލަ ޕާޓީ ހަދަން އެއް ރޮއްޖަކަށް ފޫގަޅާފައެވެ.
އެމްޑީޕީން ވަކި ނުވެ އަންނި ހުރުމުގެ މާނަ އެނގޭ ހެއްޔެވެ؟ މިހާރު އެބަލަނީ ވަކިން ވާދަ ކުރަން ގޮވާ އީމާންވި މީހުންގެ އަޑު ވައިގެ ހިފާ އާޕާޓީއަށް މީހުން ސޮއިކުރާ ވަރެއް އަޖުމަ ބެލުމެވެ. ނަތީޖާ ރަނގަޅިއްޔާ މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދިނުމަށް ފަހު ވާނެ އެއްޗެއްވާން އަމިއްލައަށް ވަކިން ކުރިމަތި ލާނެއެވެ. އެހެން ނޫނީ ކައިރީގައި ތިބި އެންމެން ލައްވަ އިސްތިއުފާދީ މަގުމަތި ކޮށްފައި އަންނި ހުންނާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުގެ އިއްޒަތާ އިނާޔަތާ ޙިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ ބޮޑު މޮޓޮކޭޑްގައި މަގުތަކުގައި ދުއްވާށެވެ،
މިހާރު ގަންނަހާ ގަނޑެއް އެ ގަންނަނީ ކޮންމެހެން ހޮވޭކަށް ނޫނެވެ. ބަޔަކު ގަޅަ ހައްދައިގެންވެސް އެޖަހަން އުޅޭ ސުއިސައިޑް އެޓެމްޕްޓަކީ ރައީސް ޞޯލިހަށް ދެވަނަ ދައުރެއް ނުދޭން ހިތުގައި އޮތް އަދާވާތް ތެރިކަމާ ނަފްރަތެވެ. ޕްރައިމަރީން ބަލި ވުމުން ޖަހާ ހުރިހާ ސަކަރާތެއް އެޖަހަނީ އެ ބޭނުމުގައެވެ.