ނޫސްވެރިކަމަށް މުޢިއްޒު ދިން ފުރަތަމަ ހަމަލާ އަފްސަލަށް

ދައުލަތުގެ މީޑިއާ ކިތަންމެ ސިޔާސީ ވިޔަސް ނޫސްވެރިންނަށް ކުށަކާ ނުލާ ކުރިން އެއްވެސް ފިޔަވަޅެއްނާޅާ

ނޫސްވެރިކަމަށް މުޢިއްޒު ދިން ފުރަތަމަ ހަމަލާ އަފްސަލަށް

ޕީއެސްއެމްގެ ތަޖުރިބާކާރު މަސްހޫރު ނޫސްވެރިޔާ މުޙައްމަދު އަފްސަލް މަސައްކަތުން އެއްފަރާތް ކުރައްވައިފިއެވެ. 28 ނޮވެންބަރ 2023 (އިއްޔެ) ގައި އަފްސަލް ނޫސްވެރިކަމުން އެއްފަރާތް ކުރެއްވީ ރައީސް މުއިއްޒު ޕީއެސްއެމަށް އަލަށް އައްޔަނު ކުރެއްވި އެމްޑީ ޒީނާ ޒާހިރުއެވެ. ޕީސީބީން މަގާމްގެ ލިޔުން ލިބި ވަޑައިގަތުމާއެކު ޒީނާ ޒާހިރު ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ހޯއްދެވި މަސްވަރާއެއް ހޯއްދަވައިގެން ޕީއެސްއެމަށް ވަޑައިގެން ފުރަތަމަ ކުރެއްވިކަމަކީ އަފްސަލް މަގާމުން އެއްފަރާތް ކުރެއްވުމެވެ. ޒީނާ އަދި އޭރު ރަސްމީކޮށް ނިކުމެވަޑައިނުގަންނަވައެވެ. ޒީނާ ރަސްމީކޮށް އޮފީހަށް ނިކުމެ ވަޑައިގަތީ މިއަދުއެވެ.

ޒީނާއަށް ވެރިކަމެއް ލިބުމުން މަސައްކަތުން އެކަހެރި ކުރެއްވި މުހައްމަދު އަފްސަލަކީ ދައުލަތުގެ މީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި ވިހި އަހަރަށްވުރެ ގިނަދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. 2009 ވަނަ އަހަރުން ފެށިގެން ނިއުސް އެޑިޓަރެއްގެ ގޮތުގައި ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރައްވާ އަފްސަލް މަސައްކަތްތަކުން އެއްފަރާތް ކުރެއްވީ ނިއުސްރޫމްގެ އިންޗާޖަކަށް ހުންނަވަނިކޮށެވެ. 

ނޫސްވެރިޔާ އަފްސަލަކީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާ ތަމްރީނު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާއިން އަފްސަލް ހޯއްދެވި ތަމްރީނާއި ތަޢުލީމްގައި ދައުލަތުގެ މީޑިއާގެ ދައުރު ބޮޑެވެ. ދައުލަތުގެ މީޑިއާއިން ތަމްރީނުކޮށްފައިވާ އަފްސަލް ފަދަ ތަޖުރިބާކާރު ނޫސްވެރިން ހިދުމަތުން އެއްފަރާތްކުރުމަކީ ދައުލަތަށާއި މުޅިގައުމަށް ވެވޭ ހިޔާނާތެކެވެ. 

އަފްސަލްގެ ނޫސްވެރިކަމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ގައުމަށް ލިބިފައިވެއެވެ. ނޫސްވެރިން ބިނާ ކުރުމުގައިވެސް އަފްސަލްގެ ދައުރު ކުޑައެއް ނޫނެވެ. ނޫސްވެރިކަމުގެ ސިޔާސަތާއި އަޚުލާގީ މިންގަޑު ކަނޑައެޅުމާއި ނޫސްވެރިކަމުގެ އެތިކްސް ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތް ތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

ފޮޓޯ: ސަން.އެމްވީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެވަނަ ދައުރުގައި ދައުލަތުގެ މީޑިއާ ތަމްސީލުކުރެއްވީ ވެސް އަފްސަލްއެވެ. މީޑިއާ ކައުންސިލުން މިހާރު ދެމުންގެންދާ ނޫސްވެރިކަމުގެ އެވޯޑްއަކީ އަފްސަލްގެ އިސްނެންގެވުމެއްގެ ތެރޭން ތައާރަފް ކުރެވުނު އެވޯޑެކެވެ.   

ނޫސްވެރިޔާ ޒީނާ ޒާހިރު ނޫސްވެރިކަމުގެ ކުޑައިގެ ދަށުގައި ހުންނަވައިގެން ތަޖުރިބާކާރު ހިދުމަތްތެރި ނޫސްވެރިއަކަށް ދެއްވި ހަމަލާއަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެއްވި ހަމަލާއެކެވެ. 2008 އިން ފެށިގެން މިވީހާތަނަށް އެކިވެރިކަންތައް ބަދަލުވެ ދައުލަތުގެ މީޑިއާގައި ކިތަންމެ ބޮޑަކަށް ސިޔާސީ ކުލަޖެހިގެން ދިޔަ ނަމަވެސް އެ މުއައްސަސާގައި ތިއްބެވި ނޫސްވެރިންނަށް ވެރިކަން ބަދަލުވުމާއެކު ކުރި ކުށަކާ ނުލާ އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ. 

ރައީސް މުއިއްޒުގެ ކޮންޓްރޯލަށް ދައުލަތުގެ މީޑިއާގެނެސް ޕޮރޮޕަގެންޑާ މެސިނަކަށް ދައުލަތުގެ މީޑިއާ ބަދަލުކުރެއްވުމަށް މަސައްކަތް ފައްޓަވާފައިވާކަން އަފްސަލް އެއްފަރާތް ކުރުން ހެކިދެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ތަފާތު ފިކުރަށް ޖާގަ ދިނުން މުޢިއްޒު ސަރުކާރުގައި ނެތްކަން މިދަނީ ކަށަވަރުވަމުންނެވެ.