އަބުރު ކަތިލައިގެން އަންނި ބޭނުންހާކަމެއް ނުވާނެ
މަވޯޓާ ޝަރީފްގެ އަބުރު ކަތިލީ ހަގީގަތެއް ނެތް ދޮގުތުހުމަތެއް އުފައްދައިގެން.
އަންނިގެ ޖިސްމެއް ނުވާ ހިޔާލީ ހަށި ހަސަނު ކުރުސީއެވެ. މީހުންގެ ދުލުގައި ހިފާ ދަމަން ނޫޅޭށެވެ. އެމްޑީޕީ ފެށިގެން އައި އިރު ބިރުކަނޑާލާފައި އިސްކޮށް ހަރަކާތްތެރިވި އެންމެންހެން ކުރުސީއަކަށްޓަކާ ކަތިލީ އަންނި ނޫން ދެވަނަ މީހެއް ނޫނެވެ. މަރަދޫ ދައިރާގެ މެންބަރ އިބްރަހީމް ޝަރީފަކީ އެގޮތަށް ކަތިލެވުނު ކަން ބަޅިއަކަށް ހަދާލީ ވަރަށް ބޮޑަށް ރޭވިގެންނެވެ. ޕާޓީ އަންނިގެ މުށުތެރެއަށް ގެންދިޔުމަށް ޕާޓީގެ ތެރޭގައި ބަސްވިކޭ އަޑުގަދަ އެންމެން ބޭރުކުރުމުގެ ހީލަތްތެރި ރޭވުމުގެ ތެރެއިންނެވެ.
އައްޑޫ ޝަރީފަކީ މެންބަރުންގެ މެދުގައި މަގުބޫލު ދޫފަސޭހަ ބޭފުޅެކެވެ. ޝަރީފްގެ ތަގުރީރަކާ ނުލާ ހަރުގެ ޖަލްސާއެއް ކަންމަތީ ބައްދަލުވުމެއް ނުބޭއްވެއެވެ. ރަށް ރަށަށް އެމްޑީޕީ ތައާރަފް ކުރަން ކުރިއެއްވެސް ދަތުރެއް މަވޯޓާ ނެތި ނުކުރެއެވެ. އިންތިހާ ދަރަޖައަށް ޕާޓީގެ ތެރޭގައި ޝަރީފްގެ މަގުބޫލު ކަން ބޮޑުވެ އަންނިއަށް ހުރި ނުރައްކަލަކަށް މަވޯޓާ ވާހެންހީވެ ޝަރީފްގެ ދުވަސް ދުއްވާލާނެ ދަނޑިވަޅަކަށް އަންނި ހުރީ ބަލަބަލައެވެ.
ބޭނުންވި ދަނޑިވަޅު ލިބުނީ ގާނޫނު އަސާސީ ތަސްދީގު ނުކޮށް ދިގުލާކަމަށް ބުނެ ރައީސް މައުމޫނާ ދެކޮޅަށް މުޒަހަރާ ކުރަން ރަށްރަށުން މީހުން ގެންނަން މަސައްކަތް ފެށި ހިސާބުންނެވެ. ގާނޫނު އަސާސީ ތަސްދީގު ކުރުމަށްވުރެ ބޮޑަށް ބޭނުންވީ ރަށްރަށުން މީހުންގެނުވައިގެން އެމީހުން ލައްވާ ނޭއްގާނި ހަރަކާތްތައް ހިންގާ ސިފައިންލައްވާ ބަޔަކަށް އަނިޔާކޮށް ގިނަ ބަޔަކު ޖަލަށް ފޮނުވުމެވެ. މުޒާހަރާގެ ތެރެއިން ބަޔަކު މަރާލާ މައުމޫނުގެ އަނިޔާވެރިކަމުގެ ސިފަ ބައިނަލްއަގުވަމީ ދުނިޔެއަށް ދެއްކުމެވެ.
ގާނޫނު އަސާސީ މަގުމަތިން ތަންފީޒު ކުރުވާނަމުގައި ރަށްރަށުން މީހުން ގެނަސް ގިނަބަޔަކު އެ ބަހަނާގައި ގުރުބާން ކުރަން ޕާލަމެންޓްރީ ގްރޫޕަކަށް އެއް ބަހެއް ނުވެވުނެވެ. ކަމާ ޖެހުނީ އެ ހިސާބުންނެވެ. ޕާލަމެންޓްރީ ގްރޫޕް އޮފީހަށް ބަޔަކު ފޮނުވާ ހަމަ ނުޖެހުން ހިންގާ މަވޯޓާ ޝަރީފްގެ އަބުރު ކަތިލާ ނިންމާލީ ހަގީގަތެއް ނެތް ދޮގުތުހުމަތެއް އުފައްދައިގެންނެވެ.
މަވޯޓާ ޝަރީފްގެ އަބުރު ކަތިލާ ޕާޓީން ބޭރުކޮށްގެން ވެސް އަންނި ހާސިލުކުރަން އެ ދުވަހު ބޭނުންވި މަގުސަދެއް ހާސިލެއް ނުކުރެވުނެވެ. އައްޑު އަތޮޅު ފޭދޫން ފުރައިގެން އައި ނަމޫނާ ދޯނި ނޫން ބަޔަކު އެއްވުމަކަށް އަންނާކަށް ނުފުރައެވެ. ނަމޫނާ ދޯނީގައި އައްޑޫން ފުރައިގެން އައީ އޭރު އައްޑޫގާތިބި އަމީން ފައިސަލާއި އައްބާސް އާދިލު ރިޒާއާއި އައިސީ ގެ ރޭވުމަކުން ވިއްސަކަށް މީހުންނެވެ.
ޖިންސީ ގޯނާގެ ތުހުމަތު ޝަރީފް ބޮލުގައި އަޅުވާ ޕާޓީން ބޭރު ކޮށްލީ ކީއްވެކަން ދަންނަ މީހުން އަދި ތިބީ ދިރި ދުނިޔޭގައެވެ. ވާނުވާ އެމީހުނަށް އެނގެއެވެ. އެކަމަކު އަނެއްކާ ވެސް ހަސަނު ކުރުސީގެ ނަމުގައި އަންނި މީސް މީހުންގެ އަބުރު ނަގަލައިގެން ކުރަން ތިޔަ އުޅޭ ކަމެއް ދެނެއް ނުކުރެވޭނެއެވެ.