އަންނަ އޮކްޓޯބަރ އަށަކަށްފަހު ރާއްޖެއަށް ވާނީކިހިނެއް!
މުއިއްޒު އުޅެނީ އޮތްހާލަތު ނެތްހާލަތަކަށް ހަދާ އޮޅުވާލަން
އަދިވެސް ހަމަ ފުއްޕަނީހެއްޔެވެ. ޖެހިފައި ތިބި ހާލު އަދިވެސް ކުޑައީ ހެއްޔެވެ. ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ނެތަސް އާނދޮގޭއޭ ކިޔާ މޭފުއްޕަނީ ކޮންބައަކު ބިރު ގަންނާނެ ކަމަށް ހެއްޔެވެ. ސައިޒަށްވުރެ ފުޅާވާން އުޅެން ހަދައިގެން އުފުލަން ޖެހިފައި އޮތް ތަކުލީފް އަދިވެސް ކުޑައީ ހެއްޔެވެ. ވެރިކަމެއް ލިބުމުން ދިވެހި ރައްޔިތުނަށް ޑރ. މުއިއްޒު އުޅެނީ ކިހިނެއް ހަދަން ކަމަށް ހެއްޔެވެ.
ދަތްކޮއްޓާ އިލޮށިކޮޅެއްހާ ހިސާބުވެސް އުފެއްދުންތެރިކަމެއް ނެތް ރާއްޖެ ހާލުގައި ޖެހެމުން ދާތަން ނުފެންނަނީ ހެއްޔެވެ. ބައިހަރަމަށް އަތްނަގައިގެން ދިދައަށް ބަލަހައްޓައިގެން ހުރެ ގައުމީ ސަލާން ކިޔަކަސް ގައުމު އޮތް ހާލަތުން އަރައިގަނެވޭކަށް ނެތެވެ. ތިންއިރު ކާބޭހެއްހެން ކުރީސަރުކާރޭ ކިޔާލަ ކިޔާލާ ހުރެގެން އޮތް ހާލަތު ނެތް ހާލަތަކަށް ބަދަލެއް ނުވާނެއެވެ. ރާއްޖޭގެ ހާލަތު އޮތްގޮތް ރަނގަޅަށް އެގޭކަމަށާއި އަތުގައި ހައްލު އޮތް ކަމަށް ބުނެ ވެރިކަން ހޯދައިގެން ހަވާނީ ކޮން ހަޑިއެއް ހެއްޔެވެ.
މީގެކުރިންވެސް ރާއްޖޭން ރައްޔިތުންގެ ޑީމާންޑްތަކަށް ކޭޓަރކުރުމަށް ލޯނު ނެގުމާއި ލޯނު ދެއްކުމާއި ލޯނު ރިސްޓްރަކްޗަރ ކުރުމާއި ރިފައިނޭންސް ކުރުމަކީ ކުރަމުން އައި ކަންކަމެވެ. ބަޖެޓް ސަޕޯޓަކީވެސް ހޯދާއެއްޗެކެވެ. އެކަންކަން ކުރެވުނީ ނުފޫޒު ގަދަ ގައުމުތަކާއެކު ބާއްވަމުން އައި އިތުބާރުކުރެވޭ ގުޅުމުގެ ތެރެއިންނެވެ.
ރަނގަޅަށް ހިނގަ ހިނގާ އޮތް ފަތުރުވެރިކަމުގެ ސިނާއަތު ވެރިކަމަށް އެރިގޮތަށް އަރާ ފުޑާލައިފިއެވެ. އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ ގައުމާ ދިމާކޮށް އެމީހުން ރާއްޖޭ ބޮއިކޮޓްކުރާ ވަރަށް ގޯހުން ގޯހަށް ދުއްވާލީ ގައިމުވެސް ކުރީ ސަރުކާރަކުން ނޫނެވެ. ފަތުރުވެރި ކަމުގެ އާޖުފާޖު ނުދަންނަ ވަޒީރަކު ލައިގެން ދުނިޔޭގެ އެންމެ ވަރުގަދަ ފަތުރުވެރި ކަމުގެ މަންޒިލުގެ އަގުވައްޓާލީ ކުރީ ސަރުކާރަކުން ނޫނެވެ.
އިންޑިއާ އާއި ޖެހިގެން ވަރުން ކުރި އިތުބާރަށް ލޮޅުންއަރާ ކަންކަން ގޯހުން ގޯހަށް ދިޔައީއެވެ. ގޮތް ހުސްވެ ފައިބުޑަށް ވެއްޓި ސަލާން ޖެހުމުން ކޮށްދޭ ކަންކަން ހިތުލޯބިން ކޮށްދޭ ކަންކަމާ ތަފާތުވާނެއެވެ. އުންމީދު ކުރިގޮތާ ހިލާފަށް ޗައިނާވެސް އޮތީ ވާގޮތް ބަލާށެވެ.
ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ޖެހިފައިވާ ހާލަކީ އަބަދުވެސް ދިވެހިން ހަމްދަރުދީ ވާކަމެކެވެ. ވެވުނު ގޮތަކުން ވެދެވެން އޮތްހާ އެހީތެރިކަމެއް ފަލަސްތީނަށް ދިވެހިންވެއެވެ. އެހެނެކޭ ކިޔާފާ އާރާ ބާރުހުރި ބޮޑެތި އިސްލާމީ ގައުމުތަކުންވެސް ނުކުރެވިގެން އުޅޭ ކަންކަން އިޒްރޭލާއި ދެކޮޅަށް ރާއްޖޭން ކުރަން ދިމާކުރުމުން އެކަމުގެ ދަތިތައް ކުރިމަނުވެ ނުދާނެކަމީ ދުނިޔެ ދައްކާ ހަގީގަތެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރި ނަން އެޅި އެކަންނުވެ ފުޅަނގީގެ ހާލަށް ރާއްޖެ ވައްޓާލުމުން އެކަމުގެ އުގޫބާތް ދުނިޔޭން ދެމުން ދަނީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުންނެވެ.
މުޅި ދުނިޔޭގެ މާލީ ނިޒާމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ މައިގަނޑު ކޮންޓްރޯލު އޮތީ މިއަދު ޒަޔަނިސްޓުންގެ އަތްމަތީގައެވެ. އދ މަޖިލީހުގެ ބާރުތައް ވެސް ކޮންޓްރޯލް ކުރަނީ އެމީހުންނެވެ. ފުދުންތެރި ބާރުވެރި މުސްލިމް ގައުމުތައްވެސް ހިތާދެކޮޅަށް ހަނު ތިބެނީ ފަލަސްތީނުގެ ހާލަތަށް އެގައުމުތަކުގެ ރައްޔިތުން ވައްޓާލާ މުޅި ދުނިޔެ ހަނގުރާމައިގެ މައިދާނަކަށް ބަދަލުކުރަން ބޭނުން ނުވާތީއެވެ. އޭރުން ހާލުގައިޖެހޭ މުސްލިމުންގެ އަދަދު މާ ގިނަވާނެތީއެވެ. ބޭނުން ނުވިޔަސް މީއީވެސް ގަބޫލުކުރަން ޖެހިފައިވާ ހިތި ހަގީގަތެކެވެ.
ވެރިކަން ލިބިގެން ވަގުތުގެ ޖަޒްބާތުގައި ޖެހި މުއިއްޒުގެ ދުނިޔެ ރަންވުމުން ބަނޑުހައި ހޫނުކަމަށް ވެއްޓެން މިދަނީ ދިވެހި ރައްޔިތުންނެވެ. ކަންކަން ހަމަޔަކަށް އަޅުވާން އުޅޭގޮތް ދެއްކިޔަސް އެއްވެސް ކަމެއް ކުރަނީ އެއްވެސް އިހުލާތެރިކަމަކާ ހަމައަކުން ނޫނެވެ.
ވިސްނާ ފިކުރު ކުރާށެވެ. ދުނިޔޭގައި އެންމެ އަގެއް ނެތް ސްކޫކަކީ ރާއްޖޭގެ ސްކޫކް ކަމަށްވެ އަންނަ އޮކްޓޯބަރ އަށަކަށް ސްކޫކް ނުދެއްކިއްޖެނަމަ ރާއްޖޭ ޖެހޭނެ ހާލެއްވެސް ނޭގެއެވެ. ފެނިގެން ނަގާ ބޮޑުވަމުން އަންނަ ރާޅުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މުއިއްޒު އުޅެނީ ނެތް ހާލަތެއް ކަމަށް ދައްކާށެވެ. ކުލީ ގަލަންތައް މެދުވެރިކޮށްގެންވެސް ކުރާކަމަކީ ދުނިޔޭގެ ރޭޓިންގ އެޖޭސީތަކަކީ ބުރަދަނެއް ނެތް އިތުބާރު ނުހިފޭ ތަންތަންކަމަށް ރައްޔިތުންނަށް ދައްކައިގެން އޮޅުވާލުމެވެ.