މަގޭ ސޯލަރ - މަގޭ ޖީބު

ދިވެހީންގެ ރާއްޖޭގައި ތިމާވެށީގެ ބިރުވެރިކަމެއް ނެތް

މަގޭ ސޯލަރ - މަގޭ ޖީބު

ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ވާހަކައަކީ އައުވާހަކައެއް ނޫނެވެ. ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ސޯލާ ޕެނަލް ހަރުކުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ "ހަފްތާ 14"ގައި އެކަނި އޮތްކަމެއް ނޫނެވެ. 

ތިޔަ ޖަހަން އުޅެނީ ކޮން ސަކަރާތެއްކަން އޮޅިގެން މީހުންނަކަށް ނޫޅެއެވެ. ގޭ ބިސީތަކުން ކަރަންޓަށް ކުރާ ހޭދަކުޑަކުރުމުގެ ވިސްނުމެއް ހުރިނަމަ ހުޅުމާލޭ ހައިވޭގެ އަރިމަތީގައި އެތައް މިލިޔަނެއް ހަރަދުކޮށްގެން ވޯލްޑް ބޭންކުން އެ އަޅަމުންދާ ސޯލަރ ޕެނަލްތައް އެތަނުން ނަގާ އެހެން ރަށަކަށް ބަދަލު ކުރާނެ ވާހަކައެއް ޑރ. މުޢިއްޒު ނުދެއްކެވީހެވެ. މާލެސަރަހައްދުގެ ކަރަންޓަށް ބޮޑު ލުޔެއް ލިބޭގޮތަށް ތަރުތީބު ވެގެން ކޮށްފައިވާ ސޯލަރ ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއެއްގެ މަސައްކަތް ނިމިނިމި ހުއްޓާ ވިއު ގެއްލޭތީއޭ ކިޔާފައި އެހެން ތާކަށް ބަދަލު ކުރާނެ ވާހަކައެއް ނުދެއްކެވީހެވެ. ދުނިޔޭގެ ފެންވަރުގައި ކިތަންމެ ރަނގަޅަށް ކޮށްފައި އޮތްކަމެއް ވެސް މުއިޒުނުވެ ކަމުނުދަނީތާއެވެ. 

ވާނީ އެހެން ނޫން ހެއްޔެވެ. މާލޭން ހުޅުމާލެއަށް މީހުން ބާރު ސްޕީޑްގައި ދަތުރު އެކުރަނީ އެހިސާބު ގަނޑުގެ ވިއު ބަލަން ވިއްޔާއެވެ. އަމްދަކުން ހަލިމަގުގެ އަރިމަތީ އެހުރި ސޯލަރ ޕެނަލްގެ ދާއިމީ ހަރުތަކުގެ ސަބަބުން ނުފެންނަ ވިއުއެއް އެ ހަރުތައް ނެގުމަކުން ވެސް އެތާކުން ނުފެންނާނެއެވެ. 

ދައްކަން މިއުޅެނީ ހަލިމަގުގެ ވިއުގެ ވާހަކައެއް ނޫނެވެ. މިއަދު އިފްތިތާޙުކުރި މާވަރުގަދަ " މަގޭ ސޯލާ" އެއްގެ ވާހަކައެވެ. ފާޑުފާޑުގެ ނަންނަމުގައި ކަންކަން ތިޔަ ފަށަނީ ކިހާވަރެއްގެ ދިރާސާއެއްކޮށް ފައިހެއްޔެވެ. ކުރިން އެބާވަތުގެ ކަމެއް ބަޔަކު ކުރިތޯއާއި އެކަން ވެގެން ދިޔައީ ކިހިނެއްކަން ކުޑައިކޮށްވެސް ބަލާލީމު ހެއްޔެވެ. 

ވެރިކަމަށް ދެހަފްތާ ނުވަނީސް " ހަފްތާ14" އޭކިޔައިގެން ތިޔަ ޖަހަން ފެށި ސަކަރާތަކީ ދުނިޔޭގެ ޖަމްއިއްޔާ ތަކުން އެންމެ ފަސޭހައިން ހިލޭ ފައިސާ ލިބެނީ ތިމާވެއްޓާ ގުޅުންހުރި ތިޔަ ބާވަތުގެ ކަންކަމުންކަން ކުޑަކުދިންނަށް ވެސް މިހާރު އެނގޭނެއެވެ. އަވަސް މަގަކުން ފައިކޭޓަށް ލާރިކޮޅެއް އަޅާލެވެން އޮތް މަގަކީ ތިޔައީއެވެ. ބާރަށް ކުރިއަށް ދާށެވެ. 

އެކަމަކު ބުނަން ހެއްޔެވެ. ދިވެހީންގެ ރާއްޖެއަކީ ދުނިޔެ ހޫނުވުމާ ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ތިމާވެށީގެ އެއްވެސް ބިރުވެރިކަމެއް ނެތް ތަނެއްކަމަށް ރައީސް އޮތީ ދުނިޔޭގެ މީޑިއާގައި ވަރަށް ސާބިތުކަމާއެކު ވިދާޅުވެފައެވެ. އެކަން މުޅި ދުނިޔޭގެ ތިމާވެއްޓާ ބެހޭ ޖަމްއިއްޔާ ތަކަށާއި ސަރުކާރުތަކަށް އެނގެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ދިޔުމުގެ ފުރުސަތު ނެތްކަމަށް ގައުމުގެ ވެރިމީހާ ބުނީމާ އެކަމުން ގައުމު ސަލާމަތް ކުރުމަށް އެއްޗެއް ދިކޮށްލާނެ ބަޔަކު ނެތެވެ. ގޮސް ރޮއެ އާދޭސް ކުރީމާ ސަލާން ޖަހާ ކުދިންނަށް ހަތަރު އަނާއެއް ދޭހެން ބަޔަކު ފަހަރެއްގައި އެއްޗެއް ދިއްކޮށްލަފާނެއެވެ. ކަމަކަށްވާ ކަހަލަ ކަމެއް ނުކޮށްދޭނެއެވެ. 

" މަގޭ ސޯލަރ" ނަމުގައި އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް މަޝްރޫއެއް ފެށި އިރު އަވިހަކަތަ ޕްރޮގްރާމެއް ހިންގަން ސްޓެލްކޯއިން ފަށަފައިވާ ވާކަން އެނގޭ ބާއެވެ. ގޭގޭގެ ފުރާޅު ކުއްޔަށް ހިފައިގެން ފުރާޅުގައި ސޯލަރ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފެއްދުމަށް އެ ކުންފުނިން ހިންގި ޕްރޮގްރާމަށް ލިބުނު ތަރުހީބަކާއި އެކަމުން ނިކުތް ނަތީޖާއަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރެވުނު ހެއްޔެވެ. ހަމަ ތިބެފައި ހަކަތައޭ ހަފްތާ ސާދައޭ މަގޭ ސޯލާއޭ ކިޔާ ތެޅިގަތަކަސް ކަމަކުނުދާނެއެވެ.